Advertisement

އިސްރާއީލް މައްސަލަ، ޖަމީލް ދީދީގެ ހުތުބާ އަދި އިސްތިއުފާ

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


އިސްރާއީލް މައްސަލަ، ޖަމީލް ދީދީގެ ހުތުބާ އަދި އިސްތިއުފާ

ހިނގަމުންދަނީ 1967 ވަނަ އަހަރުގެ އަރަބި-އިސްރާއީލް ހަނގުރާމަ އެވެ. މިސްރު އިއްތިހާދާއި އިސްރާއީލުގެ ފައުޖުތަކުން ހަމަލާތައް ބަދަލުކުރަމުން ދިޔައިރު، ދިވެހިރާއްޖެ އާ ހަމަޔަށް ވެސް ހަނގުރާމައިގެ ހަބަރުތައް އައީ ފޭދެމުންނެވެ. މާލޭގައި ރޭޑިއޯ ހުރި މަދު ގެތަކުގެ ތެރެއިން މާފަންނު ރީހުއްސަބާ އަށް ކޮންމެ ދުވަހަކު ވެސް ހަބަރުތައް އެހުމަށް މީހުން ޖަމާވެ އެވެ. އެގޭ އިބްރާހިމް ހަސަން އަދި އައްޝޭހު އުމަރު އީސާ ގެންދެވީ މިސްރުގެ "ސައުތުލް އަރަބި މިނަލް ގާހިރާ ރޭޑިއޯ" އިން ފޮނުވަމުން ދިޔަ ހަބަރުތައް، ދިވެއްސަށް ތަރުޖަމާކޮށް، ގެޔަށް ޖަމާވެފައި ތިބި މީހުންނަށް ދެމުންނެވެ. ފުޓްބޯޅަ ކޮމެންޓްރީހެން އިބްރާހިމް ހަސަން ހަނގުރާމަ ރިލޭ ކުރަމުން ދިޔައިރު އަރަބި ކޯލިޝަނަށް ލިބޭ ކޮންމެ ނަސްރަކާ އެކު، މީހުންގަނޑު ޖޯޝާއި ފޯރިން އުތުރިއަރައިގަނެވެ. އެއް ފަހަރަކު ފޯރިގަދަވި ވަގުތެއްގައި މީހުންގަނޑު ފުމެގަނެ އެގޭ އެނދުގެ ދެ ތިން މަޅުގަނޑެއް ވެސް ބިންދާލި އެވެ.

އެކަމަކު ދިވެހީން އޭރު ވަރަށް ލޯބިވި ވެރިއެއްކަމުގައިވާ މިސްރުގެ ރައީސް ޖަމާލް އަބްދުއްނާސިރުގެ ލީޑަރުކަމުގައި މިސްރު އިސްވެ ކުރި، މަޝްހޫރު ހަ ދުވަހުގެ ހަނގުރާމައިން އިސްރާއީލް އަތުން އަރަބިން ބަލިވީ އެވެ. ނަތީޖާއަކަށްވީ އިސްރާއީލުން އިރުމަތީ ގުދުސް ހިފައި، ގާޒާ ހިމެނޭ ހުޅަނގު އައްސޭރީގެ ސަރަހައްދާއި ގޯލާންގެ އުސްބިންތަކާއި މިސްރުގެ ސީނާ ފޭރިގަތުމެވެ. އެއީ ދިވެހީން ވެސް ހިމެނޭ ގޮތަށް މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ދެރަ އެކެވެ.

އޭގެ ދެ އަހަރު ކުރިން އޮކްޓޫބަރު 29، 1965 ގައި އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖޭން ވަނީ އިސްރާއީލާ އެކު ހާރިޖީ ގުޅުން ގާއިމްކޮށްފަ އެވެ. ޔަހޫދީ ދައުލަތް ވެގެންދިޔައީ، އެ އަހަރު އިނގިރޭސިންގެ އަތްދަށުން ރާއްޖެ އަށް މިނިވަންކަން ލިބުމުން މި ޖަޒީރާ ގައުމު ބަލައިގެން ތިން ވަނަ ގައުމަށެވެ. އަދި ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ފަހުން ރާއްޖެ އަށް ޒިޔާރަތްކުރި ބޭރު ދައުލަތުގެ ފުރަތަމަ ސަފީރުގެ ގޮތުގައި އިސްރާއީލްގެ ސަފީރު އަބްރަހަމް ޑަރޯމް އެ އަހަރުގެ ޑިސެމްބަރު 27 ގައި މާލެ ވަޑައިގަތެވެ. އޭގެ ދެ ދުވަސް ފަހުން އޭނާ ރަދުން އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލް އަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމާ އެކު ރާއްޖެ ވެގެންދިޔައީ އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރި މުސްލިމް ފުރަތަމަ ގައުމަށެވެ.

އެކަން ވެގެންދިޔައީ ދިވެހީންގެ ތެރޭގައި ނުރުހުމުގެ ރާޅެއް އުފެދުނު ކަމަކަށެވެ. އުއްތަމަ ފަނޑިޔާރު މަނިކުފާނު އައްޝައިހުލް އުސްތާޒް މުހައްމަދު ޖަމީލު ދީދީ ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެން، ޔަހޫދީންނާ އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ޝަރުއިއްޔާ އިން ނެރޭ ޝުއުލާ މަޖައްލާގައި ލިޔުއްވި އެވެ. އަދި ޖަމީލް ދީދީގެ ކުއްޅަވައްގޭ ކިލާހުން ނެރޭ އަލް ޖިހާދުގައި މަޖައްލާގައި މަދަރަސާދޮށުގޭ މުހައްމަދު އަހުމަދު މަނިކު ވަރުގަދަ މަޒުމޫނެއް ލިޔުއްވި އެވެ.

ޖަމީލް ދީދި 1958 ވަނަ އަހަރު ދަރުމަވަންތަ މިސްކިތުގައި ހުކުރު ހުތުބާއެއް ދެއްވަން ވަޑައިގަންނަވަނީ.


ޖަމީލް ދީދީގެ ހިތްޕުޅުހަމަނުޖެހުން ބޮޑުވީ، 1967 ގެ ހަ ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން އަރަބި އިސްލާމުންގެ ބިންތައް ފޭރިގަތުމުންނެވެ. އެގޮތުން ހުކުރު ހުތުބާގައި، ޔަހޫދީންގެ ފަރާތުން އިސްލާމުންނަށް ލިބޭ އަނިޔާތަކުގެ ވާހަކަ އަސަރާ އެކު ވިދާޅުވެދެއްވި އެވެ. އެމެރިކާ ރައީސް މިއަދު ހެނދުނު ނާސްތާ އަށް ފަރިއްކުޅުވީ ކޯޗެއްކަން ވެސް ދިވެހީންނަށް އެނގޭ ކަމަށާއި އެކަމަކު ފަލަސްތީނުގައި އިސްލާމުންނަށް ލިބެމުންދާ އަނިޔާތައް ނޭގޭ ކަމަށް ވިދާޅުވެ، އިސްރާއީލުގެ އުދުވާންތަކާ ދެކޮޅަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.

އެކަން ބޮޑުވަޒީރު އިބްރާހިމް ނާސިރު ނެންގެވީ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ވާހަކަ ދެއްކެވި ދެއްކެވުމެއްގެ ގޮތުގަ އެވެ. އެކަން އެނގެނީ، ހުތުބާ ވަގުތުން ދުރަށް ފޮނުވި މައްސަލައިގައި މޯލްޑިވް އައިލެންޑްސް ބްރޯޑްކާސްޓިން ސްޓޭޝަން (އެމްއައިބީއެސް) ގެ ސެކްރެޓަރީ އައްބާސް އިބްރާހިމްއާ، ނާސިރު ސުވާލުކުރެއްވުމުންނެވެ. ސަރުކާރުގެ ސިޔާސަތުތަކާ ހިލާފު އެއްޗެއް ރޭޑިއޯ އިން ފޮނުވައިގެން ނުވާނެ ކަމަށް އަންގައި ސޮއިކުރުވާފައިވަނިކޮށް، ހުތުބާ ދުރަށް ފޮނުވި މައްސަލައިގައި ސުވާލުކުރެއްވުމުން އައްބާސް ވިދާޅުވީ، ޖަމީލް ދީދީ ދެއްކެވީ އެފަދަ ވާހަކައެއް ކަމެއް ނޭގޭ ކަމަށާއި އަމުދުން އުއްތަމަ ފަނޑިޔާރުމަނިކުފާނު ސިޔާސަތާ ހިލާފު ވާހަކައެއް ދައްކަވަފާނެ ކަމަށް ހީފުޅުނުކުރައްވާ ކަމަށެވެ. އައްބާހަށް، ނާސިރު ވިސްނަވައިދެއްވަމުން ވިދާޅުވީ އިނގިރޭސިން އޮތީ އިސްރާއިލާ އެކު ކަމަށާއި އެހެންވެ އިސްރާއިލާ ދެކޮޅަށް ވާހަކަ ދައްކާ ނަމަ ރާއްޖެ އަކީ ރައްކާތެރި ބަނދަރަކަށް ނުވެ ރާއްޖެ އަށް މުދާ ލިބުން ދަތިވެދާނެ ކަމަށެވެ.

އޭރު އޮތީ އަލް ޖިހާދު މަޖައްލާގައި އިސްރާއީލާ ދެކޮޅަށް ކުރިން ލިޔުނު ލިޔުންތަކުގެ ކޮޕީތަކެއް މާލޭގެ މަގުތަކަށް އަޅައިފަ އެވެ. އެހެންވެ އެކަން ސިޔާސީ ކަމެއްގެ ގޮތުގައި ނާސިރު ނެންގެވީ ކަމަށް ވެސް ބެލެވިދާނެ އެވެ. ކޮންމެ އަކަސް، ހުތުބާއާ ގުޅިގެން ނާސިރު މަންދޫބުންތަކެއް ޖަމީލް ދީދީގެ އަރިހަށް ފޮނުއްވައި އެންގެވީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ނުދެއްކެވުމަށެވެ. އެކަމަކު ޖަމީލް ދީދީ ދެއްކެވީ، ޝަރުއިއްޔާ އަކީ މުސްތަގިއްލު ތަނެއް ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ މާއްދާ އެވެ. އެ ހިސާބުން ނާސިރު ވެސް ހަތިޔާރު ނެންގެވި އެވެ.

"..އެ ދުވަހުން ފެށިގެން ޝަރުއިއްޔާގެ އިދާރީކަމަކާ ވިޔަސް ސަރުކާރުން ބެހިވަޑައިނުގަންނަވާނެ ކަމަށް އަންގަވައި ޝަރުއިއްޔާގެ އިމާރަތް މަރާމާތުކުރުމުން ފެށިގެން ގޮނޑި މޭޒު ފޮތް ފަންސުރު ހޯދުމާއި އެތަނުގެ މުވައްޒަފުންގެ މުސާރަ ދެއްވުމަކީ ވެސް އުއްތަމަ ފަނޑިޔާރު އަމިއްލަފުޅަށް ކުރައްވަންވީ ކަމެއް ކަމުގައި ހައްދަވައި ސަރުކާރުން އެއީ އެއްވެސް ކަމަކާ ބެހިވަޑައި ނުގަންނވާނެކަމުގައި ދެންނެވުނެވެ،" ގަރުނު ފޮތުގައި ބަޔާންކޮށްފައިވެ އެވެ.

އިސްރާއީލް ސަފީރު 1969 ވަނަ އަހަރު ރައީސް ނާސިރު އަށް ފަތްކޮޅު އަރުވަނީ. --ފޮޓޯ: ނެޝަނަލް އާކައިވްސް


ނާސިރު ކުރެއްވި ޖެއްސުން ވެގެންދިޔައީ ޝަރުއިއްޔާ ހިންގަވަން ޖަމީލް ދީދީ އަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ދައްޗަކަށެވެ. ސަބަބަކީ ޝަރުއިއްޔާ އިން ޝަރީއަތް ހިންގި ނަމަވެސް އެތަނުގެ ކާތިބުންނާއި ދޭވާނީންނާއި ޕިޔޯނުންނަކީ ސަރުކާރުގެ މުވައްޒަފުންނަށް ވެފައި އަދި ކުށްވެރިންނަށް އަދަބު ދިނުމަކީ ދާހިލިއްޔާގެ ޒިންމާއަކަށް ވުމެވެ. އެކަމަކު ޖަމީލް ދީދީ ހުންނެވީ ކުރިއަށް ވަޑައިގަންނަވާ ގޮތަށެވެ. އެހެންވިޔަސް ބައެއް ބޭބޭފުޅުންގެ ލަފާގެ މަތިން ޖޫން 13، 1967 ގައި އެމަނިކުފާނު އިސްތިއުފާ ދެއްވީ އެވެ.

"އެއާ އެކު ގާނޫނު އަސާސީގެ 66 ވަނަ މާއްދާފައި ބުނާ ފަނޑިޔާރުކަމުގެ ވަލީ ވަޒީރުލްއައުޒަމް (ބޮޑުވަޒީރު) އަށް ފެނިވަޑައިގަންނަވާ ބޭފުޅާކާ ހަވާލު ކުރެއްވުމުގެ އިހްތިޔާރު ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން ވަޒީރުލްއައުޒަމަށް ދެއްވި އެވެ." ގަރުނު ފޮތުގައިވެ އެވެ.

އެ އިހުތިޔާރުގެ ދަށުން ނާސިރު ހެއްދެވި ގޮތަކީ ބޮޑުވަޒީރުގެ އޮފީހުގެ ށ. އުފައްދަވާ އޭގެ ދަށަށް ޝަރުއިއްޔާ ބަދަލުކުރެއްވީ އެވެ. އަދި އަލްއުސްތާޒް މޫސާ ފަތުހީ އަށް ވަޒީރުލްއައުޒަމްގެ ނާއިބްކަން ދެއްވައި، އެމަނިކުފާނާ ޝަރުއިއްޔާ ހިންގެވުން ހަވާލުކުރެއްވީ އެވެ. އެކަން ވެގެންދިޔައީ، ސަރުކާރާ ވަކިން ހިނގަމުން އައި ރާއްޖޭގެ ފަނޑިޔާރުގެ ސަރުކާރުގެ ދަށަށް ދިއުމަށެވެ. އަދި 2008 ވަނަ އަހަރު ފެހި ގާނޫނު އަސާސީ ތަސްދީގުވުމާ ހަމަޔަށް އެކަން ދެމި އޮތީ އެގޮތަށެވެ.

ސުވާލަކީ، ނާސިރުގެ ސަރުކާރުން އިސްރާއީލާ ގުޅުން ގާއިމްކުރެއްވީ ކީއްވެތޯ އެވެ؟ އެއީ އިނގިރޭސިންގެ ދާހިލީ އަޅުވެތިކަމުގެ ކަސްތޮޅުން ނެއްޓުނު ވަގުތު އެންމެ ފުރަތަމަ އަތްދިއްކުރި ގައުމަށް ފުރަގަސްނުދޭން ނާސިރު ކުރެއްވި ކަމެއް ހެއްޔެވެ؟ ނުވަތަ ރާއްޖެ އ.ދ ގެ މެމްބަރު ގައުމަކަށް ވެފައި، އިސްރާއީލަކީ ވެސް އެ ޖަމާއަތުގެ މެމްބަރަކަށް ވާތީ، އެއް ކުޑައެއްގެ ދަށުގައި އޮންނައިރު ވަކި އެ ގައުމާ ގުޅުން ގާއިމްނުކުރުމަކީ މާނައެއް ނެތް ކަމެއް ކަމަށް ނާސިރަށް ގަބޫލުފުޅުކުރެއްވިގެން ކުރެއްވި ކަމެއް ހެއްޔެވެ؟

އެމެރިކާގެ ނޫސް އެޖެންސީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ޖޯ މެކްގޮވާން 1967 ވަނަ އަހަރު ރާއްޖެއާ ބެހޭގޮތުން ލިޔުނު ރިޕޯޓަކަށް އޭރުގެ ހާރިޖީ ވަޒީރުގެ ނާއިބް އުތުރުގޭ އަބްދުﷲ ޚަލީލް ދެއްވި ބަސްދީގަތުމަކުން އެ ސުވާލަށް ޒާތެއްގެ ޖަވާބެއް ލިބެ އެވެ. ޚަލީލް ވިދާޅުވީ ރާއްޖޭން މަސައްކަތްކުރަނީ ވީ އެންމެ ބޮޑަކަށް ވަކި އަތަކަށް ނުޖެހި ތިބުމަށް ކަމަށާއި ރާއްޖެއާ އެކުވެރިވާން ބޭނުން ކޮންމެ ބަޔަކާ އެކުވެރިވާން ރާއްޖެ ބޭނުންވާ ކަމަށެވެ.

އެ ރިޕޯޓުގައި މެކްގޮވާން ލިޔުނު ގޮތުގައި ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށާއި އެހެން ދީނެއް ހުއްދަ ނޫން ކަމަށައި އެކަމަކު އަރަބި ބައެއް ގައުމުތަކާ ރާއްޖޭގެ ގުޅުން އެހާ ރަނގަޅު ނޫން ކަމަށެވެ.

"އެއީ އަހަރެމެން އިސްރާއީލް ބަލައިގަތުމުން،" ޚަލީލް ޖަވާބުދެއްވި އެވެ.

ރާއްޖެ އާއި އިސްރާއީލްގެ ސިޔާސީ ގުޅުން އެގޮތުގައި ދަނިކޮށް، ގުޅުން ސަސްޕެންޑްކުރަން ނާސިރަށް މަޖުބޫރުވި އެއް ސަބަބަކީ ވެސް އަރަބިންގެ ޕްރެޝަރެވެ. އޭރުގެ ކަންކަން އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެލްއެސް) ގެ އާގުބޯޓުތަކަށް މިސްރުގެ ސުވޭސް ކެނެލް ހުރަސްކުރުމަށް ދަތިކުރުން ފަދަ ކަންކަން ކުރިމަތިވި ކަމަށެވެ. އޭގެ ކުރިން، މިސްރުގައި ކިޔަވަން ތިބި ދަރިވަރުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ފަތުހުﷲ ޖަމީލާއި ޑރ. މުހައްމަދު ޒާހިރު ހުސެއިން ފަދަ ބޭފުޅުން ވެސް އިސްރާއީލް މައްސަލައިގައި ސަރުކާރަށް ނުހުރުން ފާޅުކުރި އެވެ. އެކަމަކު ސަރުކާރުން އެ ކުދިންގެ ބެލެނެވެރިންނަށް އެންގީ، ކިޔަވާ ކުދިން ސަރުކާރުގެ ސިޔާސަތުތަކާ ބެހިގެންނުވާނެ ކަމަށެވެ.

ކަން ދިމާވި ގޮތުން އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނުގެ ހައްގުގައި ސިޔާސީ ގޮތުން ރާއްޖޭން ވާހަކަދައްކަން ފެށީ، އޭގެ އަހަރުތަކެއް ފަހުން، އެ ކިޔަވާކުދީންގެ ތެރޭ ހިމެނުނު މައުމޫން ރާއްޖޭގެ ރައީސްކަމަށް، ވަޑައިގެންނެވި ހިސާބުންނެވެ. އެގޮތުން ޑިސެމްބަރު 15، 1980 ގައި ރައީސް މައުމޫނުގެ ރައީސްކަމުގައި ރާއްޖޭން ވަނީ އިސްރާއީލުގައި އުފެދޭ އަދި އުފައްދާ ތަކެތިކަން އެނގޭ އެއްވެސް އެއްޗެއް ރާއްޖެ އަށް އެތެރެކުރުމާއި އަދި ރާއްޖޭގެ އެފަދަ ތަކެތީގެ ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށް ނިންމަވައިފަ އެވެ.

"މިކަން މި ހަމަޖެއްސުނީ މުސްލިމުންގެ މުގައްދަސް ބިމެއް ކަމުގައިވާ ގުދުސް މިނިވަން ކުރުމަށް ކުރެވޭ ބައިނަލްއަގްވާމީ މަސައްކަތުގައި ދިވެހި ރާއްޖެ ވެސް ބައިވެރިވަމުންދާ ވަގުތެއްގައި އިޒްރޭލުގައި އުފެދޭ ނުވަތަ އުފައްދާ ތަކެތި ރާއްޖެ އަށް އެތެރެކޮށް ރާއްޖޭގައި އެތަކެތީގެ ވިޔަފާރި ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ކަމަށް ފެނިވަޑައިގައި ނުގަންނަވާތީ އެވެ." ރައީސް އޮފީހުން ބުނެފައިވެ އެވެ.

ޔާސިރު އަރަފާތު 1984 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި މައުމޫން އަރިހުގައި. --ފޮޓޯ: ވޮނަދަނަ ރާއްޖެ


އޭގެ ހަތަރު އަހަރު ފަހުން، 1984 ގައި ރައީސް މައުމޫނުގެ ދައުވަތަކަށް ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ޗެއާމަން ޔާސިރު އަރަފާތު ރާއްޖެ ވަޑައިގަތެވެ. އޭނާގެ ކުއްލި ދަތުރުފުޅުން ދިވެހީންނަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ. އަދި އެކަން ވެގެންދިޔައީ، އިސްރާއީލާ ގުޅުން ބަދަހިކުރުމުން އަރަބި އިސްލާމުންގެ ނުރުހުން އަމާޒުވެފައި އޮތް ރާއްޖޭގެ ސިޔާސަތު ބަދަލުވެ، ފަލަސްތީނުގެ ހުއްރިއްޔަތަށް ދިވެހީން، މުޅި ދުނިޔެ އަށް ދިން ވަރުގަދަ މެސެޖަކަށެވެ. ރައީސް މައުމޫނުގެ ހާރިޖީ އެ ނިންމެވުންތަކުގެ އާރުކާޓީ އަކީ، 1967 ގައި އިސްރާއީލް މައްސަލައިގައި ރާއްޖޭން އަޑުއުފުލެއްވި ޝޭހު ޖަމީލް ދީދީގެ ދަރިކަލުން، އޭރުގެ ހާރިޖީ ވަޒީރު ފަތުހުﷲ ޖަމީލެވެ.