26 އޭޕްރީލް 2021 - 10:28 0
ލެސްޓާގެ ކޯޗު ރޮޖާސް.-- ފޮޓޯ: އޭއެފްޕީ
26 އޭޕްރީލް 2021 - 10:28 0
ލަންޑަން (އޭޕްރީލް 26) - ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސްއާ ޓޮޓެންހަމްގެ ކޯޗުކަން ހަވާލުކުރުމާ މެދު އެ ކްލަބްގެ ބޯޑުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޗެލްސީގެ ޔޫތު ޓީމުން ކޯޗިންގެ މަސައްކަތް ފަށައި އިނގިރޭސި ގިނަ ކްލަބްތަކެއްގައި ހެޑް ކޯޗުކަން ކުރި ރޮޖާސް އަންނަނީ 2019 ވަަނަ އަހަރު ލެސްޓާއާ ހަވާލުވި ފަހުން އެ ކްލަބްގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އަނިޔާގެ މައްސަލަތައް ބޮޑު ނަަމަވެސް މި ސީޒަނުގެ މެޖޯރިޓީ ލެސްޓާ އޮތީ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގަ އެވެ. މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތްއިރު، ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން އެ ޓީމާ އެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ބޮޑެވެ.
މިދިޔަ ހަފްތާގައި ޓޮޓެންހަމްގެ ކޯޗުކަމުން 17 މަހަށް ފަހު ހޯސޭ މޮރީނިއޯ ވަކިކުރުމަށް ފަހު މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކޯޗުކަން ހަވާލުކުރީ 29 އަހަރުގެ ޔޫތު ކޯޗު ރަޔާން މޭސަންއާ އެވެ. ޓޮޓެންހަމުން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޓޮޓެންހަމުން ފާރަލަމުން އަންނަ ދެ ކޯޗުންނަކީ އާރްބީ ލައިޕްޒިގުގެ ޖޫލިއަން ނާގަލްސްމަން އާއި ރޮޖާސް އެވެ. ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމްގެ ބޯޑު މެމްބަރުން ދެކަފި ވެފައި އޮތީ ވެސް މި ދެ ކޯޗުންގެ ތެރެއިން އިހުތިޔާރުކުރާނެ ކޯޗެއް ނުނިމިގެންނެވެ.
ބައެއް ބޯޑު މެމްބަރުން ރޮޖާސް ގެންނަން ބޭނުންވަނީ ލެސްޓާގައި މިހާރު ކުރަމުން އަންނަ މަސައްކަތާއި މީގެ ކުރިން ލިވަޕޫލާއި ސެލްޓިކްގައި ވެސް އޭނާ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާތީ އެވެ. ރޮޖާސްއާ ދެކޮޅު މެމްބަރުންގެ ޝަކުވާ އަކީ އަނެއްކާ ވެސް ޕްރިމިއާ ލީގުގައި މަސައްކަތްކުރި ކޯޗަކަށްވާތީ އެ އަށް އެކަނި ބަލައިގެން ގޮތެއް ނިންމަން ބޭނުންނުވާތީ އެވެ.
ޓޮޓެންހަމަށް ނާގަލްސްމަން ލިބެން އޮތީ ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކްގެ މުސްތަގުބަލާ މެދު ފައިނަލް ގޮތްތަކެއް އެ ކްލަބުން ނިންމުމުންނެވެ. ބަޔާން ދޫކޮށްލަން ފްލިކް ބޭނުންވި ނަމަވެސް އެ ކްލަބުން އަދި އެ އަށް ފުރިހަމަ އަށް އިޖާބަދީފައިނުވެ އެވެ.
ޖަރުމަނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފްލިކް ބަޔާނުގައި މަޑުކުރާގޮތަށް ނިންމުން ބަދަލުކޮށްފާނެ އެވެ. އެހެންވެއްޖެނަމަ ނާގަލްސްމަން ޓޮޓެންހަމަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. ފްލިކް ދޫކޮށްލަން ބަޔާނުން ނިންމައިފިނަމަ އެ ޓީމުން އެންމެ ބޮޑަށް ބޭނުންވަނީ ނާގަލްސްމަން އެވެ.
Comment