Advertisement

"ހިތާ ހިތުގެ ގުޅުން": ކުރުސީ އަކީ ނަޝީދުގެ ކާކު؟

30 އޭޕްރީލް 2021 - 11:58 7

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ކަވާ ފޮޓޯ އާޓްވޯކް: ހުސެއިން ވަހީދު/ އަދަދު


"ހިތާ ހިތުގެ ގުޅުން": ކުރުސީ އަކީ ނަޝީދުގެ ކާކު؟

30 އޭޕްރީލް 2021 - 11:58 7

ގޫގުލް ކްރޯމް ހުޅުވާލާފައި "ހިތާ ހިތުގެ ގުޅުން" މިހެން ޖަހައި ބޮޑުވާ ބިއްލޫރި އަޅާލުމުން އިންޓަނެޓްގެ އެކި އަރި އަރިމަތިން ފެންނަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކި ޝިއާރުތަކެވެ. އެ ޕާޓީ އާއި އަދުގެ ސަރުކާރާ ގުޅުން ހުރި ހަބަރުތަކާއި ވީޑިއޯތަކެވެ. ދެ ހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން އެމްޑީޕީގެ އެކި ފަރާތްތަކުން "މިއީ ހިތާ ހިތުގެ ގުޅުމެއް" މިހެން ބުނާ އަޑު އިވުމުން އަހަރެންނަށް އަބަދު ވެސް ހިނިތުންވެލެވެ އެވެ. ހަނދާނަށް އަންނަނީ "ޕޮލިޓިކަލް އައިޑެންޓިޓީ" ގާއިމު ކުރުމުގައި ބަހުގެ ދައުރު" މި މައުލޫއަށް 2015 ވަނަ އަހަރު އާމިނަތު އިބްރާހިމް ފާހަގަކުރައްވާފައިވާ މުހިއްމު ކަމެކެވެ. އެ ދިރާސާގައި ވަނީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ގޮތުން ކާމިޔާބީއަށް ވާސިލުވެވަޑައިގަތުމަށް ބޭނުންކުރެއްވި ކާމިޔާބު ޕޮލިޓިކަލް ރެޓޮރިކާއި ބަހަވީ އުކުޅުތަކުގެ ވާހަކަ، ތަފްސީލުކޮށް މިސާލުތަކާއެކު ދައްކަވާފަ އެވެ.

އެހެން ނަމަވެސް 1999 ވަނަ އަހަރު އެ މަނިކުފާނު ޝާއިއުކުރެއްވި 60 ސަފުހާގެެ "ކޮންޓްރޮވާޝަލް" ވާހަކަ "ހިތާ ހިތުގެ ގުޅުން" ގެެ ނަން ސިޔާސީ ބޭނުމަށް ބޭނުންކުރައްވާފާނެއެކޭ ކުރިން ހިތަށް އަރާފައެއް ނެތެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައާރަފުކޮށްދެއްވާ ލީޑަރެއްގެ ގޮތުގައި ބަލައިގަތުމަށް ދެންނެވުމަށާއި، ޕާޓީގެ ބަދަހިކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އެ ޝިއާރަށްވުރެ ވަކި މުނާސަބު ޝިއާރެއް ވެއެކޭ މިއަދު ބުނެވޭކަށް ނެތެވެ. އޭރު އަހަރެމެން އެ ޝިއާރު މާނަކުރީ އޭގެ ލަފުޒީ ސިފައިގަ އެވެ. އެހެން ނަމަވެސް މިއަދު ސީދާ މުސައްނިފު ހިތާ ހިތުގެ ގުޅުން މާނަކުރައްވާ ގޮތް ބަލާލުމަށް، ފޮތް ހަރުން ނަގައި ހިރަފުސް ފޮޅާލުމަށްފަހު މި ހުޅުވާލަނީ މީގެ 22 އަހަރު ކުރިން "ދަރިފުޅު ތި ކިޔަން އަދި މާ ޅައޭ" ކިޔާ ފޮރުވި ވާހަކަފޮތެވެ. އެ ފޮތުގައި ހިތާއި ހިތް ގުޅޭގޮތް ސިފަކުރައްވާފައިވަނީ މިހެންނެވެ.

"އިންސާނާއަށް، ދެންހުރި އެހެންކަންތައް ވަރިހަމަކަމަށް ދެކުމަށް ކަންދިމާކުރާ ގޮތްތަކެވެ. ބޭނުންވެގެން މި އުޅެވެނީ ކޮން އެއްޗެއްކަން ނޭނގި ހުރެނަމަވެސް، އަމިއްލަ މީހާގެ ކިބައިގައި ކޮންމެވެސް އުނިކަމެއް އިހުސާސްވޭވޭ ހުރެފައި، އެއުނިކަން ފިލައިގެންދާއިރު ވާނެކަހަލަ ގޮތްތަކެކެވެ. ނުއެދި ހުރި ނަމަވެސް އެދިއެދިހުރި އެއްޗެއް ލިބުނީމާ ވާގޮތެވެ. ކަންތައްތައް ފުރިހަމަވާން ފަށައިފިކަން އެގެންފެށުމުން ވާގޮތްތަކެވެ. އެކަހަލަ މިކަހަލަ ޝުއޫރުތަކެކެވެ. ހިތާއި ހިތާއި ގުޅެން ފެށީމާ ވާގޮތްތަކެވެ."

ރައީސް ނަޝީދު (ކ) އޭރުގެ ރައީސް މައުމޫނަށް ފޮތް މައުރަޒެއްގެ ތެރެއިން "ހިތާ ހިިތުުގެ ގުޅުން" ފޮތް ދައްކާލައްވަނީ.


ތިލަކޮށް ބަލާލާނަމަ، މިއީ ނުވަދިހައިގެ އަހަރުތަކުގައި ދިރިއުޅުނު ދެ ލޯބިވެރިއެއްގެ ލޯބީގެ އަރުމާދުގެ ވާހަކަ އެވެ. ކުރުސީ އާއި ހަދީޖާ އާ ދެމީހުންނަކީ ވެސް ކުރީގެ ލޯބިވެރިން މަރުވެފައިވާ، އަދި ދުނިޔަވީ އުފަލުގެ އެހީގައި އެކަނިވެރިކަން ފިލުވަމުން ދިޔަ ދެމީހުންނެވެ. ވާހަކައިގެ މައްސަލަ އުފެދެނީ އެ ދެމީހުންނަށް ލޯބި ވެވި، ހިތާއި ހިތުގެ ގުޅުމެއް އުފެދޭ ހިސާބުންނެވެ. އެހެންނަމަވެސް އެ ދެމީހުންގެ ހިތް ހުޅުވޭ ވަރަކަށް އެ ގުޅުމަށް ބުރޫ އަރާނޭ ކަންތައްތަކެއް ހަދީޖާގެ ހިތުގައިވާކަން ފެންނަން ފަށަ އެވެ. އަދި އެ ހިނދުން، އެ ދެ މީހުން ވަކިވުމަށް ނިންމައެވެ. ނުވަދިހައިގެ އަހަރުތަކުގެ ދިވެހި މުޖުތަމައު ލަދުވެތިވާހާ ގިނަ ތަފްސީލުތަކާއެކު ކުރުސީ އާދި ހަދީޖާގެ ލޯބި ކިޔުންތެރިންނާ ހަމައަށް ތިލަކޮށްލައްވާއިރު، އިގްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ ގިނަ މައްސަލަތަކެއްގެ މައްޗަށް ވެސް "ދެ ފޮޅުވަތް ދޭތެރެއިން" ނަޒަރު ހިންގަވާފައިވެ އެވެ.

އެގޮތުން އާމްދަނީ ހޯދަން މީހުންކުރާ މަސައްކަތްތައް، ދަރަނި، ވަރި ކައިވެނި، ނަސްލީ ތައައްސަބު، އާއިލީ ގުޅުން، ސިޔާސީ ނިންމުން، ތަރިކަ ހިމާޔަތްކުރުން؛ މިހުރިހާ ޝިއާރުތަކަށް ވެސް މި ކުރު ވާހަކައިގެ ތެރެއިން އަލިއަޅުވާލާފައިވެ އެވެ. ކުރުސީ "ފިނިހޮޓަލަށް" މަސް ނިމުމުން ފައިސާ ދައްކާ ގޮތަށް އޮންނަ އޮތުމާއި، ކުރުސީގެ ފިރިހެން ކޮއްކޮ "އުޅެ އުޅެ މީހާގެ ތެޔޮހަން ދިޔަފަހުން" ލިބުނު ސްކޮލަޝިޕްގެ ވާހަކަ އަކީ 90ގެ އަހަރުތަކުގެ ޒުވާނުންގެ ހާލަތު ދައްކުވައިދޭ ސިފަކުރުންތަކެވެ. ރާވެރިބޭ ބައްޖަށް ހަކުރު އަޅާއެޅުމާ ގުޅޭ ގޮތުން، "އަހަރެން ބައްޖަށް އަޅާލާ ހަކުރުކޮޅު އެކަނި ކަލޭމެނަށް ފެންނާނީ"މިހެން ބުނެ އޭނާ ކުރާ ޝަކުވާ މިއީ އޭރުގެ އިގްތިސާދީ ހާލަތުގެ އިތުރުން ސިޔާސީ ހާލަތަށްވެސް ކުރާ އިޝާރާތަކަށް ފުދެ އެވެ.

ބުރާސްފަތި ދުވަހު ބިހުރޯޒް މިސްކިތަށް ފަތިސް ނަމާދަށް އަރަން ގޮސް ކުރުސީގެ ހިތުގައި އުފެދުނު ހިތްހަމަނުޖެހުމަކީ ތަރިކަ ހިމާޔަތްކުރުމުގެ ރޫހު ހުރި ކޮންމެ ދިވެއްސެއްގެ އިހުސާސެއްކަން ފާޅުވެގެންދެ އެވެ. އަދި ފަތިސް ނަމާދުގައި "މީސްތަކުންގެ ފުށުގައި މިހުންނަ ލޫޓުވުމުގެ ގޮތް ކުޑަކުރައްވައިދެއްވުމަށް" އެދި ކުރުސީ ކުރި ދުއާ އަކީ އޭރުގެ ސިޔާސީ ރޫހާ ބައްދަލު ދުއާއެއްކަމަށް ބެލެވިދާނެ އެވެ. ހާއްސަކޮށް، އެއީ ފާޅުގައި ދައްކާ ވާހަކައެއް ކަމުގައި ސިފަކުރެއްވުމުގެ ބަދަލުގައި ސިއްރުން ކުރާ ދުއާއެއްގެ ގޮތުގައި އޮތް އޮތުމުން، އޭރު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރަށް ވެސް އެބަ އިޝާރާތްކުރެވެ އެވެ. ހަދީޖާގެ ކުރީގެ ލޯބިވެރިޔާ "އިނގިރޭސިޔާ"އާ މެދު ހަދީޖާގެ ބައްޕަ ގެންގުޅުނު ނަސްމީ ތައައްސަބުގެ ވާހަކައަކީ ވެސް ދިވެހިން އާއްމުކޮށް ނުދައްކާ، އެހެން ނަމަވެސް ދިވެހިން ދަންނަ ވާހަކައެކެވެ. ބޭރުފުށަށް ނާކާމިޔާބު ލޯބީގެ ވާހަކައެއްގެ ފޮޅުވަތްތަކުގެ ތެރޭގައި ނަޝީދު ސިފަކުރައްވާފައިވާ ނުވަދިހައިގެ އަހަރުތަކުގެ ދިވެހިރާއްޖެ އާއި ދިވެހިންގެ އޭރުގެ ވިސްނުމާއި ދިރިއުޅުން ވަރަށް ފުރިހަމަ އެވެ.

ރައީސް ނަޝީދު އެމަނިކުުފާނުގެ ސްޓަޑީީީގައި. --ފޮޓޯ: މަޖްލިިސް


އެތައް އަހަރަކަށް ފަހު އަލުން ވާހަކަ ކިޔަމުން ދިޔައިރު، ވާހަކައިގެ މައިގަނޑު ޝަހުސިއްޔަތުގެ ސިފަތަކުގައި މުސައްނިފުގެ އަމިއްލަ ސިފަ ޖެހިފައިވާ މިންވަރާމެދު ސުވާލުކޮށްލަން މަޖުބޫރުކުރުވަ އެވެ. ވާހަކައިގެ ފެށުމުގައި ނަޝީދު ހަސަން ކުރުސީ ސިފަކުރައްވާފައިވާ ގޮތާމެދު ވިސްނާލަމާތޯ އެވެ.

"ކަޅަކާއި ބެންސަން ސިގިރޭޓެއްގެ އަވާގައި އޭނާ އެކަނިމާއެކަނި ޖައްސާލައިގެން އިނެވެ. މެންދަމުގެ ހަމަހިމޭނުގައި ފިނިހޮޓަލުގަ އެވެ. ހޮޓާ ބަންދުކުރާ ގަޑި ކުޑަތަންވެ ހިގައްޖެކަން ހަސަން ކުރުސީ ރަގަޅަށް ދެނެހުއްޓެވެ."

ކިޔުންތެރިން އިންސާފުކުރައްވާށެވެ. މަތީގައިވާ ޖުމުލަތަކުން އެ ސިފަވާ މަންޒަރަކީ، ހާއްސަކޮށް މުސައްނިފު، ރައީސް ނަޝީދު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާއިރު ފެންނަ މަންޒަރުތަކެވެ. ބައިސްކަލުގައި މާލެ ތެރޭ އެކި ކަންކަމުގައި ކުރުސީ އެ އުޅޭ އުޅުމުން ވެސް ޒުވާން އެކްޓިވިސްޓް "ކެނެރީގޭ އަންނި" ސިފަވެގެންދެ އެވެ. ކުރުސީގެ ހިތުގައި އަރާ ފައިބާ ހިޔާލުތައް، އުފެދޭ ޝުއޫރުތަކުގައި ވެސް ސީދާ ނަޝީދު އެކަންތައްތަކެއްގެ ހައްގުގައި އަޑުއުފުއްލަވާފައިވާ ކަންތައްތައް ހިމެނިފައިވެ އެވެ.

"ފާރު ރީތި މިސްކިތަށް ވީގޮތް ބިހުރޯޒް މިސްކިތަށް ވިޔަ ނުދިޔުމަށް" އެދި ކުރުސީގެ ހިތުގައި އުފެދޭ ޝުއޫރުތަކަކީ މި ވާހަކަ ލިޔުއްވުމުގެ މާ ފަހުންވެސް ރައީސް ނަޝީދު ތަކުރާރުކުރައްވާފައިވާ ޝުއޫރުތަކެވެ. އެގޮތުން، 2017 ވަނަ އަހަރު "މިހާރު" ނޫހަށް ލިޔުއްްވި އޮޕްއެޑެއްގައި "ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލާންވީ އެއްވެސް ސަބަބެއް ދިވެހިންނަށް ފެނިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމޭ" ވިދާޅުވެ، ތަފްސީލީ މަޒުމޫނެއް ލިޔުއްވާފައިވެ އެވެ.

މި ފަދަ އެއްގޮތްކުރުންތައް އެކަންޏެއް ނޫނެވެ. ސީދާ ޝަހްސީ ބައެއް ސިފަތައް ވެސް އެއްގޮތް ކަމަށް ފާހަގަކުރެވިފައިވެ އެވެ. އެގޮތުން "އަމިއްލަ މީހާގެ ދިރިއުޅުން އެހެންބައެއްގެ ލޯތަކަށްޓަކައި އުޅެން ފަށައިފިނަމަ، އެއީ ދެން މުނާފިގުވުމުގެ މަގުމަތިކަމަށް" ކުރުސީ ދެކޭ ދެކުމަކީ ރައީސް ނަޝީދުގެ ސިޔާސީ ޖެހިލުންކުޑަކަމަށް ބާރުދޭ ސިފައެއްކަމުގައިބެލެވިދާނެ އެވެ. އަދި ހަމަ އެހެންމެ، ކުރުސީގެ މި ދެކުން ހަދީޖާ ގަބޫލުކުރަނީ "ޖެހިލުމަކާ ނުލައެއް ނޫން"ކަމަށް ބުނެފައި އޮންނަ އޮތުމަކީ ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް މީހުންނަށް ކުރެވޭ އިޝާރާތެއްކަމަށްވެސް ބެލެވިދާނެ އެވެ.

މީގެ އިތުރުން، ހަދީޖާގެ ކުރީގެ ލޯބިވެރިޔާ އިނގިރޭސިޔާގެ ވާހަކަ މުސައްނިފު ލިޔުއްވާއިރު، އޭނާ އަކީ "މާ ކުރީޒަމާނެއްގައި މަނަވަރުގައި ސޮއިކުރާންވީ ސިޓިތައް ހިފައިގެން އައިސް ބަޑީގެ ކޮޅުން ސޮއިކުރާންވީ ތަން ރަދުންނަށް ދެއްކި ކަހަލަ އިނގިރޭސިއެއް ނޫން" ކަމަށް ވިދާޅުވާ ވިދާޅުވުމުން، ނަޝީދުގެ ހިތްޕުޅުގައި މިއަދުގެ އިނގިރޭސިންނަށް ދެއްވާ ގަދަރާއި ދިވެހި ގިނަ ބައެއްގެ ހިތްތަކުން އޮންނަ ތައައްސަބު ނެތިކޮށްލަން އެދިވަޑައިގަންނަވާކަން ކޮންމެވެސް ވަރަކަށް ނުފެނެއެކޭ ނުދެންނެވޭނެ އެވެ.

ރައީީސް ނަޝީދުު ފޮޮތެއްގައި ސޮއިކުުރައްވަނީީ. --ފޮޓޯޯ: ރައީސް އޮފީސް


އެހެން ނަމަވެސް މިއީ، މި ވާހަކައިގެ މުސައްނިފުގެ ސިޔާސީ ހަޔާތާއި ބައެއް ހާދިސާތައް އެނގި ހުރެ، އަހަރެންވެސް ތައައްސަބެއް ގެންގުޅޭ ހާލު މި ވާހަކަ ކިޔައިގެން އުފެދޭ ހިޔާލުތަކެއްތޯ ވެސް އެބަ ސުވާލުކޮށްލަން ޖެހެ އެވެ. އެހެނީ މީގެ 22 އަހަރު ކުރިން، މި ވާހަކަ ވިއްކުން މަނާކުރުމުގެ ކުރިން، ފުރާވަރުގެ މައުސޫމުކަމުގައި މި ވާހަކަ ކިޔުމުން، ކުރުސީ އާއި ހަދީޖާގެ ގައިގޯޅިވުންތަކާ ހުރެ ލަދުވެތިވުމަށް ވުރެ ފުން އިހުސާސެއް އަހަންނަށްވެސް ނުކުރެވުނީތީ އެވެ.

ބަހަވީ ބައެއް ސިފަތަކަށް ބަލާލާއިރު، ސިފަކުރުންތަކުގައި ހުރި އަމިއްލަވަންތަކަމަކީ އެއަށް ފާޑެއް ނުކިޔާ ދޫނުކުރެވޭނޭ ކަމެކެވެ. ބައެއް މިސާލުތަކަށް ބަލާލަމާތޯއެވެ. ހަދީޖާގެ ރީތިކަން ސިފަކުރައްވަމުން ލިޔުއްވާފައިވެއެވެ.

"ބުމާގައި ހީވަނީ އެގްރިކަލްޗަރުން މުޑުވައްކޮށްގެން އިސްތަށި އިންދާ ހައްދާފައި ހުރިހެނެވެ... ހަދީޖާ ހީލި އެވެ. ނޮވެމްބަރު އެގާރަ ބާރައޭ ކުރުސީ ހިތަށް އެރި އެވެ. ހިނިތުންވުމުން ހީވީ ހަވާއަރުވާލިހެނެވެ."

ހަދީޖާގެ ބުމަ ސިފަކުރައްވަމުން އިޝާރާތްކުރައްވާފައި އެވަނީ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދަނޑުހެއްދުމުގައި ގެންގުޅޭ އުކުޅުތަކަށެވެ. ދެ ވަނަ މިސާލުގައި އެ ސިފަކުރައްވަނީ ޖުމްހޫރީ ދުވަހާ ގުޅިގެން އޭރު ބާއްވާ ބަޑިބޭހުގެ ކުޅިވަރު ތަކަށެވެ. މި ފަދަ މަންޒަރު ނުދެކޭ މި ޒަމާނުގެ ބައެއް ޒުވާން ކުދިންނަށް، މި ސިފަކުރުންތައް ދޭހަކުރަން ދަތިވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް އެ ސިފަކުރުމުގައި ގެންގުޅުއްވާފައިވާ އަމިއްލަވަންތަ ވައްޓަފާޅި ނުވަތަ ފޭޑިއަކީ ރައީސް ނަޝީދަށް ފަރިތަ ވައްޓަފާޅިއެކެވެ. ނަޝީދުގެ ސިޔާސީ ތަޤުރީރުތަކުގައިވެސް މި ގޮތަށް "ޕެރަލަލިޒަމް" ގެންގުޅުއްވާކަން 2015 ވަނަ އަހަރު އާމިނަތު އިބްރާހިމް ކުރެއްވި ދިރާސާއިންވެސް ފެންނާން އެބައޮތެވެ.

ހަމަ މިގޮތަށް، އިނގިރޭސި ބުނުންތައް ލުއި ފަސޭހަކަމާއެކު ތަރުޖަމާ ކުރައްވައި ދިވެހި ޖުމުލައިގެ ތެރެއަށް މަހާލާ މަހާލުމަކީވެސް ނަޝީދުގެ ބަހަވީ އެއް ހުނަރެވެ. އެގޮތަން އިނގިރޭސި ބަހުގައި މަޖާޒީގޮތުން ބޭނުންކުރާ އިބާރާތް "ފައިން ލައިން"، ކުރުސީގެ ދުނިޔެ ސިފަކުރެއްވުމަށް ބޭނުންކުރައްވާފައިވާ ގޮތް؛ " ކުރުސީގެ ދުނިޔޭގައި ހަގީގަތާއި ހިޔާލް އާއި ދެމެދުގެ ރޮނގު އެއީ ވަރަށްވެސް ފަނޑު ރޮނގެކެވެ" މި ޖުމުލައިން ބައްލަވާލައްވާށެވެ.

"ހިތާ ހިތުގެ ގުޅުން" މި ސްލޯގަން އަކީ މިއަދު ސިޔާސީވެފައިވާ ސްލޯގަންއެކެވެ. އެހެންނަމަވެސް މި ވާހަކައަކީ އޭގެ މަސްދަރުކަމުގައި ބެލެވިދާނެތޯ ނުވަތަ ނޫންތޯ، މި ސުވާލުގެ ޖަވާބު އެނގިވަޑައިގަންނަވާނީ ވާހަކައިގެ މުސައްނިފަށެވެ. އެހެންނަމަވެސް އެ ވާހަކައިގައި ސިފަކުރައްވާފައިވާ ގުޅުމާއި، އެ ގުޅުމުގެ ސިފަތައް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ސިފަކަމުގައިވާ "ފިއާސް ލޯޔަލްޓީ" ނުވަތަ "އިންތިހާގެ ވަފާތެރިކަމަ" އެއްގޮތްކަމަށް ވިސްނާނޭ ޖާގަ އެބައޮތެވެ. ވާހަކައިގެ ނިންމުމާ ހަމައަށް ދާއިރު ކުރުސީ ހަދީޖާގެ ކިބައިން އެދޭ އެންމެ ފަހުގެ އެދުމުންވެސް ފެންނަނީ ވަފާތެރިކަމުގެ އެ ސިފައެވެ.

"ކުރުސީ ކޮޅަށް ތެދުވި އެވެ. އޭނާގެ ބައިސްކަލު ބައްތި އަތަށް ނެގި އެވެ. 'ދަންޖެހެންވިޔަސް، މަޅިޖަހާދޭންވެސް ބުނަންޖެހޭނީ މަގޭކައިރީގައި. މަ ނުލާހިކު ރީތިކޮށް ޖަހާދޭނަން'. ކުރުސީ އެކަންވެސް ކޮށްދޭނެކަމުގެ ޔަގީންކަމުގައި ބުންޏެވެ."