Advertisement

ކުއްލިއަކަށް އިވެން ފެށި އަޑެއް: އެންމެންގެ ހިތް ދަމައިގެންފި

31 މޭ 2021 - 09:14 6

އާއިޝަތު ރިފްއާ

އާއިޝަތު ރިފްއާ

އަޒްހީލްގެ ވީޑިއޯ އިންޓަވިއު.


ކުއްލިއަކަށް އިވެން ފެށި އަޑެއް: އެންމެންގެ ހިތް ދަމައިގެންފި

31 މޭ 2021 - 09:14 6

މިދިޔަ އަހަރު ކޮވިޑުގެ ސަބަބުން މާލެ ލޮކްޑައުންކުރުމުން ގިނަ ބަޔަކު ކުރާނެ ކަމެއް ނެތި ގޭގައި ތާށިވި އެވެ. އާއްމުކޮށް ކުރަމުން އައި މަސައްކަތްތަކާ ދުރަށް ދާން ޖެހުމުން އެ ދުވަސްކޮޅު ވެގެންދިޔައީ ވަރަށް ފޫހި ވަގުތަކަށެވެ. އެކަމަކު އެއް ބަޔަކު އުފެއްދުންތެރި އެތައް ކަމެއް ކުރި އެވެ. އޭގެ ތެރެއިން އެކަކަކީ ގދ. ފިޔޯރީ އަށް އުފަން އަހުމަދު އަޒްހީލެވެ. އޭނާ ނިންމީ، ކުރިން ވައިބާ ގުރޫޕް ތަކަށް ޝެއާ ކުރަމުން ދިޔަ މަދަހަތައް އާންމުންނަށް އަޑު އިއްވުމަށެވެ.

އެގޮތުން ފޭސްބުކްގައި "އަޒްހީލް - ފިޔޯރީ" ނަމުގައި ޕޭޖެއް ހަދައި މަދަހަ އާއި ގައުމީ ލަވަތައް އާންމުންނަށް ގެނެސްދިނެވެ. ކުޑަ ދުވަސް ކޮޅެއް ތެރޭގައި އޭނާ އަށް ވަނީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފަ އެވެ.

އަޒްހީލް އެންމެ ފުރަތަމަ ލަވައެއްކީ އެމްއީއެސް ގުރޭޑް 10 ގައި އުޅެމުން ސްކޫލް ލަވަ މުބާރާތުގަ އެވެ. އެ ފަހަރު ކީ ލަވައިގެ ޅެމަށް އެއް ވަނަ ލިބުނެވެ. އަދި އެ ލަވަ ގަދަ ފަހެއްގައި ހިމެނުނެވެ. އެކަމަކު ފަހުން ވިޔަފާރީގެ ދާއިރާ އިން ކިޔަވައިގެން ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއްގައި އުޅެން ފެށުމުން ޕްރޮފެޝަނެއްގެ ގޮތުގައި އޭނާ ލަވަ ކިޔަން ބޭނުންނުވީ އެވެ. އެކަމަކު ލޮކްޑައުނާ އެކު އެ ހުރިހާ ކަމެއް ޒާތަކަށް ބަދަލުވީ އެވެ.

"ލޮކްޑައުންގެ ކުރިން ވެސް ފެމިލީ ވައިބާ ގްރޫޕަށް ދޭތެރެއަކުން ލަވައެއް ކިޔާފަ ފޮނުވާލަން. އެ މީހުންގެ ވަރަށް ޕޮޒިޓިވް ކޮމްނެޓް އާދޭ. ދެން ލޮކްޑައުން ތެރޭގައި އާއިލާ ގްރޫޕަށް މަދަހައެއް ފޮނުވީމަ އާއިލާ ކުއްޖެއް ބުނެފި ފޭސްބުކަށް ލާންވީ ނޫންހޭ؟ ދެން އެހެން ލީމަ ވަރަށް ބޮޑަށް ވައިގަ ހިފައިފި،" އަޒްހީލް ބުނި އެވެ.

ފޭސްބުކަށް މަދަހަ ކިޔާފައި ލާން ފެށި ހިސާބުން މީހުންގެ ތަރުހީބު ވަރަށް ބޮޑަށް އަޒްހީލަށް ލިބެން ފެށި އެވެ. އެގޮތުން ލައްކައަކާ ގާތްކުރާ ވަރަށް އޭނާގެ މަދަހަތަކަށް ވިއުސް ލިބެން ފެށި އެވެ. ގޭގައި މި މަސައްކަތް ކުރާއިރު ރިކޯޑިން އަދި މިކްސިން ހަދަނީ އޭނާ އެވެ. އަދި ވީޑިއޯތައް ހަދަނީ 12 އަހަރުގެ ދަރިފުޅެވެ.

އޭނާ ކިޔަމުން އަންނަނީ އެހެން މީހުން ލިޔެފައި ހުންނަ މަދަހަތަކެވެ. އަޒްހީލް ބުނި ގޮތުގައި "ޅެން ހެދުމަކީ ތަފާތު ފަންނެއް" ކަމަށެވެ.

"އެއީ ބަސްކޮށާރާއި މައުލޫމާތު ހުރެގެން އަދި ލިޔުންތެރިކަނުގެ ފަންނު ހުރެގެން ވާނެ ކަމެއް. އަޅުގަނޑަށް ހިޔެއް ނުވޭ އެކަން ވާނެހެން. އެހެން ބޭފުޅުން ލިޔެފަ ފޮނުވީމަ އަޅުގަނޑު ހުށައަޅާދޭނަން،" ޅެން ހެދުމުގެ ޝައުގުވެރިކަން ހުރިތޯ އެހުމުން އޭނާ ބުންޏެވެ.

އަޒްހީލް ބުނީ ތަރުހީބު ބޮޑުވިޔަސް ވިޔަފާރިއެއް ގޮތަށް މަދަހަކިޔަން ނުވިސްނާ ކަމަށާއި މިއީ އިޖްތިމާއީ މަސައްކަތެއް ގޮތަށް ކުރާ ކަމެއް ކަމަށެވެ.

"ގުރްއާން އުންގަންނައި ދިނުމާއި މަދަހަ ކިޔުން އިރާދަ ކުރެއްވިއްޔާ ހުއްޓާ ނުލާނަން،" އޭނާ ބުންޏެވެ.

އަޒްހީލަކީ މަދަހަ ކިޔުމުގު އިތުރު ރީތިކޮށް ގުރްއާން ކިޔަވާ އަދި ގުރްއާން އުންގަންނައިދޭ މީހެކެވެ. އޭނާ ވަނީ ގުރްއާނާއި ބެހޭ މަރުކަޒުންނާއި ރާއްޖެއިން ބޭރުގެ އޮންލައިން ގާރީ ކޯހެއް ފުރިހަމަކޮށްފަ އެވެ.