Advertisement

މަރަޑޯނާ މަރުވީ ބޭސްފަރުވާ އަށް އިހުމާލުވުމުން!

2 މޭ 2021 - 10:27 0

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް މަރަޑޯނާ.


މަރަޑޯނާ މަރުވީ ބޭސްފަރުވާ އަށް އިހުމާލުވުމުން!

2 މޭ 2021 - 10:27 0

ބީނޯޒް އެރީޒް (މެއި 2) - މިދިޔަ ނޮވެމްބަރު މަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަަރަޑޯނާގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެފައިވާ ކަމަށް އާޖެންޓީނާގެ ސިއްހީ ތަޖުރިބާކާރުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހު 25 ވަނަ ދުވަހު އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު، އޭގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި އޭނާ އަށް ދިޔައީ މަސްތުވާތަކެތީގެ ސަބަބުން ތަކުރާރުކޮށް ފަރުވާ ދެމުންނެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާގެ މަރަށް ފަހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ އަށް އެކަށީގެންވާ ފަރުވާ ދީފައިނުވާ ކަމަށް މީޑިއާގައި އަޑުފެތުރެން ފެށި އެވެ.

މަަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުންތަކެއް އަމިއްލަ އަށް އިސްނަގައިގެން ބަލަން ފެށީ މަރަޑޯނާގެ ދެ އަންހެން ދަރިންގެ ބޮޑެތި ޝަކުވާތަކެއް ހުރުމުންނެވެ. މަރަޑޯނާގެ ދަރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭރު ބުނީ ސިކުނޑީގެ އޮޕަރޭޝަނަށް ފަހު މަރަޑޯނާ އަށް ޑޮކްޓަރުންގެ ފަރާތުން އެކަށީގެންވާ ފަރުވާއެއް ލިބިފައިނުވާ ކަމަށާއި މަރަޑޯނާ ގެއަށް ދޫކޮށްލީ ވެސް މާ އަވަހަށް ކަމަށެވެ. މި ވާހަކަތަކާ އެކު މަރަޑޯނާގެ ހަގީގަތް ދެނެގަންނަން ޕްރޮސެކިއުޓަރުން ވަނީ 20 ސިއްހީ ތަޖުރިބާކާރުން ހިމެނޭ ޓީމަކާ އެކަން ދިރާސާކުރަން ހަވާލުކޮށްފަ އެވެ.

އެ ޓީމުން މަރަޑޯނާގެ މެޑިކަލް ރިޕޯޓްތައް ދިރާސާކުރުމަށް ފަހު 70 ގަނޑުގެ ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު އާޖެންޓީނާ މީޑިއާގައި ވަނީ އެ ރިޕޯޓް އާންމުވެފަ އެވެ.

ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާ ވަރަށް ބޮޑަށް ބަލިވި އެވެ. އޭގެ ފަހުން އޭނާ ރަނގަޅަށް މޮނިޓާކުރެވިފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ގޭގެ ބަދަލުގައި އޮޕަރޭޝަނަށް ފަހު މަހެއްހާ ދުވަސް ވަންދެން ހޮސްޕިޓަލެއްގައި މަރަޑޯނާ އަށް ފަރުވާދިންނަަމަ އޭނާ ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މަރަޑޯނާގެ މަރުގެ މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވެނީ މަރަޑޯނާގެ ޑޮކްޓަރު ލިއޮޕޮލްޑޯ ލޫކޭ އަށެވެ. ލޫކޭ ވަނީ މީގެ ކުރިން ވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ފުރިހަމަ އަށް ޖަވާބުދާރީވާނެ ކަމަށް ބުނެފަ އެވެ.

މަރަޑޯނާ ސިކުނޑީގައި ލޭކޮޅެއް ގަޑުވެގެން ކުރި އޮޕަރޭޝަނަށް ފަހު ނޮވެމްބަރު 12 ވަނަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ޑރ. ލޫކޭ ވަނީ މަރަޑޯނާއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އުމުރުން 39 އަހަރުގެ ޑރ. ލޫކޭ ބުނީ އެ މީހުން ބޭނުންވީ މަރަޑޯނާ ހޮސްޕިޓަލުގައި ބޭއްވުމަށް ކަމަށާއި އެކަމަކު އޮޕަރޭޝަން ކުރިތާ އަށް ދުވަސް ފަހުން މަރަޑޯނާ ގެޔަށް ޑިސްޗާޖް ކުރަން ނިންމީ މަރަޑޯނާ އާއި އޭނާގެ ދަރިން އެ ގޮތަށް ބޭނުންވާތީ އާއި ގޭގައި ވެސް ޝިފްޓް ޑިއުޓީ ބަހައިގެން ނަރުހުން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސޭނެތީ ކަމަށެވެ.