Advertisement

ކުޑަކުދިންގެ ހިޔާގެ ކޮޓަރިއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

4 މޭ 2021 - 11:15 0

ހިޔާގައި ރޯވެ ތަކެއްޗަށް ގެއްލުން ވެފައި: މިތަނުގައި ރޯވަން ދިމާވި ސަބަބު އަންނަނީ ތަހުގީގު ކުރަމުން. -- ފޮޓޯ/އެމްއެންޑީއެފް


ކުޑަކުދިންގެ ހިޔާގެ ކޮޓަރިއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

4 މޭ 2021 - 11:15 0

ވިލިމާލޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ ހިޔާގެ ކޮޓަރިއެއްގައި މިއަދު ރޯވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

ޖެންޑާ މިނިސްޓްރީ އާއި އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް ކުއްޖަކަށް އަދި މީހަކަށް ވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ. ހާދިސާ ރިޕޯޓްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހިޔާގައި ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރިއަކަށް ގެއްލުން ލިބިފައި. -- ފޮޓޯ/އެމްއެންޑީއެފް


އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައި ވަނީ ކޮޓަރިއެއްގަ އެވެ. އެތަނުގައި ހެދުމާއި ބޫޓުފަދަ ސާމާނު ހުއްޓެވެ. އެ ތަކެތި ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި އަލިފާން ރޯވީ ހިޔާގެ ފުރަތަމަ ފްލޯގެ ކޮޓަރިއެއްގަ އެވެ. އެއީ، ކުދިން ދިރިއުޅޭ ކޮޓަރިއެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ގިނަ ކުދިންތަކެއް ދިރިއުޅޭ ހިޔާގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން އަންނަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ހިޔާގައި ބަލަހައްޓަނީ މައިންބަފައިންނާއި އާއިލާތަކުން ހަވާލުވާން ބޭނުން ނުވާ ކުދިންނެވެ. އާއިލާތަކުން އަޅާނުލައި ދޫކޮށްލާ ކުދިންނަށް ހިޔާގައި ވެސް ހިތްހަމަޖެހުމެއް ނެތް ކަމާއި ތަނުގެ ހާލަތު ދަށްކަން ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ކުރިއަށް ގެންދިޔަ މައްސަލައަކުން ވަނީ ހާމަވެފަ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު، ހިޔާގެ ހާލަތު ސިފަކުރެއްވި ގޮތުން، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހިޔާގެ ހަތަރު ފާރުގެ ތެރޭގައި ކުދިން ހަމައެކަނި "ބަންދުކޮށްފައި" ތިބުމެވެ. އަހުލާގީ ގޮތުން ކުދިން ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރުމާއި އުނގެނުމުގެ ފުރުސަތު ނެތް ކަމަށް ވެސް ކަމަށް ވިދާޅުވެފައިވެ އެވެ.

މި މާހައުލުން ކުދިން ބަދަލުކުރުމުގެ ވިސްނުމާ އެކު ޖެންޑަ މިނިސްޓްރީން ވަނީ ރަށްރަށުގެ "އަމާން ހިޔާ"ތަކެއް ހަދައިފަ އެވެ. ބައެއް ކުދިން މިހާރު އެތަންތަނަށް ބަދަލު ވެސް ކޮށްފި އެވެ.