ރ. މާކުރަތުގައި އުމުރުން ދުވަސްވީ މީހުން، އެއްވެ ވާހަކަދައްކާލަނީ. --ފޮޓޯ: ހުސެއިން ވަހީދު
ހުމައިދާ އަބްދުލްޢަފޫރު
ދުނިޔޭގައި ގާއިމްކޮށްފައިވާ އެކުވެރި ދައުލަތްތަކުގެ ވިއުގައިގެ ފަރާތުން އެކި ބާވަތުގެ ދުވަސްތައް ފާހަގަކުރާކަން އެއީ ދިވެހީންގެ ތެރޭގައި ގާތްގަނޑަކަށް އެންމެން ވެސް ދަންނާނެ ކަމެކެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ، އަންހެނުންގެ ދުވަހާ، ޓީޗަރުންގެ ދުވަހާ، ނަރުހުންގެ ދުވަހާ، ޑޮކްޓަރުންގެ ދުވަސް ވެސް ރާއްޖޭގައި ފާހަގަ ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ދުނިޔޭގެ ސިއްހަތު ދުވަހާ، ތިމާވެށީގެ ދުވަހާ، އާބާދީއާ ތަރައްގީގެ ދުވަހާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ، އިންސާނީ ހައްގުތަކުގެ ދުވަސްތަކަކީ ވެސް ދިވެހި ދައުލަތުން އިސްކަންދީގެން ކޮންމެ އަހަރަކު ފާހަގަކުރާ މުހިންމު ދުވަސްތަކެވެ.
ނަމަވެސް "އަމާންކަމާއެކު، އެކުގައި ދިރިއުޅުމަށް" ބާރުއެޅުމަށް ދުވަހެއް ކަނޑައަޅާފައިވާކަން އަހަންނަށް ވެސް އެނގުނީ ދާދި މިދާކަށްދުވަހު އެވެ. އ.ދ. ގެ އާންމު މަޖިލިހުން މިފަދަ ދުވަހެއް ކަނޑައެޅީ 2017 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައި، އެ މަޖިލިހުން ފާސްކުރި 130/72 ނަމްބަރު ގަރާރުންނެވެ. އަދި އެދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 16 ވަނަ ދުވަސްކަމަށް އެ ގަރާރުން ކަނޑައެޅުނެވެ.
އެހެންކަމުން، މިއަދަކީ އަމާންކަމާއެކު، އެކުގައި ދިރިއުޅުމަށް ބާރުއަޅާ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހެވެ.
މިފަދަ ދުވަހެއް އެ މަޖިލިހުން ކަނޑައެޅުމުގައި ފާހަގަކުރާ މުހިންމު ދެ ނުކުތާއަކަށް ބަލާލާނަމެވެ.
އެއް ނުކުތާއަކީ، އ.ދ. އުފެދިގެންއައި އައުމަކީ ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމައިގެ ބޮޑު ގެއްލުމާ ހިތްދަތިކަމާ ބިރުވެރިކަމުގެ އަނދިރިގަނޑުން ނުކުތުމަށް ދައުލަތްތަކުން އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ކަމަށްވުމެވެ. އަދި އ.ދ. އުފެއްދީ އަންނާން އޮތް ޖީލުތައް ހަނގުރާމައިގެ މުސީބާތުން ސަލާމަތްކުރުމުގެ މަތިވެރި ނިޔަތުގައި ކަމެވެ. ދެވަނަ ނުކުތާއަކީ، މި ގަރާރު އައިސްފައިވަނީ އ.ދ. ގެ ތައުލީމީ، ސައިންސް އަދި ސަގާފީ ކަންކަމާ ބެހޭ ގުނަވަން (ޔުނެސްކޯ) ގެ އަސާސީ ގަވާއިދު ގައިވާ މުހިއްމު މަފްހޫމެއްގެ މައްޗަށް ރިއާޔަތްކޮށް ކަމެވެ. އެ މަފްހޫމަކީ؛
މި މަފްހޫމުން އަހަންނަށް ލިބޭ މުހިންމު މެސެޖަކީ މުޖުތަމައެއްގައި އަމާންކަން ގެއްލިދިއުމަކީ އެބައެއްގެ މިނިވަންކަން ވެސް ގެއްލުމުގެ މަގުހުޅުވޭ ހިސާބު ކަމެވެ. އަމާންކަން ނެތިގޮސްފައިވާ މުޖުތަމައުތަކަށް ނަޒަރުކުރީމާ ފެންނަންއޮތް ހަގީގަތަކީ ވެސް މިއީ އެވެ. މުޖުތަމައެއްގެ ތެރޭގައި އަމާންކަމާ މިނިވަންކަމާ އޮންނަނީ ލާމެހިފަ އެވެ.
މި ފަދަ ދުވަހެއް ދުނިޔޭގައި 2018 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުންދާއިރު، ރާއްޖެއަށް މުހިންމު ނުވެއޮތް ސަބަބުތަކެއް ހުރެދާނެ އެވެ. ދިވެހިރާއްޖޭގެ އެތެރެއާ ބޭރުގައި ވެސް ދިވެހި ދައުލަތުން އަބަދުވެސް ރާއްޖެ ސިފަކުރަމުންދަނީ "އަމާން" ވެށްޓެއްގެ ގޮތުގަ އެވެ. ދިވެހިރާއްޖެ އަކީ އެންމެން ވެސް ދަންނަ އެއް ބަހަކުން ވާހަކަދައްކާ އެއް އަކުރު ބަޔަކުން ލިޔެކިޔަން ދަންނަ ބަޔަކު އުޅޭ ގައުމެކެވެ. ދިވެހީން ޒަމާނުއްސުރެ އުޅެމުން އައިސްފައިވަނީ އެއް ދީނަކަށެވެ. ރާއްޖޭގެ ރަށްތަކަކީ ގުދުރަތީގޮތުން ދުރުދުރުގައި އަތުރާލެވިފައިވާ ކުދި ޖަޒީރާ ރަށްތަކަކަށް ވީނަމަވެސް، އަދި ގުދުރަތީ ގޮތުން މުއްސަނދި ތަފާތު ވެށިތަކެއް ހުންނަ ތަންތަނަށް ވީނަމަވެސް، އެ ރަށްތަކަކީ ވެސް އުފެދުމުގެ އަސާސީ ކަންކަމަށް ބަލާއިރު ވަރަށް އެއްގޮތް ސިފަތަކެއް ލިބިފައިވާ ރަށްރަށެވެ.
އަދި މައިގަނޑު ގޮތެއްގައި ދިވެހީންގެ ސަގާފަތަކީ ބަހާ، ދީނާ، ތާރީހާ، ގުދުރަތީ ވެށްޓާ އޭގައި އުޅެވެން އޮތް ގޮތްތަކާ، ކެއިންބުއިމާ، ފަންނުވެރިކަމާ، ރާއްޖޭގެ އެތެރެއާއި ބޭރަށް ދަތުރުފަތުރު ކުރުމާ، ވިޔަފާރިކުރުމާ، ހިދުމަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތުގެ އިތުރުން، ދިވެހީންގެ ބަދަހިކަމާ ވެސް ގުޅިފައިވާ އެއްޗެކެވެ. ދިވެހީންނަކީ ދިގު ތާރީހެއްގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ނަސްލުތަކާ މަސްހުނިވެ އުފެދިފައިވާ "ދިވެހި ދަރިފަސްކޮޅެކޭ" ބުނުމަކީ ކުށަކަށް ނުވާނެ އެވެ. އަދި ރާއްޖޭގެ މުއްސަނދި ތާރީހުގެ ތެރެއިން، އިޖްތިމާއީ ގޮތުން ބަލާނަމަ ދިވެހީންނަކީ "އެއް ނަސްލެއް" ކަމަށް ދެކެވޭނެ ފަދަ އެއްގޮތްކަމެއް އޮތްކަން ބަލައިގަންނަ ބައެކެވެ. ދިވެހީން ދެކެނީ ދިވެހީންނަކީ ދިވެހީންކަމެވެ. ދިވެހީން ވާހަކަދައްކަނީ ދިވެހިންނެވެ. ދިވެހީންގެ ގައުމަކީ ދިވެހިރާއްޖެ އެވެ. ދިވެހީންގެ ތެރޭގައި "ދިވެހި ވަންތަކަމެއް" އޮންނަކަމަކީ ވެސް ދިވެހީން ގަބޫލުކުރާ އެއްޗެކެވެ. ދިވެހީންނަކީ "އެއް ބައެއް" ކަމާ، ދިވެހީންގެ ތެރޭގައި "އެއް ބައެއް ވަންތަ" ކަން އޮތުމަކީވެސް އެދެވޭ ކަމެއްކަމުގައި ދިވެހީން ދެކެ އެވެ. މިއީ ހައްތާވެސް އަމާންކަމާއެކު ދިރިއުޅުމަށް ދިވެހީންގެ ތެރޭ ފަހިވެފައިވާ ކަންކަން ކަމަށް ބެލެވިދާނެ އެވެ.
ނަމަވެސް އެކި ގޮތްގޮތުން ބަދަލުވަމުންދާ ބޮޑު ދުނިޔެއެއްގައި ކުޑަ ދިވެހިރާއްޖެ އޮންނައިރު، މަތީގައި ދެންނެވުނު "އެއް" ހުރިހާ ކަންކަން އެއްގޮތަކަށް އޮތުމަކީ ދުނިޔެހިނގާ އުސޫލު ނޫންކަން އެއީ ވެސް ހަގީގަތެވެ. އަދި މަތީގައި ދެންނެވުނު "އެއް" ހުރިހާކަމަކީ އޭގެ ކޮންމެ ބަޔަކަށް ވަކިވަކިން ކުޑަ ވަގުތުކޮޅަކަށް ފިކުރު ހިންގައިފި ނަމަވެސް، މަތިފުށުން ކުރަހާލެވޭ "އެއް" ގޮތް ކަން އެގޮތަކަށް ނޯންނާނެކަން ވެސް ސާފުވާނެ އެއްޗެކެވެ. ގުދުރަތުގެ އަސާސީ އާންމު އެއް އުސޫލަކީ ދެ އިންސާނުންނަކީ ވެސް ހުރިހާ ގޮތަކުން އެއްގޮތް މީހުނަށް ނުވުމެވެ. އެއް ރަހިމެއްގައި ގަރުބަގަނެ، ހެދިބޮޑުވެ، އެއް މައެއްގެ ބަނޑުން އެއް މާބަނޑުވެ ވިހާ ދެ ދަރިންނަކީ ވެސް މަތިފުށުން އެއް ތަސްވީރެއް ފުރިހަމަވީ ނަމަވެސް ތަފާތު ދެ މީހެކެވެ. އެ ދެ މީހުންނަކީ ދެ ނަފްސާ ދެ ޒާތީ ޝަހުސު ކަމަށްވާއިރު، އެ ދެމީހުންގެ ވިސްނުމާ، ފިކުރާ، އުޅުމާ، ގުޅުންތަކަކީ ވެސް ތަފާތުތަކުން ފުރިފައިވާ ކަންކަމަށް ވާނެ އެވެ. އެގޮތުން ދިވެހީންގެ އޮތް އެއްގޮތްކަމަކީ ތަފާތުތަކުން ފުރިފައިވާ އެއްގޮތްކަމެކެވެ. ބަވަނަވެފައިވާ، ތާއަބަދު ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެ އޮންނައިރު، އަދި ކައިބޮއި އުޅުމަށާ ދިރިތިބުމަށް އެ ދުނިޔެއަށް މުޅިން ބަރޯސާ ވާންޖެހޭ ޒަމާނެއްގައި، "އެއް" ގޮތަކަށް އެއްވެސް ބަޔަކަށް ނުތިބެވޭނެ ކަން ކަށަވަރެވެ.
ރާއްޖޭގެ ތާރީހަކީ އަހަރެން މާބޮޑަށް ދަންނައެއްޗެއް ނޫނެވެ. ނަމަވެސް ޔަގީންކަމާއެކު ބުނެވެން އޮތް އެއްޗަކީ އެ ތާރީހަކީ، ދުނިޔެ ދައުރުވުން ނުހުއްޓޭ ބީދައިން، އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެއްކަމެވެ. ރާއްޖޭގެ މާޒީވި ތާރީހުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން މިހާރު ހިނގަމުންދާ ކަންކަމާ ސީދާ އަޅާކިޔޭނެ، ލިޔެވިފައިވާ ތާރީހެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އޮތްކަމެއް އެނގިފައެއް ނުވެ އެވެ. ޕޯޗުގީޒުންގެ އިސްތިއުމާރީ ބާރުގެދަށުގައި ރާއްޖެ އަހަރުތަކެއް ވާންދެން އޮތް ދުރު ތާރީހެއްވެ އެވެ. އޭގެ އިޖްތިމާއީ އަސަރަކީ ކޮބައިކަމެއް ނޭނގެ އެވެ. ތަންކޮޅެއް ކައިރި ތާރީހަށް ބަލާނަމަ އިނގިރޭސީންގެ އިސްތިއުމާރީ ނުފޫޒު ރާއްޖެއަށް ފޯރާފައިވެ އެވެ. ނަމަވެސް އެއީ މުޅި ދެކުނު އޭޝިއާގެ ސަރަހައްދަށް ފޯރި ނުފޫޒެއްގެ ނިސްބަތުން ކުޑަ މިންވަރެކެވެ. ރާއްޖެފަދަ ދޮށީ ގައުމެއްގައި ގިނަ ތާރީހީ ބަދަލުތަކެއް ހިނގާފައިވާނެ އެވެ. އަދި އޭގެ ސަބަބުން ރައްޔިތުން އެކަންކަމާ ކަންބޮޑުވެ އެކަންކަމަށް އިޖާބަދޭނެ ގޮތްތައް ހޯދަން މަސައްކަތް ކޮށްފައިވެސް ވާނެކަން ކަށަވަރެވެ. އަދި އެ ތާރީހުން އަދާހިސާބައް ލިބިފައިވަނީ މަދުބައެއްގެ މަދު ވާހަކަތަކެއްކަން ވެސް ކަށަވަރެވެ. މާނައީ، އެ ތާރީހުގެ ބޮޑުބަޔަކީ އެންގިފައި ނެތް އެއްޗެއްކަމެވެ.
މި ބަދަލުވަމުންދާ ތާރީހުގައި، ވޭތުވެދިޔަ އަށެއްކަ އަހަރުގެ ތެރޭގައި އަނިޔާވެރިކަމާ ލާއިންސާނީ ކުށްތަކެއްގެ ބޮޑު ބިރުވެރިކަމެއް ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރިގެން ގޮސްފައިވެ އެވެ. އަދި އެ ކުށްތަކަށް އިޖާބަދިނުމަށް ދިވެހި ދައުލަތަށް ނުކުޅެދިފައި ވަނިކޮށް، 6 މެއި 2021 ގައި މާލޭގައި ހިންގާފައިވާ ނިރުބަވެރި ހަމަލާއަކީ އަނެއްކާ ވެސް ރައްޔިތުން ބިރުވެރިކަމާ، ނުތަނަވަސްކަމާ، މާޔޫސްކަމަށް ހުށަހެޅުވި ހިތި ހަގީގަތެކެވެ. ދެކޮޅުވެރިކަމުގެ ތެރެއިން ނިކުންނަ އިޖްތިމާއީ ބޮޑެތި ހަމަނުޖެހުންތަކަކީ، ސަބަބުތަކަކާ ހުރެ މެދުވެރިވާ ކަންކަމެވެ. ދުނިޔޭގެ އެކުވެރި އެންމެހާ ދައުލަތްތަކުގެ ފުޅާ ތަޖުރިބާގެ އަލީގައި ވާސިލްވެފައިވާ މަތީގައި ދެންނެވުނު މަފްހޫމަށް ބަލާއިރު، ރާއްޖެއަށް އަދު ދިމާވެފައިވާ ބޮޑު ނުތަނަވަސްކަމަކީ "މީހުންގެ ފިކުރުގައި" އުފެދިގެން އައިސްފައިވާ ދެކޮޅުވެރިކަމުގެ ނަތީޖާ ކަމުގައި ބެލެވިދާނެ އެވެ. އަދި އެ މަފްހޫމްގައިވާ ފަދައިން، އެކަމަށް ހޯދޭނެ ފަރުވާއަކީ މީހުންގެ ފިކުރުގައި "އަމާންކަމުގެ ދިފާއު ތައްޔާރު" ކުރެވުމެވެ. އަމާންކަމަކީ މުޖުތަމައުގައި މަތީދަރަޖައެއްގައި އަގުކުރެވި، މީހުންގެ ހިތްތަކުގައި ބިންވަޅުނެގި، އެފަދަ ފިކުރިއްޔާތެއް މީހުންގެ ތެރޭގައި އަށަގެންނެވުމަށް މަސައްކަތް ކޮށްގެން ދިފާއުކުރެވޭނެ އެއްޗެކެވެ.
އ.ދ. އިން ބުނާގޮތުގައި، "އަމާން ކަމަކީ ހަމައެކަނި ދެކޮޅުވެރިކަން ނެތުމެއްނޫނެވެ". އަމާންކަންހޯދާ ދެމެހެއްޓުމަށް ޓަކައި "އުންމީދީ، ބަދަލުވަމުންދާ، ބައިވެރިވުން އެކުލެވޭ މަރުހަލާއެއް" ބޭނުންވެ އެވެ. އަދި "އެ މަރުހަލާގައި ދެބަސްވުންތައް ހަމަޖެއްސިގެންދާނީ ބައިވެރިންގެ މެދުގައި މުއާމަލާތު ކުރުމަށް ހިތްވަރުދޭ، ދެފަރާތުންވެސް އަނެއްފަރާތް ދެނެގަތުމަށްޓަކައި ގެންގުޅެވޭ، އެކުވެރިކަމާ އެއްބާރުލުމުގެ ރޫހެއް" އޮވެގެންނެވެ. އަމާންކަމާއެކު، އެކުގައި ދިރިއުޅުމަށް ބާރުއެޅުމަކީ ރާއްޖޭގައި އަދު ކުރަންޖެހިފައިވާ ކަމެކެވެ.
އެދިމާއަށް ދަތުރުކުރުމަށްޓަކައި ކުރަންޖެހޭ ފުރަތަމަ ކަމަކީ، މިކަމަކީ ކުރަންޖެހޭކަމެއް ކަމުގައި ދައުލަތާ ރައްޔިތުން ބަލައިގަތުމެވެ.
ދެވަނަ ކަމަކީ އެކަން ކުރުމުގައި އެންމެންގެ ބައިވެރިވުން ހޯދުމެވެ.
އިޖްތިމާއީ އަމާންކަމުގެ އަސާސީ ކަންކަމުގެ ތެރޭގައި އެކެއް އަނެކަކަށް އިހުތިރާމްކުރުމާއި، އިންސާނީ ހައްގާ ކަރާމާތް ނަގަހަށްޓާ، އިންސާނުންގެ ތެރޭގައި ވާ އެންމެހާ ޖިންސީ، ނަސްލީ، ދީނީ، ސަގާފީ އަދި އެހެނިހެން ތަފާތުތައް ބަލައިގަތުން ހިމެނެ އެވެ. އަދި އުފެދޭ ހިޔާލު ތަފާތުވުންތައް މުއާމަލާތުގެ ރިވެތި އުސޫލުގެ ތެރެއިން ހަމަޖެއްސުމަކީ އަމާންކަމުގެ ދިފާއުގައި ކުރެވޭނޭ ކަންކަމެވެ. އިޖްތިމާއީ މަސްލަހަތަކީ އެންމެން އެކަމަކަށް އިސްކަންދީ ސަމާލުވެ، ދިފާއު ކުރަންޖެހޭ ކަމެކެވެ. އެ މަސްލަހަތު ދިފާއު ކުރެވޭނީ އަމާންކަމާ މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އެންމެންގެ ހިތްތަކުގައި ވެސް މަތީ ދަރަޖައެއް ދެވި، އަމާންކަމަށް އިހުތިރާމާ ލޯބި އުފެދިގެންނެވެ.
ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު، އަހަރެން ދެކޭ ގޮތުގައި، އަމާންކަމާއެކު، އެކުގައި ދިރިއުޅުމަށް ބާރުއަޅާ ބައިނަލްއަގްވާމީ ދުވަސް ފުޅާދާއިރާއެއްގައި، ގިނަ ބައެއްގެ ބައިވެރިވުމާއެކު ފާހަގަކުރުމަކީ އަދު ކުރަންޖެހިފައިވާ ކަމެކެވެ. ދިވެހި އަންހެން ޅެންވެރިޔާ ޑޭޒީމާގޭ އައިމިނަތު ފާއިޒާ ވިދާޅުވާ ގޮތުގައި "... ހުއްބުލް ވަތަން އިންސާނަކަށް ކުރުވާ އަސަރު، ޖެހުމުން އަލުންނެތް ޖޯޝަކާ ބާރެއް އުފައްދާ" ދިރުވާނެ އެވެ. ރާއްޖޭގެ އަދުގެ ހާލަތުގެ މި ހިތްދަތި ދަނޑިވަޅުގައި އަހަރެންނަށް ބުރަވެވެނީ އޭނާގެ އެ، ލޯތްބާ ޖޯޝުން ފުރިފައިވާ "ގައުމީ ލޯބި" ނަމުގެ ޅެމުގައި، ވިސްނާ ފިކުރުކުރުމަށާ، ހަގީގަތްތަކަށް ބެލުމަށާ، ހިކުމަތު އަމަލީ ބޭނުންކުރުމަށް ގޮވާލައްވާފައިވާ މި އިލްތިމާސް އަށެވެ.
"ސިކުނޑިން ނެރޭށޭ ބާރުތައް! ދަސްކޮށް ހަދާށޭ އަސްލުތައް!
ހިކުމަތުގެ ވަރުގަދަ ބިންގަލޭ، މީގައި ނިކަން ފައި ހަރުކުރޭ."
...........
Comment