22 އޭޕްރީލް 2021 - 11:23 7
އާއިޝަތު ރަމީޒާ
22 އޭޕްރީލް 2021 - 11:23 7
ތުއްތު ކުދިންނަކީ ވަރަށް ލޯބިލޯބި ކޮށް ހެދެމުން އަންނަ ކުދިކުދި ގަސް ތަކެއް ފަދަ ބައެކެވެ. ގަސްތަކަށް ވެސް ބޭނުންވާ ވަރަށް ފެންދީ ރަނގަޅަށް ބެލެހެއްޓުމުން ހެދޭ ފަދައިން މި ކުދިކުދި ލޯބިލޯބި ކުދިންކޮޅަށް ވެސް އަޅާލުން ބޭނުންވެ އެވެ. އެކުދިންނަށް އަޅާލުމުގައި ހުސްއެކަނި މައިންބަފައިންގެ އަޅާލުމަކުން ނުފުދޭނެ އެވެ. އެކުދިންނަށް އެކުދިން ވަށައިގެން އުޅޭ އެންމެންގެ ފަރާތުން ލޯތްބާއި ހިމާޔަތް ނިކަން ރަނގަޅަށް ލިބިދޭންޖެހެ އެވެ. ރީތި އަދަބާ އިހުތިރާމު ކުރުމުގެ ނަމޫނާ ދައްކަން ޖެހެއެވެ. އޭރުން އެކުދިން އަންނާނީ ވަރަށް ރީތި އަހުލާގެއްގައި ހެދި ބޮޑުވަމުންނެވެ.
މި ކުދިންގެ އުމުރުން ވަކިވަރަކަށް އެޅުމުން މައިންފައިން މަދަރުސާއަށް ވައްދަ އެވެ. މަދަރުސާއަށް ވައްދާއިރު ވަރަށް ތުއްތު ވާނެ އެވެ. ގޭތެރެއިން ދަސްނުވެ ހުރިލައްކަ ގިނަކަންކަމާ ބަސްމޮށުން ކުރިޔަށް ދާނެ އެވެ. ކުއްޖާގެ އަހުލާގުގައި ވެސް އެތައް ކުލައެއް ޖެހޭނެ އެވެ. މަދަރުސާއަކީ ވެސް ތުއްތުކުއްޖާއަށް ފަހި ތަނަކަށް ވާންޖެހޭނެ އެވެ. މަދަރުސާއެއްގެ ހައިސިއްޔަތު ރަނގަޅު ވާންޖެހެ އެވެ. އިސްލާމީ އަދަބުތައް ދަރިވަރުންނަށް ބުނެދިނުމުގެ ބަދަލުގައި ޓީޗަރުންގެ އަމަލުން ނަމޫނާ ފެންނަނަ ތަނަކަށް ވުމުން ނޫނީ މަދަރުސާ އަކީ ތުއްތު ކުދިންގެ ހިއްތަކުލޯ ހުޅުވައިދޭތަނަކަށް ނުވާނެ އެވެ. އިސްލާމީ ރީތި އަދަބުގެ ބިންގާ އެޅޭ ފުރަތަމަ ވެށްޓަކީ ތުއްތުކުދިންނަށް ތައުލީމުދޭ ބިނާތަކެވެ.
މަދަރުސާގެ ދޮރާށީގެ އޮޅިގަނޑު ގިރާކޮށްލާފައި ތުއްތު ކުދިން ވަދެގެން އަންނަ މަންޒަރަކީ ހިތްގައިމު އުފާވެރި މަންޒަރެކެވެ. ބަލަން ހުންނަ މީހެއްގެ ހިތަށް އުފާވެރިކަން ލިބޭނެ އެވެ. ބެލެނިވެރިޔާގެ އަތުގައި ހިފާލައިގެން އަންނައިރު އެ ތުއްތު ތުއްތު މޫނުތަކުން ފެންނަނީ އުފާވެރިކަމުގެ ކުލަތަކެވެ. މިނަންގަންނަނީ މި ކުދިން މަދަރުސާއަށް ފުރަތަމަ ވެއްދި ދުވަހުގެ ވާހަކައެއްނޫނެވެ. ބެލެނިވެރިޔާގެ މޫނުމަތިން ވެސް ފެންނާނީ ހަމަހިނިތުންވުމުގެ ރީތި ސިފަ އެވެ. ދަރިފުޅު ކުލާހުގެ ތެރެއަށް ވަންނަންދެން ނިކަން ލޯބިން ބަލަން ހުންނާނެ އެވެ. ދަރިފުޅާ ވަކިވެގެންދާނީ ނިކަން ލޯބިން ދަރިފުޅަށް އަތްހޫރާލާފަ އެވެ. ހަމަ އެއާއެކު ކުލާހުގައި ހުންނަވާ ޓީޗަރު ކުދިންނާ ހަވާލުވެލައްވަމުން ދާނެ އެވެ.
ކޮންމެ ކުއްޖެއް ވެސް އެކުއްޖެއްގެ ހާޒިރީކާޑު ނެގުމާ އެކު އެދުވަހަކަށް އޮތްގޮތަކަށް ކުލާހަށް ހާޒިރުވިކަން އަންގާ އިށީންނާނެ އެވެ. މިގޮތަށް ތިބޭ ތިބުމުގައި މިކުދިން ތިބޭނީ ވަރަށް އުފަލުންނެވެ. އެކުދިންގެ އިހުސާސްތަކާ ޝުއޫރުތައް ނިކަން ރަނގަޅަށް އެއްކުއްޖެއް އަނެއްކުއްޖަކާ ހިއްސާކޮށް ހަދާނެ އެވެ. މީވެސް އަޑު އަހަން ހުންނަ މީހަކަށް ނިކަން ހިތްގައިމު ވަގުތު ކޮޅެކެވެ. ބައެއްފަހަރު ރަށުތެރޭ ހަބަރާއި ދުނިޔޭގެ ހަބަރު އަނެއްބައިފަހަރު ގޭތެރޭގެ ހާދިސާތައް އެކުދިންގެ މެދުގައި ހިއްސާކޮށްހަދާނެ އެވެ. މި ކުދިން ދައްކާނީ އެކުއްޖަކާ އެދުވަހު ދިމާވިކަމެއް ނޫނީ އިވުނުކަމެއްގެ ވާހަކެއެވެ. ވީމާ މިކުދިން އެނބުރިގެޔަށް ދިޔުމުންބެލެނި ވެރިން ވެސް އެދުވަހު އެކުދިން މަދަރުސާގައި ކުރީ ކޮންކަމެއްތޯ ސުވާލުކޮށްލެއްވެވުން އެއީ ވަރަށް ރަނގަޅު ކަމެކެވެ. އޭރުން އެދުވަހު މަދަރުސާގައި ކުރިކަމެއް ނިކަން ރަނގަޅަށް ބުނެދޭނެ އެވެ. ކުދިން ކުރިމަސައްކަތެއް ބެލެނިވެރިޔާއަށް އެނގިލައްވަވާނެ އެވެ.
ކޮންމެ މީހަކަށް ތުއްތު ކުދީންގެ ޓީޗަރަކަށްވާކަށް ފަސޭހައެއްނުވާނެ އެވެ. މިފަދަ ޓީޗަރެއްގެ ގައިގާ ތަބީއީ ގޮތުން ހުންނާންޖެހޭ ސިފަ ތަކެއްވެ އެވެ. ކުދީންނާ ގުޅޭ މީހަކަށްވާންޖެހެ އެވެ. ކުދިންގެ ވާހަކަތައް އަޑުއަހާ ހިތްވާ މީހަކަށް ވާންވާނެ އެވެ.
ކެތްތެރިކަމާއެކު އެކުދިންގެ ކުރިމަތީ އުފައުވެރި މޫނަކާ އެކު ބައްދަލުކުރުމުގެ ހުނަރު ދެއްކެން ވާނެ އެވެ. ކުދިންގެ މެދުގައި ހަމަހަމަކޮށް ކަންތައްތައް ކޮށްދެވެންވާނެ އެވެ.
ދަރިވަރުންގެ ގައިގަ އަމިއްލަވަންތަކަން ބިނާކޮށްދީ އިތުބާރާއި ޔަގީންކަން ހަރުލެއްވެނޭ އުކުޅުތައް ތުއްތު ކުދިންގެ ޓީޗަރުން ނިކަންރަނގަޅަށް ދަސްކުރަން ޖެހެއެވެ. އަދި ކޮންމެ ކަމެއްކުރުމުގައި ރީތި ނަމޫނާ ދެއްކޭނެހެން ކަންކަން ކުރުމަށް ވިސްނަންވާނެ އެވެ. އެހެނީ މި ތުއްތު ކުދިން ގެންދާނީ ޓީޗަރުގެ ކޮންމެ ހަރަކާތެއް ފިސާރި ރަގަނޅަށް ބަލާދަސްކުރަމުންނެވެ
ކޮންމެ ދަރިވަރަކީ ވެސް ތަފާތު ކުއްޖެކެވެ. ބައެއްކުދިން ކުލާހުގައިތިބޭނީ ނިކަން މަޑުންނެވެ. އަދި ބައެއް ކުދިން ވަރަށްހަރަކާތްތެރި ވާނެ އެވެ. އަދި މިކުދިންގެ ތެރޭގައި އިތުރަށް ޓީޗަރުގެ ބެލުން ބަހައްޓަން ޖެހޭ ކުދިން ވެސް ތިބޭނެ އެވެ. ވުމާއެކު މިހުރިހައި ކުދިންގެ ބޭނުންތަކަށް ސަމާލުވުމަށް ޓީޗަރު ހުންނަން ވާނީ ނިކަން ރަނގަޅަށް ތައްޔާރު ވެގެންނެވެ. މިހުރިހައި ކުދިންނަށް އަޅާލާނޭ ގޮތެއް ރާވާލަން ދަސް ކޮށްފަ އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތީޗަރުގެ މަސައްކަތްރާވާލާއިރު ދަރިވަރުންގެ ހިތް އެ މަސައްކަތަކަށް ލެނބޭ ކަހަލަ ގޮތަކަށް ރޭވޭތޯ އިސްކަން ދޭންވާނެ އެވެ. ދަރިވަރުން ކުލާހުގައި ތިބޭއިރު އަބަދު ވެސް ކޮންމެވެސް މަސައްކަތެއް ދެވިފައި ބަހައްޓަން ޖެހެ އެވެ. އަދި ދެވޭ ގިނަމަސައްކަތް އެއީ ދަރިވަރުން ތަޖުރިބާ ކުރަމުންކުރެވޭ މަސައްކަތަށް ހެދޭތޯ ވެސް ވިސްނަން ވާނެ އެވެ. ދަރިވަރުންގެ ބެލެނިވެރިންނާ ރަނގަޅު ގުޅުމެއް ބާއްވަވަން ވާނެ އެވެ. ކްލާސްތެރެއާ މަދަރުސާގައި ދަރިވަރު އުޅޭނޫޅޭ ގޮތް އޮޅުންފިލުވާ ހިތް ބެލެނިވެރިޔާ ވަރަށް ވާނެ އެވެ. ވީމާ ބެލެނިވެރިންނަށް ދަރިވަރުގެ މައުލޫމާތު ދޭއިރު ބެލެނިވެރިޔާ ހިތާނުވާފަދަ ގޮތަކަށް މައުލޫމާތު ދެވިގެން ނުވާނެ އެވެ. އަދި ދަރިވަރަކީ އެހީތެރިކަމުގެ އަތެއް ބޭނުންވާ ކުއްޖެއްކަން ކަށަވަރުވާނަމަ ބެލެނިވެރިޔާ އާއި ވަކިން ބައްދަލުކޮށް އެކަމަކާ ވާހަކަ ދައްކާލުން ރަނގަޅުވާނެ އެވެ. އެއްވެސް ކުއްޖެއްގެ އުނި ސިފައެއް އެއްގޮތަކަށް ވެސް އެހެން ބެލެނިވެރިންނާ ހިއްސާ ކޮށްގެންނުވާނެ އެވެ.
ދަރިވަރުންނަށް ޓީޗަރަކީ ދަރިވަރުންނާ އެކު ހުރިމީހެއްކަމުގެ ޔަގީންކަން ދެވިފައި އޮންނަންވާނެ އެވެ. އޭރުން އެޓީޗަރަކު އެދޭގޮތަކަށް ދަރިވަރުން ބައްޓަން ކުރުމަށް ފަސޭހަވާނެ އެވެ. ދަރިވަރުންނަށް ތަރުހީބު ދިނުމާ ދެރަކަމެއްވެއްޖެ ނަމަ ހަމްދަރުދީ ފާޅު ކުރަންވާނެ އެވެ. ދަތިކަމެއްގެ ވަގުތުގައި އޯގަތެރިކަން އިސްކުރަންވާނެ އެވެ. ކުލާހުގައި ހިންގޭނެ މަސައްކަތްތައް ދުރާލާ ރާވާލާފައި ބަހައްޓަންވާނެ އެވެ. އަބަދުވެސް މަސައްކަތްކުރުމަށް އޮންނަ ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްތައް ރޭވިފައި ހުންނަން ޖެހޭނެ އެވެ. ކްލާސް ނިމުމުގެ ކުރިން ކުރިޔަށް އޮތް ދުވަހު ކުލާސް ގެންދާނޭ ގޮތަކާ ދޭތެރޭ ކުދިންނާ މަޝްވަރާ ކޮއްލުމުން ކުދިންގެ ހިޔާލުވެސް ލިބޭނެ އެވެ. އަދި ކުދިން އުފަލާއެކު އެދުވަހުގެ މަސައްކަތުގައި ބައިވެރިވާނެ އެވެ. ކޮންމެ ދުވަހަކުވެސް ދަރިވަރުން ނިމިގެންދާއިރު ހެޔޮބަހެއް ބުނެފައި އޮތުން ވަރަށް މުހިއްމުވާނެ އެވެ. ޓީޗަރުގެ ކޮންމެ ލަފުޒަކީ ދަރިވަރުގެ ކުރިއެރުމެވެ.
Comment