Advertisement

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (1)

22 އޭޕްރީލް 2021 - 09:54 7

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ

އިހު ޒަމާނުގައި ދަތުރުކޮށް އުޅުނު ނަވެއްގެ ހިޔާލީ ކުރެހުމެއް: އެއް ވާހަކައިގައި ކިޔާގޮތުންނަމަ ކޮއިމަލާއަކީ އިންޑިޔާއިން ރާއްޖެޔަށް ވަޑައިގެންނެވި އަމީރެއް. --ކުރެހުން: އަހުމަދު އިހުސާން (އަރަކަ އާޓްސް)


އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (1)

22 އޭޕްރީލް 2021 - 09:54 7

އާއްމު މުހާވިރާގައި "ފުލޯކު" މިބަސް ބޭނުންކުރަނީ ހިޔާލެއްގެ މައްޗަށް އުފައްދާފައިވާ ވާހަކަތަކަށް ނިސްބަތްކޮށެވެ. ފުލޯކު ވާހަކައެކޭ މީހުން ބުނެ އުޅެނީ ހަގީގަތެއްނެތް އަސްލު ނޫން ވާހަކައެއްކަން ބަޔާންކުރުމަށެވެ. ފުލޯކު ވާހަކަތައް އުފެދިފައި ހުންނަ އުސްލޫބަށް ބަލާއިރު އެފަދަ ވާހަކަތައް އުފެދެނީ ހުސްވަގުތުތަކުގައި އަނގަމަޖާކޮށްލުމުގެ ގޮތުންނާއި ތުއްތުކުދިން ނިންދަވާއިރުގައި އެކުދިން ރުއްސުމަށާއި އަދި މިނޫނަސް ދިރިއުޅުމުގެ ވައްޓަފާޅިޔާ ގުޅުންހުރި އެކި ކަންކަމާއި ގުޅުވައިގެންނެވެ. މި ބީދައިން އުފެދިފައި ހުންނަ ވާހަކަތަކުގެ ތެރޭގައި އަސްލެއްގެ މައްޗަށް ބިނާވެގެން ކިޔަމުން އަންނަ ވާހަކަތަކާއި ކުރިންވެސް ދަންނަވާލެވުނު ފަދައިން އެބަޔެއްގެ ގަބޫލުކުރުންތަކާ ދިރިއުޅުމުގެ ވައްޓަފާޅިޔާ ގުޅުވައިގެން އުފައްދާ ހިޔާލީ ވާހަކަތައް ހުރެއެވެ. ހިޔާލީ ވާހަކައެއްކަމުގައި ވިޔަސް އަދި އަސްލެއްގެ މައްޗަށް ބިނާވެއޮވެ "ފޮނިތޮއްޓާއި ކާފޫރު" އެކުވެގެން އައިސްފައިވާ ވާހަކައެއްކަމުގައި ވިޔަސް ހޯދާ ބަލާ މީހަކަށް އެފަދަ ވާހަކަތަކުން ވަރަށް ގިނަކަންކަން ބުނެދޭނެ އެވެ.

މިސާލަކަށް ދިވެހިންގެ މެދުގައި ހުންނަ ވާހަކަތަކަށް ބަލާލަމާތޯ އެވެ. ދިވެހިންގެ ތެރޭގައި ކިޔައި އުޅޭ ހިޔާލީ ވާހަކަތަކަށް ވިސްނާލަމާ ހިނގާށެވެ. މިރާއްޖޭގައި އެންމެ ގިނަ ވާހަކަ އުފެދިފައި ހުންނަނީ ރޫހާނީ މަހުލޫގުންނާއި ގުޅުވައިގެންނެވެ. ހަންޑި ގަނޑުވަރު ދޮންކަމަނަ ވާހަކަޔާ ނިކަބިލީއްސަ ޖިންނި ވާހަކަޔާ އަދި ބަޑިއެދުރު ކަލޭގެ ވާހަކަ ފަދަ ކިތަންމެ ވާހަކައެއް ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ކިޔަމުން އައިސްފައިވެ އެވެ. މިވާހަކަތައް ހަނދާނުގައި ބަހައްޓަވަމުން ދެން ދިރިއުޅުން ހުންނަ ގޮތަށް ބަލާލަމާތޯ އެވެ. އިހުގައި ގެދޮރު އަޅާއިރު މައިގެޔަށް ވަންނަ ދޮރާ ދިމާގައި ހުންނަ އޮޅި އުސްކޮށްފައި އަސްކަނި ހުންނާނީ ތިރިކޮށްފަ އެވެ. ގޭދޮރުން ވަދެވޭނީ ގުދުވެލާފަ އެވެ. މިގޮތަށް ގެދުރު އަޅާ އިލްމީ ސަބަބާ އާއްމުން އެކަމަށް ދައްކާ ވާހަކަ ތަފާތެވެ. އިލްމީ ސަބަބު ފަހަރުގައި އެޒަމާނުގެ އާކިޓެކްޗާ ދަންނަ ބޭފުޅަކަށް ވިދާޅުވެދެއްވަން އެނގިވަޑައިގެންފާނެ އެވެ. އަޅުގަނޑު އާއްމުންގެ ދުލުކުރީގައި އޮންނަ ސަބަބު ދަންނަވާނަމެވެ. އިހު މީހުން ގަބޫލުކުރާ ކުރުމުގައި ވަޅުލާ ގަބުރު ބައެއްފަހަރު ތެދުވެ އެވެ. އަދި އެމީހުން ގަބޫލުކުރާ ގޮތުގައި ތެދުވެގެން އަންނަ ގަބުރަކަށް ގުދެއް ނުވެވޭނެ އެވެ. އަދި ފަޔެއްވެސް ނުހިއްލޭނެ އެވެ. މިހެންވުމުން އެފަދަ ގަބުރަކަށް ގެޔަށް ނުވަދެވޭނޭހެން ގެ އަޅަނީ އެވެ.

ދެން ދިރިއުޅުމުގެ އެހެން އާދައަކަށް ނަޒަރު ހިންގާލަމާތޯ އެވެ. ރަށުން ބޭރުގައި ނުވަތަ ކަނޑުމަތީގައި މަރުވާ މީހަކު ވަޅުލުމަށްޓަކައި އާބާދުވެފަ އޮތްރަށަކަށް ނާރުވާނެ އެވެ. ވަޅުލާނީ ކައިރި ފަޅު ރަށެއްގަ އެވެ. އިހު މީހުން މިކަން ކުރަމުން އައިސްފައިވާ އެއް ހިކުމަތަކީ އެމީހާ މަރުވީ ގޮތް ނޭނގޭ ބައްޔެއްގައިކަމަށް ބަލާތީ އެވެ. އަދި ބައްޔެގައި މަރުވިނަމަ މީހުން ދިރިއުޅޭ ރަށަކަށް އަރުވައިގެން މުޅި ރަށަށް ބަލި ފެތުރިދާނެކަމުގެ ބިރަށްޓަކަ އެވެ. އާދެ މިއީ އެކަމުގެ ހިކުމަތެވެ. އެހެން ނަމަވެސް މިކަން ކުރާ ސަބަބެއްކަމަށް އާއްމު މީހާގެ ނަޒަރަކީ ކަނޑުމަތީ މަރުވާ މީހުން ރަށުގައި ވަޅުލައިފިނަމަ އިސާހިތަކު ރަށުން މީހުން މަރުވަން ފައްޓާނެކަމެވެ. އެއީ ވިގަނި ކުރާކަމެކޯލަ އެވެ. އެންމެ އެވޭލާ ޒަމާނުއްސުރެ މާލެޔަކީ ކާރޫބާރޫ ބޮޑު ބަނދަރެއްގެވެރި ރަށެކެވެ. ދުނިޔޭގެ އެކިބިތަށް ދަތުރުކުރާ ނައުފަހަރުގެ އިތުރުން ރާއްޖޭގެ އުތުރާ ދެކުނުގެ އޮޑި ފަހަރުވެސް ބަނދަރުކުރާ ދިވެހިންގެ ވެރިރަށެވެ. ވީމާ މިރަށު ފަޅުތެރޭގައި ވެސް ކިތަންމެ ބަޔަކު މަރުވާނެތާ އެވެ. މިގޮތަށް މަރުވާ މީހުން ވަޅުލުމަށްޓަކައި ހާއްސަކުރެވިފައި އޮތް ރަށެއް ވިލިގިނގިލި ބިއްދޮށުން މިހާރު ތިލަފުށި އެއޮތް ސަރަހައްދުގައި އޮތެވެ. އެ ރަށުގައި އެންމެ ފަހަށް ވަޅުލީ އަލި ރަސްގެފާނު ޒިޔާރަތާ ދިމާއިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކަނޯއްސޮރު ކިޔާ ކުއްޖެކެވެ. އޭނާ ފެނުނީ ގެއްލުނުތާ ދެތިން ދުވަހެއް ފަހުންނެވެ. ކިޔައި އުޅޭ ގޮތުންނަމަ އެކުއްޖާ ވަޅުލި ފަހުން އެރަށަށް މާބޮޑަށް ގިރަމުންގޮސް އެއްކޮށް ގިރާލީ އެވެ.

ކޮންމެއަކަށް ދަންނަވަން މިއުޅޭ އަސްލު ނުކުތާއަކީ ކިޔަމުން އަންނަ ފުލޯކު ވާހަކަތަކާ އާއްމު ދިރިއުޅުމާ ހުރި އެއްގޮތްކަމެވެ. އެ ފުލޯކު ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއްކަމުގައި ވިޔަސް އެއީ މާޒީގެ ތަސްވީރެކެވެ. އެތައްކަމެއް އޭގެން ބުނެދޭނެ އެވެ. މި ރާއްޖެޔަށް އެންމެ އިހު ޒަމާނުއްސުރެ ޒިޔާރަތްކުރި އެތައް ސައްޔާހެއްގެ ބަހުން އިހު އެވޭލާ ދިވެހި މުޖުތަމައަކީ ވަރަށް "ސުޕަސްޓިޝަސް" މުޖުތަމައެއްކަން އެނގެއެވެ. އާދެ ރޫހާނީ ގަބޫލުކުރުންތައް ވަރަށްމަތީ ދަރަޖަޔަކަށް ގެންގުޅުނު ބައެއްކަމެވެ. މިހާރުވެސް އެބާވަތުގެ ވާހަކަތަކަކީ ވަރަށް ގިނައެއްޗެކެވެ. ފުލޯކު ވާހަކަ މުއައްރިހުންނަށް މުހިންމުވާ އެއް ސަބަބަކީ ވެސް ހަމަ މިއީ އެވެ. ޝައްކެއްވެސް ނެތެވެ. ފުލޯކު ވާހަކައަކީ އިއްޔެއާއި މިއަދާ ގުޅުވައިދޭ އެއް ފާލަމެވެ. ލިޔެ ރައްކާކުރަން ޖެހޭ އަގުހުރި ތަރިކައެއްވެސްމެ އެވެ.

ފޯކުލޯރު ވާހަކައެކޭ ބުނުމުން ގިނަ ބަޔެއްގެ ހިތުގައި ތަރުޖަމާކުރެވޭ މާނައަކީ އާއްމު މުހާވިރާގައި ބޭނުންކުރާ "ފުލޯކު" މިބަހުގެ މާނައެވެ. ވީމާ އެފަދަ ވާހަކައަކީ އެއްވެސް ބޭނުމެއްނެތް ފޮލާއެއްކަމުގައި ވެސް ހީކުރެވެ އެވެ. އިލްމީ ހަމަޔަކުން ފޯކުލޯރަކީ ކޮބައިތޯ ބަލާ ވިސްނާނަމަ ދެންނެވޭނީ އެއީ ތިމާ ވަށައިގެންވާ މާހައުލާ ގުޅޭ ގޮތުންނާއި ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި އިޖްތިމާއީގަބޫލުކުރުންތަކާއި އަދި މާޒީގެ ހަބަރުތައް ފަދަ ކަންކަމުގެ މައްޗަށް އެކުލެވި އުފެދިފައި ހުންނަ އެންމެހައި ކަންތައްތަކެވެ. އޭގެ ތެރޭގައި އެބަޔެއްގެ ތެރޭގައި ކުޅެމުން އަންނަ ކުޅިވަރުތަކާ ކިޔަމުން އަންނަ ޅެންޅެމާ އަދި ވާހަކަތައްފަދަ އެތައްކަމެއް ހިމެނޭނެ އެވެ. މިއަދު ފޯކުލޯރަކީ ވަކި ހާއްސަ އިލްމީ ދާއިރާއެއްގެ ގޮތުގައި ކިޔަވައިދެމުން ވެސް އަންނަ ދާއިރާއެކެވެ. ފޯކުލޯރު ސްޓަޑީޒަކީ ތާރީހާއި ބަހާއި އެންތުރޮޕޮލޮޖީ އާއި އަދި އިލްމުލްއަންސާބު ފަދަ އިލްމީ އެހެނިހެން ދާއިރާތަކުގެ ކަންކަން ދިރާސާކުރުމުގައި ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ދާއިރާއެކެވެ.

އާއެކެވެ. ފުލޯކު ވާހަކަ އުފެއްދުމާ ކިޔުމަކީ ދިވެހިންނަށް އެކަނި ހާއްސަކަމެއް ނޫނެވެ. އެއީ އެންމެހައި އިންސާނުންގެ ކިބައިގައިވާ ތަބީއީ ސިފައެކެވެ. ދުނިޔޭގެ ކޮންމެ ދިމާއަކަށް ބަލާލިކަމުގައި ވިޔަސް އެފަދަ ވާހަކަތައް ކިޔައި ނޫޅޭ ބަޔަކު ނުފެންނާނެތެވެ. ވީމާ ދުނިޔޭގެ އެހެނިހެން އިންސާނުންނެކޭ އަޅުގަނޑުމެން ވެސް ފަރަގުވާންވީ ސަބަބެއް ނެތެވެ. އެ ފަދައިން ދިވެހި ކައިބަފައިންވެސް އެބައިމީހުންގެ އެކިކަންކަން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިން އެއް ވަސީލަތަކީ ފޯކުލޯރު ވާހަކައިގެ ޒަރީއާ އިންނެވެ. އެހެން ނަމަވެސް މިފަދަ ގިނަ ވާހަކަތަކަކީ ކޮންކަހަކަ ވާހަކަތަކެއްކަން ބަޔާންކޮށްދީ ތާރީހަށް އެދެވޭ ހޭލުންތެރިކަމެއް ގެނެސް ގިނަ ދިރާސާތަކެއް އާއްމުވެފަ ނުވާތީ އެވާހަކަތައް ވެސް އައީ ޒަމާނާއެކު ގެއްލެމުންނެވެ. ގެއްލެމުން އައީ ހަމައެކަނި ވާހަކައެއް ނޫނެވެ. "އައިޑެންޓިޓީވެސް" މެ އެވެ.

އާދޭހެވެ! ދޫދޫމަތިން ނަގުލުކޮށް ވާރުތަކުރާ ފޯކުލޯރަކީ ގައުމިއްޔަތުގެ އެއްބަ އެވެ. ގައުމިއްޔަތޭ ކިޔައިއުޅެނީ ބަޔަކުމީހުން އެބައިމީހުން ފަދަ އަނެކުންގެ ކުރި މައްޗަށް ހުށައަޅާ ސިފަތަކަކަށެވެ. އެއީ އެބަޔެއްގެ "އައިޑެންޓިޓީ" ކަމުގައިވެސް ބުނެވިދާނެ އެވެ. މި ދެންނެވި ސިފަތަކަކީ ސަގާފަތާއި އާދަކާދަތަކާއި އަހުލާގާއި އިލްމާއި އަދި ހުނަރާ ފަންނުފަދަ ސިފަތަކެވެ. މި ސިފަތައް ގެއްލިދިޔަނުދީ ޖީލުތަކާ ހަމަޔަށް ފޯރުކޮށްދޭ އެއް ވަސީލަތަކީ ފޯކުލޯރެވެ. ވީމާ ފޯކުލޯރަކީ އައިޑެންޓިޓީ ވާރުތަކޮށްދޭ އެއް ގޮތްވެސްމެ އެވެ.

ފޯކުލޯރަކީ އެކި ބައިތަކަށް ބެހިގެންވާ އެއްޗެކެވެ. މިގޮތުން އެބެހޭ އެއްބަޔަކީ ދޫދޫމަތިން ނަގުލުކުރަމުން އަންނަ ވާހަކައެވެ. ނުވަތަ "ވާބަލް" ފޯކުލޯރެވެ. އެއީ ދޫދޫމަތިން ނަގުލުކުރާ ސަގާފަތާ އާދަކާދައިގެ އެންމެހައި ކަންކަމެވެ. ދިވެހިންގެ ތެރޭގައި ދޫދޫމަތިން ނަގުލުކުރަމުން އައިސްފައިވާ ވާހަކަތަކަށް ބަލާނަމަ އެވާހަކަތައް ވެސް އެކި ބައިބަޔަށް ބަހާލެވިދާނެ އެވެ. މިގޮތުން ހަމައެކަނި ރަށްރަށަށް ހާއްސަ ވާހަކަތަކާއި މުޅި އަތޮޅަށް ހާއްސަ ވާހަކަތަކާއި އަދި މުޅި ގައުމަށް ހާއްސަވެފައިވާ ވާހަކަތަކަކަށް ބަހާލެވިދާނެ އެވެ. މި ތިން ބައިގެ މިސާލަކަށް ބަލާލާނަމަ ބޯންބެ ވާހަކައަކީ އަރިއަތޮޅު މަތިވެރިޔަށް ހާއްސަ ވާހަކައެކެވެ. އެވާހަކައެއް އެހެން ރަށެއްގައި ކިޔަމުން އައިސްފައެއް ނުވެ އެވެ. ވީމާ އެއީ އެރަށަށް އެކަނި ހާއްސަ ވާހަކައެކެވެ.

ވާދޫ ރޮނާގެ ވާހަކަ މިއީ ހުވަދު އަތޮޅަށް ހާއްސަ ވާހަކައެކެވެ. އަތޮޅު އެންމެންގެ މެދުގައި ކިޔައި އުޅޭ ވާހަކައެކެވެ. އެވާހަކަ އެމަގުން އެހެން އަތޮޅެއްގައި ކިޔައެއް ނޫޅޭނެއެވެ. މިގޮތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެބަޔެއްގެ އަތޮޅަށް ހާއްސަ ވާހަކަޔާ ރަށަށް ހާއްސަ ވާހަކަތައް ހުރެ އެވެ.

މުޅި ގައުމަށް ހާއްސަ ވާހަކަޔަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ބަޔަކުވެސް ކިޔައި އުޅޭ ވާހަކަތަކެވެ. މިސާލަކަށް ރެނދިންނަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިހެން ކިޔައިއުޅޭ ބަޔެއްގެ ވާހަކައެވެ. ބޭރުގެ ބައެއް މުއައްރިހުންގެ ނަޒަރުގައި ދިވެހި ފޯކުލޯރުގައި ކިޔާ ރެދިންނަކީ ވައިކިންގްސް މީހުންނެވެ. ކެލައައްޑޫ ދެމެދުގައިވާ ހުރިހާ ހިސާބެއްގައިހެން އެމީހުންނާ ގުޅޭ އާސާރުތައްވެސް ފެންނަން އެބަހުއްޓެވެ. ވީމާ މިއީ މުޅި ގައުމަށް ހާއްސަ ބަޔެއްގެ ވާހަކައެވެ. މިފަދަ އަނެއްވާހަކައަކީ މަޝްހޫރު ކޮއިމަލާ ވާހަކައެވެ. މިއީ ހުރިހާ އަތޮޅެއްގެ ބަޔަކުހެން ދަންނަ ވާހަކައެކެވެ. ގިނަ ފަހަރު ގައުމަށް ހާއްސަ ފޯކުލޯރުތައް ބިނާވެފައި ހުންނަނީ އަސްލު ހިނގައިފައިވާ ކަމެއްގެ މައްޗަށެވެ. އެކަމަކީ ދޫދޫމަތިން ނަގުލުކުރުމުގައި ވަރަށް ދޮށިވެފައިވާ ކަމަކަށްވާނަމަ އެދޮށިކަމާއެކު އެތައް އިތުރުވުންވެސް އަންނަނީ އެވެ.

ކޮއިމަލާ ވާހަކައިގެ ތަފާތު ސީޣާތައްވެއެވެ. އެކި ސީޣާގައި ކުދި ފަރަގުވެސް ހުރެ އެވެ. އެއް ވާހަކައިގައި ކިޔާގޮތުންނަމަ ކޮއިމަލާއަކީ އިންޑިޔާއިން ރާއްޖެޔަށް ވަޑައިގެންނެވި އަމީރެކެވެ. މިބޭފުޅަކު ރާއްޖެވަޑައިގެން އެންމެ ފުރަތަމަ މަޑުކުރެއްވީ ރަސްގެތީމުގަ އެވެ. އެހެން ވާހަކައެއްގައި ކިޔައިއުޅެނީ އެބޭފުޅަކު ރާއްޖެ ވަންނަވާ އެންމެ ފުރަތަމަ މަޑުކުރެއްވީ ތިލަދުންމަތީގައި ކަމަށެވެ. އަދި ރަސްގެތީމަށް ވަޑައިގަތީ އެތަނުންކަމުގައިވެސް ކިޔައިއުޅެ އެވެ. ހަމައެހެންމެ އެއްބައި ވާހަކަތަކުގައި ކޮއިމަލާއަކީ ސިލޯނުން ވަޑައިގެންނެވި އަމީރެކޭ ވެސް ކިޔައިއުޅެ އެވެ. މިފަދަ ކުދިކުދި ފަރަގުތައް ފިޔަވާ މުޅި ވާހަކައިގެ މައިގަނޑުގައި އެއްވެސް ތަފާތެއް ކޮއިމަލާ ވާހަކައިގެ އެއްވެސް ސީޣާއެއްގައި ނުވެ އެވެ. ވާހަކައިގައި ކޮއިމަލާއަކީ ކޮން ބޭފުޅެއްކަމަށް ވެސް ކިޔަ އެވެ. އޭގައި ބުނާގޮތުންނަމަ އިންޑިޔާއިން ނުވަތަ ސިލޯނުން ވަޑައިގެން މަލެއްފަދަކޮޔޭ ކިޔުނު އަމީރަކު ރާއްޖެވަޑައިގެން ވަޒަންވެރިވެ މިރަށްތަކުގެ ރަސްގެފާނަށްވީ އެވެ. އޭގެ ފަހަށް އެރަދުންނަމަކީ ކޮއިމަލާކަމުގައި ހެދީ ގިރާވަރު މީހުންކަމުގައިވެސް ކިޔައެވެ. ހަމައެހެންމެ މިބޭފުޅަކު އިސްލާމުވުމަށްފަހު ނަންފުޅަކީ ދަރުމަވަންތަ ރަސްގެފާނުކަމުގައިވެސް ވާހަކައިގައި ކިޔައެވެ.

މިވާހަކަޔާ ގުޅޭ ގޮތުން އެންމެ ބޮޑު ދިރާސާއެއްކުރެއްވި އެއް ބޭފުޅަކީ މުއައްރިހު މުހައްމަދު އިބްރާހިމް ލުތުފީއެވެ. އޭނާ ލިޔުއްވި މުޚްތަސަރު ތާރީހު ދީބާ މަހަލް މި ފޮތުގައްޔާ އަދި އޭގެ ކުރިން ފަތްތޫރައިގައި ވެސް ވަނީ ކޮއިމަލާއާއި ބެހޭގޮތުން ލިޔުއްވާފަ އެވެ. ލުތުފީ ޝާއިއުކުރެއްވި ލިޔުއްވުމުގައި ސިލޯނުގެ ޕްރޮފެސަރު އެސް ޕަރަނަވިތަނަ ލިޔުއްވި "ދި ސްޓޯރީ އޮފް ސީގިރި" ގައި އޭނާ ލިޔުއްވާފައިވާ ބަޔާނެއް ނަކަލު ކުރައްވާފައިވެ އެވެ. އޭގައިވާ ގޮތުންނަމަ ގަދީމީ ޒަމާނުގައި މެލޭ މީހުންނާއެކު ކަލަބްހަރާއިންގެ މީހުންގެ ގޮސް މަޑަގަސްކަރައިގައި ވަޒަންވެރިވިއެވެ. އަދި މިބައިމީހުން އެތަނުގައި ވަނިކޮށް ސިމްހަލަ ދަރިކޮޅުގެ ބަޔަކު އިންޑިޔާކަނޑުގެ ހުޅަނގަށް ދަތުރުކޮށް އެފްރިކާގެ މައިކޮންޓިނެންޓުގައި ވަޒަންވެރިވެ ސިމްހަލަބަހަވަނަ ކިޔާ ގައުމެއް އުފަންކުރި އެވެ. އަދި މި ސިމްހަލައިންނާއި މެޑަގަސްކަރައިގައި ވަޒަންވެރިވެތިބި ކަލަބްހަރާއިންގެ މީހުންނާ ވިޔަފާރީގެ ގުޅުން އުފެދި އެތަނަށް ވިޔަފާރި ކުރަން އެހެން ތަންތަނުން ވެސް މީހުން އައިސް އުޅެން ފެއްޓީ އެވެ. މިހެން އުޅުމުގެ ތެރޭގައި ސިމްހަލައިންނާއި އަރަބިންނާ ޖެހުނު މައްސަލައެއް ހަނގުރާމައަކަށްވެ އެކަމުގެ ސަބަބުން އެތަނުގައިތިބި ކަލަބްހަރާއިންގެ މީހުން އަނބުރާ މަޑަގަސްކަރަ އަށް ބަދަލުވީ އެވެ. އަދި އެމީހުން ފަހުން އެރަށްވެސް ދޫކޮށް އެތަނުން ބަޔަކު މަހިލަދީޕާ (ދިވެހިރާއްޖެ) ގައި ވަޒަންވެރިވި އެވެ. މަހިލަދީޕާގައި ވަޒަންވެރިވި ކަލަބްހަރާއިންގެ ވެރިޔަކަށް ހުރި މީހާގެ ނަމަކީ ތަޔަމައްލު ކަމުގައިވެ އެވެ. މި ބޭފުޅަކު ރާއްޖޭގެ ރަސްކަލަކަށް އެއިރު ހުންނެވި އަބްހަޔާއޭ ކިޔުނު ރަދުންގެ ދަރިކަނބަލުންނާއި ކައިވެނިކުރައްވާ ފަހުން އެރަދުން އަވަހާރަވުމުން ރަސްކަމަށް އިސްވީ މި ތަޔަމައްލު ކަމުގައިވެސް ވެ އެވެ.

ލުތުފީގެ ހަމަ އެ ލިޔުމުގައި ސިލޯނުގެ މުއައްރިހަކު ކޮއިމަލާ ކަލޯޔާ ބެހޭގޮތުން ލިޔުއްވާފައިވާ އެހެން ބަޔާނެއް ވެސް ގެންނަވާފައިވެ އެވެ. ބެލެވޭ ގޮތުން މިއީވެސް ޕްރޮފެސަރު ޕަރަވިތަނަގެ ބަޔާނެކެވެ. އޭގައި ބުނާގޮތުން ކޮއިމަލާ ކަލޯ މި ބަހުގައިވާ ކަލޯއަކީ ކަލަބްހަރާއިންގެ ބަހުގައިވާ ކަލަވަ އެވެ. ސިންގަޅައިން ދިވެހިންނަށް ކަލޯ ކިޔައި އުޅެނީ ކަލަބްރާއިންގެ ނަމަކަށްވާތީކަމަށާއި ކެއިމަލް އާއި ތަޔަމައްލަކީ އެއް ނަމެއްކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. ތަޔަމައްލާ މި ބަހުގައި އޮތް ތާ ކާފަކަށް ބަހުގައި ބަދަލުވަނީކަމަށްވެސް ބުނެފައިވެ އެވެ.

މިއީ ސިލޯނުގެ ޕްރޮފެސަރެއްކަމުގައިވާ އެސް ޕަރަވިތަހަނަ ކޮއިމަލާ ފޯކުލޯރުގެ މައްޗަށް ނެރުއްވި ނަޒަރިއްޔާއެކެވެ. ޕްރޮފެސަރުގެ އެ ބަޔާނުގައި ރާއްޖޭގެ ތާރީހުގެ މައްޗަށް ވިސްނާ މީހަކަށް ވަރަށް މުހިންމު ވާހަކަތަކެއްވާ ކަމާމެދަކު ޝައްކެއްނެތެވެ. ހަމައެހެންމެ އަދި އެހެން މަގަކުންވެސް ކޮއިމަލާ ކަލޯ ވާހަކަޔާ މެދު ވިސްނާލުމަކީ ނެތްކަމެއް ވެސް ނޫނެވެ. ވީމާ ކޮއިމަލާ ކަލޯޔާ މެދު އަދި ގޮތެއް ކަނޑައެޅުން މަޑުޖައްސާލުމަށް ފަހު އެހެން ބައެއް ނަޒަރުތަކަށް ވިސްނާލަމާތޯއެވެ. ކޮއިމަލާ ކަލޯ ވާހަކަޔާ މެދު ވިސްނާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވާ އެއް ކަމަކީ އެ ނަމަކީ އިހުގައި މުޅި ރާއްޖެޔަށް މަޝްހޫރުވެފައިވާ ނަމަކަށްވެ އެވާހަކައަކީ ކޮންމެ ދިވެއްސެއް ދަންނަ ވާހަކައަކަށްވެފައިވަނީ ކީއްވެކަމާމެދު އެވެ. (ނުނިމޭ)