Advertisement

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން 1.3 ބިލިއަން ރުފިޔާ ހޭދަ ވާނެ

11 މޭ 2021 - 17:40 2

އަމަން ހަލީމް

އަމަން ހަލީމް

ހަނިމާދޫ އެއާޕޯޓު ހުންނާނެ ގޮތުގެ 3ޑީ ކުރެހުމެއް: މި އެއާޕޯޓް ފަރުމާކުރީ ދިވެހި ކަނޑުތަކުގެ އުޅޭ މަޑީގެ ފަރުމާއަށް. -ފޮޓޯ: ފިނޭންސް މިނިސްޓްރީ


ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން 1.3 ބިލިއަން ރުފިޔާ ހޭދަ ވާނެ

11 މޭ 2021 - 17:40 2

އުތުރުގެ އިގުތިސޯދު އާރާސްތުކުރަން އަމާޒުކޮށްގެން ސަރުކާރުން ތަރައްގީކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ހޭދަ ވާނެ ކަމަށް ބެލެވެނީ 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ފަންޑުކުރާ މަޝްރޫއެކެވެ.

މި ލައިން އޮފް ކްރެޑިޓަކީ ފަަސް އަހަރު ދުވަހުގެ މޮރަޓޯރިއަމްއަކަށް ފަހު 20 އަހަރު ދުވަހަށް ބަހާލައިގެން، 1.25 ޕަސެންޓު އިންޓްރެސްޓު ރޭޓުގަައި އަނބުރާ ދައްކާ ގޮތަށް ސްޓްރަކްޗާ ވެފައި އޮތް ފެސިލިޓީއެކެވެ.

މި އެއާޕޯޓާ ގުޅޭ އެންމެފަހުގެ އަޕްޑޭޓް ކަރުދާހުގައިވާ ގޮތުގައި، މި މަޝްރޫއުގެ އަގު ފައިނަލް ވާނީ މި މަޝްރޫއަށް ހުށައަޅާފައިވާ ޓެންޑަރުތައް އިވެލުއޭޓް ކުރުމަށް ފަހު އެވެ. މިހާރު ކުރިއަށް ދަނީ މި މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން މަރުހަލާ އެވެ. މި މަރުހަލާ މި ހިނގާ މޭ މަހުގެ ނިޔަލަށް ނިމޭނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުންނާނެ ގޮތުގެ 3ޑީ ކުރެހުމެއް


ސަރުކާރުން ލަފާ ކުރަނީ ކުރިއަށް ޖޫން މަހުގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކާ ގުޅިގެން ބިޑުތައް އިވެލުއޭޓް ކުރުމަށް ފަހު ޖުލައި މަހުގެ ތެރޭގައި ކޮންޓްރެކްޓް ހަވާލު ކުރެވޭނެ ކަމަށެވެ.

އަދި ދެ އަހަރު ދުވަހުން މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި މި މަސައްކަތް ފުރިހަމަކޮށްފި ނަމަ 2023 ވަނަ އަހަރުގެ ޖުލައި މަހަށް އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރާ ފެސިލިޓީތަކުގެ ކުރެހުމެއް


ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް މަސައްކަތް ނިމުމުން އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

މި މަޝްރޫއަކީ މިހާތަނަށް އުތުރުގެ އަތޮޅެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއެވެ. އަދި މި އެއާޕޯޓް ތަރައްގީ ކުރެވުމުން ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކުރިމަގު އާރާސްތުކޮށް، ފަތުރުވެރިކަމާއި އިގްތިސާދުގެ މައިދޮރަށް ހަނިމާދު ވެެގެން ދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެ އެވެ.