12 މޭ 2021 - 21:29 1
އަހުމަދު ސާއިލް އަލީ
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: ހިޔާނާތުގެ ތުހުމަތު ކުރެވޭ އެމްޑީޕީގެ މެމްބަރުންގެ މައްސަލަ ބަލާނީ ތަޅުމުން ފާސް ކުރުމުން ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
12 މޭ 2021 - 21:29 1
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް ތުހުމަތުކޮށް ތަހުގީގީ އިދާރާތަކުން ފޮނުވި، ލިސްޓު އާއްމުކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، އެ ނިންމުން ތަޅުމުން ފާސްކުރުމުން އެ ލިސްޓުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން މައްސަލަތައް އެމްޑީޕީން ބަލާނެ ކަމަށް، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށް މުޅި ލިސްޓް މިއަދު އާއްމުކޮށްފަ އެވެ. މިއަދު އާއްމުކުރި ލިސްޓުގައި އެމްޑީޕީގެ އިސް ސަފުގައި މަޖިލިސް ތަމްސީލު ކުރައްވާ ހަތަރު މެމްބަރުން ހިމެނެ އެވެ.
އޭގެ ތެރޭގައި އެމްޑީޕީ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ހިމެނެ އެވެ.
އެކަމާ ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަސަން "އަދަދު" އަށް ވިދާޅުވީ އެފަދަ މައްސަލައެއްގައި މަޖިލީހުގެ ކޮމިޓީއަކުން ފާސްކުރާ ހިސާބަކުން އަދި ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.
މަޖިލީހުގެ ތަޅުމުން ފާސްކުރާ ހިސާބުން އެ ޕާޓީގެ ގުނަވަންތަކުން މައްސަލަ ބަލާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުން ފާސްކުރީމަ ޕާޓީގެ ގުނަވަންތަކުން މި މައްސަލާގައި އަމަލު ކުރާނެ ގޮތެއް ނިންމާނެ-- ހަސަން
އާއްމު މެމްބަރުންގެ މައްސަލަތައް ބަލަން ހާއްސަ ފިޔަވަޅުއަޅާ ކޮމެޓީއެއް އެމްޑީޕީގައި އޮންނައިރު ލީޑާޝިޕްގެ ބޭފުޅެއްނަމަ ގައުމީ މަޖިލީހުން ފާސްކޮށްގެން ފިޔަވަޅު އެޅެ އެވެ. އަދި މަޖިލިސް މެމްބަރަކާ މެދު ތުހުމަތެއް ކުރެވޭނަމަ ޕާލަމެންޓްރީ ގުރޫޕަށް ފިޔަވަޅު އެޅެ އެވެ.
އެމްޑީޕީގެ މެމްބަރުންނަށް ލިބުނު ފައިސާގެ އަދަދުތަކަށް ބަލާއިރު، އިބްރާހިމް ޝަރީފަށް ސިއްސައިގެންދާވަރުގެ އަދަދެއް ލިބުނުކަމަށް ތުހުމަތު ކުރެވެ އެވެ. އޭނާއަށް 88.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
ދެން ތިއްބެވި އަލީ އާޒިމަށް އެއް މިލިއަން ރުފިޔާ ލިބުނު އިރު، އީސަ އަށް ބައި ލައްކަ ރުފިޔާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ކަމަށް އެނގިފައިވެ އެވެ. މުލަކު ދާއިރާގެ މެމްބަރު ނަސީރަށް ތިން ލައްކައެއްހާ ރުފިޔާ ލިބުނުކަމަށް ތުހުމަތު ކުރެވެ އެވެ.
ލިސްޓްގައިވާ ގޮތުން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
Comment