Advertisement

އަޔަކްސް އިން ލީގު އައްޑަނަ ވިރުވާލައި ސަޕޯޓަރުންނަށް ހަދިޔާ ކުރަނީ

13 މޭ 2021 - 11:40 0

އަޔަކްސްގެ ޑޫސާން ޓަޑިޗް އެ ޓީމަށް ލިބުނު ލީގުގެ އައްޑަނަ ވިރުވައިގެން ހަދާފައިވާ ތަރިއެއް ދައްކާލަނީ.-- ފޮޓޯ: އަޔަކްސް


އަޔަކްސް އިން ލީގު އައްޑަނަ ވިރުވާލައި ސަޕޯޓަރުންނަށް ހަދިޔާ ކުރަނީ

13 މޭ 2021 - 11:40 0

އަމްސްޓަޑަމް (މެއި 13) - އަޔަކްސް އިން މި ފަހަރުގެ ނެދަލެންޑްސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ލީގު އައްޑަނަ ވިރުވާލައި ސަޕޯޓަރުންނަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ނެދަލެންޑްސްގެ ޗެމްޕިއަންކަން 35 ވަނަ ފަހަރަށް ހޯދުމަށް ފަހު އަޔަކްސް އިން ނިންމީ މި ސީޒަނުގައި ކޮވިޑްގެ ސަބަބުން ސަޕޯޓަރުން ނެތި ގިނަ މެޗުތައް ކުޅެން ޖެހުމާ އެކީ އެ ކްލަބްގެ މި ކާމިޔާބީގައި ސަޕޯޓަރުން ބައިވެރިކުރެވޭނެ ގޮތެއް ހޯދުމަށެވެ.

އަޔަކްސް އަށް ލިބުނު ލީގުގެ އައްޑަނަ ވިރުވައިގެން ތަރީގެ ބައްޓަމަށް ހަދާފައިވާ އެތިކޮޅުތައް.-- ފޮޓޯ: އަޔަކްސް


އެ ގޮތުން އެ ކްލަބުން އިސްނަގައިގެން ނިންމީ ލީގުގެ އައްޑަނަ ވިރުވާލުމަށް ފަހު ކުދި ކުދި ތަރިތަކެއްގެ ބައްޓަމަށް 42،000 އެތިކޮޅު ތައްޔާރުކުރާށެވެ. އަދި އަޔަކްސްގެ ސީޒަން ޓިކެޓް ހޯލްޑަރުންނަށް އެ ދޭން އަޔަކްސް އިން ވަނީ ނިންމައިފަ އެވެ.

އަޔަކްސްގެ ޗީފް އެގްޒެކްޓިވް އެޑްވިން ވަން ޑަ ސާ ވިދާޅުވީ ސަޕޯޓަރުންނަށް މި ކާމިޔާބީގެ ހިއްސާއެއް ދޭން އެންމެ ބޭނުންވި ސަބަބަކީ އެ ޓީމުގެ މެޗުތައް ބަލަން ދަނޑުގެ ސީޓުތަކުގައި ސަޕޯޓަރުންނަށް ނުތިބެވުނު ކަމުގައި ވިޔަސް ސޯޝަލް މީޑިއާގެ އިތުރުން ގުޅައިގެން ވެސް ކްލަބާ މެދު ސަޕޯޓަރުން ބެހެއްޓި ގާތްކަން ފާހަގަކުރުމުގެ ގޮތުންނެވެ.

"ކުރިން އަހަރެމެން ބުނަމުން އައީ މި ތަށްޓަކީ ތި މީހުން (ސަޕޯޓަރުން) ނަށް ހޯދައިދިން އެއްޗެކޭ. އޭރު އެއީ ހަމައެކަނި ބުނެލެވޭ ބަހެއް. އެކަމަކު މި ފަހަރު މި ދެވެނީ ތަށީގެ ބައެއް. އެހެންވީމަ މިއީ ހެއްކެއް ކާމިޔާބީގައި ސަޕޯޓަރުންގެ ހިއްސާ ބޮޑުކަން،" ވެން ޑަ ސާ ވިދާޅުވި އެވެ.

އަޔަކްސް އިން ލީގު އައްޑަނަ ވިރުވާލަން ނިންމީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ހުއްދައާ އެކު އެވެ. ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަޔަކްސްގެ ސްޓޭޑިއަމް ޔޯހަން ކްރައިފް އެރީނާގެ ޓްރޮފީ ކެބިނެޓްގައި ބަހައްޓަން މި ސީޒަނުގެ ނަންތައް ހިިމަނާފައި އިތުރު އައްޑަނަ ދީފަ އެވެ.

މީގެ ކުރިން 2011 ވަނަ އަހަރު އަޔަކްސް އިން ލީގު ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ޕެރޭޑްގެ ތެރެއިން އެ ޓީމުގެ ގޯލްކީޕަރު މާޓިން ސްކެޓެލެންބާގް އަތުން ލީގު އައްޑަަނަ ދޫވެގެން ޓީމު ދަތުރުކުރަމުން ދިޔަ ބަހުން ބޭރަށް ވަނީ ވެއްޓިފަ އެވެ.