Advertisement

"ދިނިގެން ހިތާމަތަކުން ތިބުން އެދިގެން ކުރީމެ ސަލާމް"


"ދިނިގެން ހިތާމަތަކުން ތިބުން އެދިގެން ކުރީމެ ސަލާމް"

ޤައުމީ ކޮންމެ އުފާވެރި މުނާސަބަތަކާ ކުރިމަތިލާ ހިނދު، ޤައުމީ ދިދަ ކުރާ އާދޭހުގެ ވާހަކަ އާއި މައިވަންތަ ޤައުމުގެ ވާހަކަ އާއި ޤައުމީ ނިދާގެ ވާހަކަ އަހަރެމެން އެންމެން ވެސް ވަރަށް ބާރަށް ދައްކަމެވެ. ޤައުމު ގޮވަނީ ވަކި މިވެނި ސިފަތަކެއް ލިބިގެންވާ ރައްޔިތަކަށް ކަމާއި، ޤައުމު އެދެނީ ވަކި ކަހަލަ ކަންތައްތަކެއް މުޖުތަމަޢުން ނައްތާލައި އެހެނިހެން ކަންތައްތަކެއް މުޖުތަމަޢުގައި އަށަގެންނެވުމަށް ކަމާއި، ކާބަފައިންނަށް އަހަރެމެން ދަރާފައިވާ ދަރަނީގެ ވާހަކަތައް އެ ދުވަހަކު ހުއްޓުމެއްނެތި ދައްކަމު އެވެ. ހިތްތަކުގެ އެންމެ ފުނަށް އަސަރުކުރުވާ ގޮތަށް މި ޝިޢާރުތައް ފާޅުކޮށްފައި ހުންނަނީ ޅެން ބަހުރުވައިގެ ތެރެއިންނެވެ. ޤައުމީ ރޫޙާ ގުޅުންހުރި ޅެންވެރިކަމުގެ ބޮންތީގައި ވަނީ ކޮންމެ ޤައުމެއްގެ ވެސް ޤައުމީ ސަލާމެވެ.

ކޮންމެ ޤައުމެއްގެ ވެސް ޤައުމީ ސަލާމަކީ، އެ ޤައުމެއްގެ ޝަޚްޞިއްޔަތު ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ނިޝާނެވެ. އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް ޤައުމީ ކޮންމެ ރަސްމިއްޔާތެއްގެ ފެށުމާއި ނިމުމުގައި މި ރޫޙުގައި ޤައުމީ ސަލާމޭ ކިޔާ ލަވައެއް ކިޔައި އުޅެމެވެ. އެ ލަވައަކީ އޭރުވެސް އަދި މިހާރު ވެސް، ކުދި ބޮޑު އެންމެން ހިތުން ކިޔަން ދަންނަ ލަވައެކެވެ. އެހެން ނަމަވެސް "މަސްލް މެމަރީ" އެއް ފަދައިން ދެ އިރު ދެ ދަޅައަށް މި ލަވަ ކިޔާއިރު، އެ ކިޔޭ އެއްޗަކާ މެދު ފުންކޮށް ވިސްނާލެވެނީ ކިތައް މީހުންނަށް ބާވަ އެވެ؟ ދިވެހިންގެ އުސްތާޛުލް ޖީލް، މުޙައްމަދު ޖަމީލް އަމުނުއްވާފައިވާ އަށް ބައިތުގެ މި ޅެން އެކަށް ދަންނަނީ ކިތައް ދިވެހިންތޯ އެވެ؟

"ބަހުގެ އުޖާލާކަމާއި ޒީނަތްތެރިކަން ފެންނާނީ އެ ބަހުން އެމުނި އެކުލެވިފައިވާ ޅެންތަކާއި، އެ ބަހަކުން ކިޔައި އުޅޭ ލަވަތަކުގައި ހުރި އޮމާންކަމާއި ފަސޭހަ ކަމުންނެވެ،" "ދިވެހި ލަވަޔާމެދު އަހަރެންގެ ޚިޔާލު" މި މަޒުމޫނުގައި މުޙައްމަދު ޖަމީލް ލިޔުއްވާފައިވެ އެވެ.

އޮމާންކަމަށް ބަލާއިރު ޤައުމީ ސަލާމް މި ޅެމަކީ ދުލަށް ފަސޭހަ ލަފުޒުތަކަކުން އަތުރާލާފައިވާ ސާދާ ޢިބާރާތްތަކެކެވެ. ބައެއް ޤައުމުތަކުގެ ޤައުމީ ސަލާމްތަކާއި ޚިލާފަށް ދޭހަވާން ދަތި މިސާލުތައް ހިމަނާފައެއް ނުވެ އެވެ. "ޤައުމީ މި އެކުވެރިކަން"، "ޤައުމީ ބަހުން"، "ހުރުމަތް"، "ބޯލަބައި"، "ސަލާމަތް"، "ކުރިއެރުން"، "މިނަވަންކަން"، "މަދަނިއްޔަތު"، "ސީދާ ވަފާތެރިކަން"، "ހެޔޮ ދުޢާ" ފަދަ ޢާއްމުކޮށްވެސް ބޭނުންކުރެވޭ ލަފުޒުތަކެކެވެ. ދުލަށް ލުއި ރޯޝަނީ ވަޒަނަށް ހަދާފައިވާ ޅެމެކެވެ.

ބައެއް ފާޑުކިޔުންތެރިންގެ ނަޒަރުގައި މިސާލު ބަސްތައް މަދުވެފައި ދުލަށް ލުއިވުމަކީ އެހާ މޮޅު ގޮތެއް ކަމުގައި ނުވެދާނެ އެވެ. އެހެން ނަމަވެސް ޤައުމީ ސަލާމުގެ ވައްޓަފާޅިއަށް ބަލާއިރު، އެ ފަދަ ޅެމެއް ވާން ޖެހެނީ ދަސްކޮށް ދޭހަވާން ފަސޭހަ، ވަޒަނާއި ރާގު ވެސް ސާދާ ޅެންޅެމަށެވެ. ޤައުމީ ސަލާމްތަކުގެ ދިރާސާ ކުރައްވާފައިވާ މަޝްހޫރު ދިރާސާވެރިޔާ އެލެކްސް މާޝަލް ދެކެވަޑައިގަންނަވާ ގޮތުގައި ޤައުމީ ސަލާމްތަކުގެ ރާގުތައް "ޕޮޕް" ލަވަތަކުގެ ރާގުތަކާ އެއްގޮތްވާން ވާނެ އެވެ. އަޑުއަހާލުމުން އަވަހަށް ނަގައިގަނެވެން ވާނެ އެވެ. ބޮލުގައި ހަރުލާފަދަ "ކެޗީ" ރާގެއްކަމުގައިވާން ވާނެ އެވެ. އަދި އެންމެންނަށް ކިޔާލެވޭ ފަދަ ފަސޭހަ ވޯކަލް ރޭންޖެއްކަމުގައި ވެސް ވާން ވާނެ އެވެ. އެއީ މަގުތަކުގައި ތުނބުން ފުމެވޭނޭ އަދި ފުޓުބޯޅަ ދަނޑުތަކުގައި ޖޯޝާއެކު ކިޔާލެވޭނޭ ރާގަކަން ވާންވާނެކަމަށް ވިދާޅުވެފައިވެ އެވެ. މާޝަލް މި ވިދާޅުވާ އެންމެ ފަހު ސިފަ ދިވެހި ޤައުމީ ސަލާމުގައި ވެއެކޭ ނުދެންނެވޭނެ އެވެ. ދިވެހި ޤައުމީ ސަލާމުގެ ކަޑި، މާ މަތިން ކިޔަންޖެހުމާއި، މައިގަނޑުގެ އަޖުޒު މާ ދަށްކޮށް ކިޔަން ޖެހުމުން، އެއީ ކޮންމެ ކޮންމެ މީހަކަށް އޭގެ އަސްލު ރާގުގައި ލުއި ފަސޭހަކޮށް ކިޔޭނޭ ލަވައެއް ނޫނެވެ.

ރާގުގެ ވާހަކަ ދައްކާއިރު، އެލެކްސް މާޝަލް އޭނާގެ ފޮތް "ރިޕަބްލިކް އޯ ޑެތު!: ޓްރެވަލްސް އިން ދަ ސާޗް އޮފް ނޭޝަނަލް އެންތަމްސް" ގައި "ޕްލޭޖަރައިޒް" ކޮށްފައިވާ ޤައުމީ ސަލާމުގެ ރާގުތަކުގެ ތެރޭގައި ދިވެހި ޤައުމީ ސަލާމް އެންމެ ފުރަތަމަ ކިޔައި އުޅުނު ރާގު ހިމަނުއްވާފައިވެ އެވެ. ރާއްޖޭގެ އިތުރުން ދެކުނު ކޮރެއާގެ ޤައުމީ ސަލާމުގައިވެސް ބޭނުންކޮށްއުޅުނު ރާގަކީ "އޮލްޑް ލޭންގް ސައިން"ގެ ރާގުކަން ފާހަގަކުރައްވާފައިވެ އެވެ. އެހެން ނަމަވެސް ދިވެހިން ފަހުން އެ ރާގު ބަދަލުކޮށްފައިވާކަން ވެސް މާޝަލް ފާހަގަކުރައްވަ އެވެ. ދިވެހި ޤައުމީ ސަލާމުގެ ރާގަށް ގެނައި ބަދަލުތަކުގެ ވަރަށް ފުރިހަމަ މަޢުލޫމާތުތަކެއް ޢަބްދުﷲ ސައީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ "ދިވެހިރާއްޖޭގެ ޤައުމީ ސަލާމުގެ ރާގު ހެއްދެވި ޕްރޮފެސަރ އަމަރަދޭވާ" މި ލިޔުމުގައި ވެ އެވެ. އެހެންކަމުން އެ ރާގާ ގުޅޭ އިތުރު ތަފްޞީލަކަށް ދާކަން ނެތީމެވެ. ދަންނަވަން އޮތް ހަމައެކަނި ވާހަކައަކީ "ކޮޕީ" ރާގަކަށް ޤައުމީ ސަލާމް ކިޔުމަކީ ދިވެހިން އެކަނި ކުރި ކަމެއް ނޫންކަމެވެ. ރާއްޖެއަށް ވުރެ މާ ބޮޑެތި ޤައުމުތަކުގައި، މިސާލަކަށް އެމެރިކާގެ "ސްޓާ ސްޕޭންގްލްޑް ބެނާ" ވެސް ފުރަތަމަ ކިޔައި އުޅުނީ، އިނގިރޭސި ބާތަކުގައި ކިޔައި އުޅުނު ލަވައެއްކަމަށްވާ "ޓު އެނަކްރިއޯން އިން ހެވަން" އެ ރާގަށެވެ.

ޤައުމީ ސަލާމެއްގެ ރާގަށް ވުރެ ހިތައް އަސަރުކުރުވަނީ އޭގެ ޅެމުންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ދިވެހި ޤައުމީ ސަލާމުގައި ބޭނުންކުރަނީ މުޙައްމަދު ޖަމީލު ހައްދަވާފައިވާ އަށް ބައިތުގެ ޅެމުގެ ފުރަތަމަ ތިން ބައިތެވެ. އެހެންނަމަވެސް މި ލިޔުމުގައި އެ އަށް ބައިތުގައި އެ ދައްކަވާ ވާހަކަތަކަށް ނަޒަރު ހިންގާލެވޭތޯ މަސައްކަތްކުރާނަމެވެ.

"ޤައުމީ މިއެކުވެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް،

ޤައުމީ ބަހުން ގިނަ ހެއު ދުޢާކުރަމުން ކުރީމެ ސަލާމް."

ފުރަތަމަ ނަޒަރުން ވަރަށް ސާފު މެސެޖެކެވެ. އެކުވެރިކަންމަތީ ތިބެގެން ދިވެހި ބަހުން ހެޔޮ ދުޢާ ކުރަމުން ޤައުމަށް ސަލާމް ކުރާ ވާހަކައެވެ. އެހެންނަމަވެސް ވަކި ވަކި ލަފުޒުތަކަށް ފުންކޮށް ވިސްނާލުމުން ތަފާތުގޮތަކަށް ޝަރަހަކުރެވިދާނެ އެވެ. ޤައުމިއްޔަތުގެ ވާހަކަ ދައްކާއިރު ޢާއްމުކޮށް ދެކެވެނީ އެއްބައިވަންތަކަމުގެ ވާހަކައެވެ. އެއްބައިވަންތަކަމުގެ މާނައިގައި އެއް ފިކުރެއްގެ، އެއް ވިސްނުމެއްގެ އެއް އުއްމީދުތަކެއް ބައެއް ކަމަށް ދޭހަ ކުރާނޭ ޖާގަ އެބައޮތެވެ. އެހެންނަމަވެސް އެ ލަފުޒުގެ ބަދަލުގައި "އެކުވެރިކަން" ބޭނުންކުރައްވާފައި އޮތުމުން ޅެންވެރިޔާ ގެންގުޅުއްވާފައިވަނީ ޒަމާނީ ތަސައްވަރެއްކަމަށް ބެލެވިދާނެ އެވެ. އެ ލަފުޒު މެދުވެރިކޮށް، ފިކުރާއި ޚިޔާލު އަދި އުއްމީދުގެ ތަފާތުތަކާ އެކުގައި ވެސް އެ ކަންކަން ތަހައްމަލުކުރާ ހާލު ޤައުމުގައި އޮންނަ މަސަލަސްކަން ދެމެހެއްޓޭނެކަން ދައްކުވައިދެ އެވެ. ޤައުމީ ސަލާމުގެ މައިގަނޑުގެ ގޮތުގައި މި ބައިތު އެންމެ އެކަށީގެންވާ އަނެއް ސަބަބަކީ އެއް ބައިތެއްގައި ޤައުމުގެ ތަނބުތައް ކަމުގައި ދިވެހިން ދެކޭ އަސާސްތައް ހިމަނާފައިވުމެވެ. ހެޔޮ ދުޢާގެ ވާހަކައިން އިސްލާމް ދީން ސިފަކުރެވެއެވެ. ޤައުމީ ބަހުން ކުރާ ދުޢާގެ ވާހަކައިން ދިވެހި ބަހުގެ މުހިއްކަން އެބަ ދައްކުވައިދެ އެވެ.

"ޤައުމީ ނިޝާނަށް ޙުރްމަތާއެކު ބޯލަބައި ތިބެގެން،

އައުދާނަކަން ލިބިގެންއެވާ ދިދައަށް ކުރީމެ ސަލާމް."

ދެވަނަ ބައިތުގައި މި ދައްކަނީ ޤައުމީ ނިޝާނަށް ބޯލަނބައި ދިވެހި ދިދައަށް ސަލާމްކުރާ ވާހަކަ އެވެ. ދިވެހި ދިދަ އާއި ޤައުމީ ނިޝާނަކީ ޤައުމިއްޔަތު ރަމްޒުކޮށްދޭ މުހިއްމު ދެ ނިޝާނަށް ވާ ހިނދު، އެ ނިޝާންތަކަށް ޙައްޤު އިހުތިރާމާއި ލޯބި، އަދުގެ ދިވެހިންނަށް ދެވޭތޯ، ސުވާލުކޮށްލަން މުހިއްމެވެ. ޤައުމީ ނިޝާންގެ ވާހަކަ ޅެމުގެ ޞަދުރުގައި ދައްކާއިރު، މި ނިޝާނަކީ ދިވެހިންނަށް މިއަދު އެހާ ފަރިތަ ނިޝާނެއްތޯ ވިސްނާމަލާ ހެއްޔެވެ. ދިދައިގެ ވާހަކަ ދައްކާކަށް ނެތީމެވެ. ދިދައިގެ ކުލަތަކުން އެ ކިޔައިދޭ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނެތްކަމުގައި ވިޔަސް އެ ކުލަތަކުގެ މާނަ މިއަދުގެ ދިވެހިންވެސް ދަނެ އެވެ. އަދި ދިދައަށް އަހަރެމެން ފަރިތައެވެ. އެހެން ނަމަވެސް ޤައުމީ ނިޝާން އާއި ޕާޓީތަކުގެ ލޯގޯތައް ދިވެހި ކުޑަކުދިންނަށް ދައްކައިފިނަމަ، އެކުދިންނަށް ބޮޑަށް ފަރިތަ ވާނީ ކޮން އެއްޗެއްތޯ އެވެ؟ ދިވެހިން ޙުރުމަތް އަދާކޮށް ބޯ ލަނބަނީ މި ދެންނެވި ޕާޓީ ލޯގޯތަކަށްތޯ ނުވަތަ ޤައުމީ ނިޝާންތަކަށްތޯ ވެސް ސުވާލު އުފައްދަންޖެހެ އެވެ. މި ބައިތު އަޑު އިވޭ ނުވަތަ ކިޔޭ ކޮންމެ ފަހަރަކީ އެ ކަންކަމަށް ވިސްނާ ފިކުރުކުރަން ލިބޭ ފުރުޞަތަކަށް ހަދާނޭ ޖާގަ ލިބޭތީ، ޒަމާނަށް އަންނަ ބަދަލުތަކާއެކުވެސް ޤައުމުގެ ޙާލަތަށް ޅެން މުނާސަބުކަން އެބަ އެނގެ އެވެ.

"ނަޞްރާ ނަޞީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ،

ފެއްސާ ރަތާއި ހުދާ އެކީ ފެނުމުން ކުރީގެ ސަލާމް."

މި ވާހަކައަކީ ވަރަށް ގިނަ ޤައުމީ ސަލާމްތަކުގައި ދައްކާ ވާހަކައެކެވެ. މާޒީގައި ޤައުމައްޓަކައި ބަޠަލުން ކުރެއްވި ޖިހާދުގެ ވާހަކައެވެ. ދިވެހި ދިދަ އަކީ ނަޞްރާ ނަޞީބާ ކާމިޔާބުގެ ރަމްޒުކަމުގައި ވިދާޅުވެ، ކުރު ޢިބާރާތްކޮޅަކުން މުޅި ޤައުމުގެ މިނިވަންކަމުގެ ތާރީޚު އެ ސިފަކުރައްވަނީ އެވެ. ދިވެހި ދިދަ އަކީ މިނިވަންކަމުގެ ރަމްޒުކަމުގެ ވާހަކައަކައެވެ. އެ ދިދަ މިނިވަންކަމާއެކު ވިހުރުވެނީ އެތައް ބާރެއްގެ މައްޗަށް ދިވެހިންނަށް ލިބުނު ނަޞްރުގެ ސަބަބުންކަމެވެ. އެ ނަޞްރު ލިބުނުގެ ނަޞީބު މާތް ﷲ މިންވަރުކުރެއްވި ކަމެވެ. އަދި އެއީ ދިވެހި އަބުޠާލުން ކާމިޔާބަށް ވާޞިލުވުމަށް، ދިވެހި ދިދައިގެ ރަތްކުލައިން ރަމްޒުކޮށްދޭ ފަދައިން އެތައް ޤުރުބާނީއެއް ވެގެން ހޯއްދެވި ކާމިޔާބީއެއްކަމެވެ. މި ބައިތުގެ ޙަޤީޤީ މާނައަކީ މިއީކަމުގައި ބެލެވިދާނެ އެވެ. އެހެންނަމަވެސް އަދުގެ މި ދުނިޔޭގައި މި ޅެން ޝަރަހަކުރަން މަސައްކަތްކުރާއިރު، "ޤައުމީ ސަލާމް... ލެއިން" މި ނަމުގައި މި ޒަމާނުގެ މަޝްހޫރު ސްޕޯކަން ވާޑް ޅެންވެރިޔާ، ޢާއިޝާ ހުސައިން ރަޝީދު ހުށަހަޅުއްވާފައިވާ ޅެމުގައި ދިދައިގެ ކުލަތައް މާނަކުރައްވާފައިވާ ގޮތް ހަނދާންކޮށްނުލައި ދޫކޮށްލާކަށް އަހަރެންގެ ޟަމީރު ޖާގައެއް ނުދެއެވެ.

"ރަތްކުލައިން ރަމްޒުކޮށްދެނީ ދިވެހި ބިން ފޯވެފައިވަނީ ޙައްޤަކައި ނުލައި އޮއްސާލެވުނު ލޭގެ ތެތްކަމުންކަން.

ފެހިކުލައިން ރަމްޒުކޮށްދެނީ ގަބުރުސްތާނުގައި ހެދޭ ވިނައިގެ ފެހިކަން އަދި މާކުލަ ގަދަކަން.

ހުދުކުލައިން ރަމްޒުކޮށްދެނީ އަހަރެމެންގެ މައިން، ބަފައިން، އަޚުން އުޚުތުން ލެއިން ތަތްތެޅިފައިވާ ހަށިތައް ނިވާކުރާނީ ހުދު ކަފުނުންކަން"

ޢާއިޝާގެ މި މޮޅު ހުށަހެޅުއްވުމުގެ ވާހަކައަކީ އަދި މުޅިން އެހެން މަޒުމޫނެކެވެ. އެހެންނަމަވެސް އެ ސްޕޯކަން ވާޑް ޅެމުގައި އެ މާނަކުރައްވާ މާނަވެސް ޤައުމީ ސަލާމް އަޑުއަހާލާ ހިނދު މާނަކުރެވޭކަމީ، ޤައުމީ ސަލާމަކީ ރައްޔިތުންގެ އެއްޗެއްކަން ދައްކުވައިދޭ ހެއްކެއް ކަމަށް ފުދެ އެވެ.

ދެން ހުރީ ޤައުމީ ސަލާމް މި ލަވައިގައި ބޭނުންނުކުރާ ފަސް ބައިތުތަކެވެ.

"ފަޚްރާ ޝަރަފް ޤައުމަށް އެ ހޯދައިދެއްވި ބަޠަލުންނަށް،

ޛިކްރާގެ މަތިވެރި ޅެންތަކުން އަދުގައި ކުރީމެ ސަލާމް.

ދިވެހިންގެ އުއްމަތް ކުރިއަރައި ސިލްމާ ސަލާމަތުގައި،

ދިވެހިންގެ ނަންމޮޅުވުން އަދައި ތިބެގެން ކުރީމެ ސަލާމް.

މިނިވަންކަމާ މަދަނިއްޔަތާ ލިބިގެން މިޢާލަމްގައި،

ދިނިގެން ހިތާމަތަކުން ތިބުން އެދިގެން ކުރީމެ ސަލާމް.

ދީނާވެރިންނަށް ހެއުހިތުން ޙުރްމަތް އަދާކުރަމުން،

ސީދާ ވަފާތެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް.

ދައުލަތުގެ އަބުރާ ޢިއްޒަތާ މަތިވެރިވެގެން އަބަދަށް،

އައުދާނަވުން އެދިހެއު ދުޢާ ކުރަމުން ކުރީމެ ސަލާމް."

މި ފަސް ބައިތައް ޖުމުލަކޮށް ވިސްނާލުމުން، މި ބައިތުތަކުން އެ ދައްކުވައިދެނީ ޤައުމީ ލޯބީގެ "ކުންޏެއް ނުޖެހޭ" އެންމެ ފުރިހަމަ ބާވަތުގެ ވާހަކަކަން ސާބިތުވެ އެވެ. މިއީ ހަޤީޤަތަށް ވިސްނާ ލެންސަކުން ބަލާއިރު، އަމުދުން މި ޒަމާނުގައި އެހާ ބަލައިގަންނަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ފަސް ވަނަ ބައިތުގައި އެ ބުނާ ފަޚުރާ ޝަރަފު ޤައުމަށް ހޯދައިދެއްވި ބަޠަލުންނަށް ކުރާ ސަލާމުގެ ވާހަކަ ދައްކާއިރު، ފަހުގެ ތާރީޚުގައި އެއް ބަޔަކު ބަޠަލުން ކަމުގައި ދެކޭ މީހާއަކީ އަނެއް ބައެއްގެ ނުރުހުން އަމާޒުވާ މީހެއްކަން އެބަ އެނގެ އެވެ. މާ ދުރު މާޒީއަކަށް ނުގޮސް ދިވެހި ޖުމްހޫރިއްޔާގެ ހުރިހާ ރައީސުންނަށް ބަލާލި ކަމުގައިވިޔަސް މި މިސާލު ފެންނާން އެބައޮތެވެ. އެއީ އަމީން ދީދީ ކަމުގައި ވިޔަސް، އިބްރާހިމް ނާސިރު ކަމުގައިވިޔަސް މައުމޫން އަބްދުލް ޤައްޔޫމުކަމުގައިވިޔަސްމެ އެވެ. އެއްބަޔަކަށް ބަޠަލުންނެވެ. އަނެއް ބަޔަކު ނަފުރަތުކުރާ މީހުންނެވެ. އެހެންނަމަވެސް މިއީ ޅެންވެރިކަމުގެ ސިފަ އިތުރަށް ގެނައުމަށް ކުރެއްވި މަސައްކަތަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. "ޅެމާއި ޅެންވެރިކަން" މި ފޮތުގައި "ޅެމުގެ ތެރެއިން ބަލާޣާތްތެރިކަމާއި މީރުކަން އެންމެ ބޮޑީ ދޮގުކަން އެންމެ ބޮޑު" ޅެމުގައިކަމަށް ޖަމީލް ފާހަގަކުރައްވަ އެވެ.

މި ޅެމުގެ ހަތް ވަނަ ބައިތުގައި އެ ވިދާޅުވާ ފަދައިން ވެރިންނަށް "ސީދާ ވަފާތެރިކަން މަތީ" ސަލާމްކުރާ ޒަމާން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ އެކު މާޒީވެ ހިނގައްޖެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެހެން ނަމަވެސް، މިއަދު ވެސް ޅެމުގެ ފަހު ބައިތުގައި އެ ވިދާޅުވާ ފަދައިން ދައުލަތުގެ ޢަބުރާ އިއްޒަތައް އެދި މަސައްކަތްކުރަން، މިނިވަން ކަމުގެ މި ރަންޒަމާން ވެސް ތާއީދުކުރެ އެވެ.

މި ދަނޑިވަޅުގައި މި ޅެން ހޯދި ދެ މަސްދަރެއްގައި ހަތްވަނަ ބައިތު ގެނެސްފައިވާ ގޮތުގައި ތަފާތެއް ފެންނަކަންވެސް ފާހަގަކޮށްލާނަމެވެ. 1995 ވަނަ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުނު "ޖަމީލުގެ ޅެންތައް 1" ގައި މި ބައިތު ލިޔެފައި ވާގޮތް ނަކަލުކޮށްލާނަމެވެ. އެފޮތުގައި ވާ ގޮތުންނަމަ، މި ޗާޕުގެ މަސްދަރުތަކަކީ "ދިވެހި ލަވަފޮތް" އަދި "ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ އުޖާލާވި ރަންތަރި" މި ދެ ފޮތެވެ.

"ދީނާއި ތަޚްތަށް ހެއުހިތުން ޙުރްމަތް އަދާކުރަމުން،

ސީދާ ވަފާތެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް."

އެހެންނަމަވެސް ދިވެހިބަހުން ހަދާފައިވާ މޮޅެތި ޅެންތަކުގެ އެންމެ މުހިއްމު އެއް ފޮތްކަމުގައިވާ "ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ ތެރެއިން އެއްކޮއްލި ބާޤާއެއް" މި ފޮތުގެ ދެ ޗާޕުގައިވެސް އެ ބައިތު ލިޔެފައިވަނީ ތިރީގައި މި ނަކަލުކުރާ ގޮތަށެވެ.

"ދީނާވެރިންނަށް ހެއުހިތުން ޙުރްމަތް އަދާކުރަމުން،

ސީދާ ވަފާތެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް."

ބަދަލުވަނީ ވަރަށް މުހިއްމު ލަފުޒެކެވެ. "ތަޚުތު" ވެރިންނަށެވެ. ތަޚުތޭ ބުނުމުން މިއަދުގެ ޑިމޮކްރެޓިކް، ޖުމުހޫރީ ވެއްޓާ ނުގުޅޭކަން ފާހަގަކުރެ އެވެ. ވެރިކަމޭ ބުނުމުން އެއަށް ވުރެ އާންމު މާނައެއް ދޭހަވެ އެވެ. ދެ ލަފުޒު ތަފާތުކަމުގައި ވިޔަސް، އަޅުގަނޑަށް ބޮޑަށް މުހިއްމު ވަނީ މި ބައިތުގައި ބުނާ ސީދާ ވަފާތެރިކަމުގެ ވާހަކަ އެވެ.

އެހެން ނަމަވެސް މިއަދު، ރާއްޖެ އާއި ދުނިޔެ ދެކޭ މި ނުތަނަވަސް ދަނޑިވަޅުގައި، މި ޅެން އެކުގައި ކިޔާލުމުން އެންމެ ހިތައް އަސަރުކުރުވާ ބައިތަކީ ޅެމުގެ ހަވަނަ ބައިތުގެ އަޖުޒެވެ. ހިތާމަތަކުން ދިންނެވުން އެދި ކުރާ ސަލާމުގެ ވާހަކަ އެވެ. މިއަދުގެ ޙާލަތާ ގުޅޭ ވާހަކައެކެވެ. ޤައުމަށް ހިތާމައެއް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި މި ފަދަ ޝުޢޫރުތައް ހިތަށް ގެނުވާ އެއްޗަކަށް ޤައުމީ ސަލާމް ވާ ކަމީ އެ ޅެމުގެ ފުރިހަމަކަން އަންގައިދޭ ނިޝާނެއްކަމުގައި ދެކެމެވެ.

ކޮންމެ ޤައުމެއްގެ ވެސް ޤައުމީ ސަލާމަކީ ޙުއްބުލް ވަޠަންގެ ރޫޙު އަށަގަންނުވާ އުއްމީދީ ތަރިކައެކެވެ. މުސްކުޅިވުމެއް ނެތް، ކޮންމެ ޒަމާނަކަށްވެސް ފެތޭ، ސާދާ ޝިޢާރުތަކުން އަމުނާލާ ފޮނި ބަސްތަކެކެވެ. މިއާއެކު ހިތަށް އަންނަނީ ޖަމީލު ދީދީ ލިޔުއްވާފައިވާ "ހިތާމައަކީ......" މި ޅެމުގެ ބައިތެކެވެ.

"ދުލުން ފޮނި ލަފުޒުތައް އެކި ފުށްފުށަށް އުކަމުން ދެވޭއިރުގައި

އަލުން ފިޔަވަޅުތަކެއް ޢަމަލީ ޙަޔާތުންވެސް މި ނޭޅޭކަން"