Advertisement

ބާސެލޯނާ ޓީމާ އެކު މެސީ ބޭއްވި ޕާޓީގެ މައްސަލަ ލަލީގާ އިން ބަލަނީ

4 މޭ 2021 - 22:35 0

ބާސެލޯނާގެ މެޗެއްގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ


ބާސެލޯނާ ޓީމާ އެކު މެސީ ބޭއްވި ޕާޓީގެ މައްސަލަ ލަލީގާ އިން ބަލަނީ

4 މޭ 2021 - 22:35 0

ބާސެލޯނާ (މެއި 4) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އޭނާގެ ގޭގައި އެ ޓީމުގެ ކުޅުންތެރިންނަށް ދައުވަތު ދީގެން ބޭއްވި "ބާބެކިއު ޕާޓީ"ގެ މައްސަލަ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ސްޕެނިޝް ލީގު (ލަލީގާ) އިން ބަލަން ފަށާފައިވާ ކަމަށް ސްޕެއިނުގެ ޑާރިއޯ ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

މެސީގެ ގޭގައި ހޯމަ ދުވަހު ބޭއްވި މި ޕާޓީ އަށް ބާސެލޯނާގެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ލޯބި ވެރިން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މިޑީއާގައި ވަނީ އާންމުވެފަ އެވެ. މެސީ އިންތިޒާމުކުރި މި ޕާޓީގެ މައްސަލަ އާންމު ފަރާތަކުން ހުށަހެޅީ މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްޕެއިން ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮޓޮކޯލާ ހިލާފުކަމެއް ކަމަށް ބުނެ އެވެ. އަދި އެ މައްސަލައިގައި ވަނީ މި ޕާޓީގެ ސަބަބުން 15 އާއި 150 މީހުން ކޮވިޑްގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ހިމަނައިފަ އެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މިހާރު ވަނީ މިކަމާ ބެހޭގޮތުން ސްޕެނިޝް ލީގަށް ސިޓީއެއް ފޮނުވައިފަ އެވެ. އެއީ މެސީ މި ޕާޓީ ކުރިއަށް ގެންދިޔައީ މީހުން މަސްހުނި ނުވާގޮތަށް ގްރޫޕެއްގެ ތެރެއިން ސޭފްޓީ ބަބްލް އަށް ވެސް ބަލައިގެން ކަމަށެވެ. އަދި މި ޕާޓީ ކުރިއަށްގެންދިޔައީ އެއްވެސް ކޮވިޑް-19ގެ ޕްރޮޓޮކޯލަކާ ހިލާފަށް ނޫން ކަމަށް ބާސެލޯނާ އިން ބުނެފައިވެ އެވެ.

މެސީ މި ޕާޓީ އިންތިޒާމްކުރީ ލީގުގައި އެންމެ ފަހުން ވެލެންސިއާ އަތުން ބާސެލޯނާ ހޯދި މޮޅު ފާހަގަކުރުމުގެ އިތުރުން އަންނަ ހޮނިހިރު ދުވަހުގެރޭ ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅެން އޮތް މެޗުގެ ކުރިން ޓީމުގެ ރޫހު ރަނގަޅުކުރުމުގެ ގޮތުންނެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، އެއް ވަނައިގައި އޮތް އެތުލެޓިކޯގެ 76 ޕޮއިންޓް އޮތްއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ތިނެއްގައި އޮތް ބާސެލޯނާ އަށް ވަނީ 74 ޕޮއިންޓް ލިބިފަ އެވެ.

ބާސެލޯނާއާ އެކު މެސީ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ރިޕޯޓްތައް ބުނާގޮތުން މެސީ ވަނީ އިތުރު ދެ އަހަރަށް ބާސެލޯނާއާ އެކު ކޮންޓްރެކްޓް އާ ކުރަން ނިންމައިފަ އެވެ. މި ފަހަރު ސްޕެނިޝް ކަޕް ކާމިޔާބުކުރި ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން ހޯދައިދިނުމަކީ މެސީގެ ވަރަށް ބޮޑު އަމާޒެކެވެ. ޕީއެސްޖީން ވެސް މެސީ ހޯދަން މަސައްކަތްކުރަމުން އަންނައިރު، އޭނާ މުސްތަގުބަލާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބާސެލޯނާގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.