18 އޭޕްރީލް 2021 - 09:50 0
ޝެފީލްޑް ކުޅުންތެރިން ރޭގެ މެޗަށް ފަހު ދަނޑުމަތީގައި.-- ފޮޓޯ: އޭއެފްޕީ
18 އޭޕްރީލް 2021 - 09:50 0
ލަންޑަން (އޭޕްރީލް 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 1-0 އިން ބަލިވެ ޝެފީލްޑް ޔުނައިޓެޑަށް ބާކީ ހަ މެޗު އޮއްވައި ރެލިގޭޓްވިއިރު، ދެ ވަނަ ޑިވިޝަނުގެ އެއް ވަނައިގައި އޮތް ނޯވިޗް ސިޓީ އަށް އަލުން ޕްރިމިއާ ލީގުން ފުރުސަތު ލިބިއްޖެ އެވެ.
މިދިޔަ ސީޒަނުގައި ތަފާތު ފޯމެއްގައި އޮތް ޝެފީލްޑްގެ ފޯމު ގެއްލުނީ މިދިޔަ އަހަރު އެންމެ ފުރަތަމަ ކޮވިޑް-19އާ ހެދި ލީގު 100 މެދުކަނޑާލުމަށް ފަހު އަލުން ފެށިއިރު އެވެ. އެ ފަހުން ޝެފީލްޑުން ކުރިން ދައްކަމުން އައި ހިތްވަރުގަދަ ކުޅުމެއް ނުފެނެ އެވެ. މި ފަހަރުގެ ސީޒަން ފަށައިގެން ފުރަތަމަ 13 މެޗަށް ފަހު ޝެފީލްޑްގެ އޮތީ އެއް ޕޮއިންޓެވެ.
ލީގުގެ 15 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑުން 3-2 އިން ވެސްޓް ހޭމް ބަލިކުރުމުން ރޭގެ މެޗަށް ޝެފީލްޑް ނުކުތްއިރު ރެލިގޭޓްވުމުން ސަލާމަތްވުމަށް އެ ޓީމަށް ޖެހުނީ ވުލްވްސް އަތުން ބަލިނުވާށެވެ. އެކަމަކު ވުލްވްސް އަތުން ބަލިވެ ލީގުގައި ކުރިމަތިލި 26 ވަނަ ނާކާމިޔާބީ އަށް ފަހު ޝެފީލްޑް ރެލިގޭޓްވީ އެވެ.
ޝެފީލްޑްގެ ކުރީގެ ކޯޗު ކްރިސް ވައިލްޑާ މަގާމުން ދުރުކުރުމުން އެ ޓީމަށް މިހާރު އިރުޝާދުދެމުން އަންނަނީ ވަގުތީ ކޯޗު ޕޯލް ހެކިންބޮޓަމް އެވެ. އޭނާ ބުނީ އަލުން ޕްރިމިއާ ލީގަށް އަންނަން ޝެފީލްޑުން މިސާލު ނަގަންވީ ނޯވިޗްގެ ކިބައިން ކަމަށެވެ. ނޯވިޗް ލީގަށް އައީ ރެލިގޭޓްވިތާ އެއް އަހަރު ފަހުންނެވެ.
ލަނޑު ޖެހުމަށް ފަހު ނޯވިޗްގެ ޕޫކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އިނގިރޭސި ދެ ވަނަ ޑިވިޝަން (ޗެމްޕިއަންްޝިޕް)ގެ މި ހަފްތާގެ މެޗުތަކަށް ނުކުތުމުގެ ކުރިން ނޯވިޗް އަލުން ޕްރިމިއާ ލީގަށް އަންނަން ބޭނުންވެފައި އޮތީ ދެ ޕޮއިންޓެވެ. އެކަމަކު ނޯވިޗްގެ މެޗުގެ ކުރިން ދެ ވަނައިގައި އޮތް ވަޓްފޯޑާއި ތިން ވަނައިގައި އޮތް ސްވަންސީ ސިޓީ ކުޅުނު މެޗުތަކުން މޮޅުނުވުމުން ނޯވިޗަށް ޕްރިިމިއާ ލީގުން ފުރުސަތު ލިބުނީ އެވެ. ލީގުގެ ޖާގަ ޔަގީންވި ފަހުން ނޯވިޗް ރޭ ކުޅުނު މެޗުގައި ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 3-1 އިން ބަލިވެފަ އެވެ.
ނޯވިޗްގެ ކޯޗު ޑެނިއަލް ފާކާ ބުނީ އަލުން ޕްރިމިއާ ލީގުން އެއް އަހަރު ތެރޭ ފުރުސަތު ލިބުނު އެންމެ ބޮޑު ސަބަބަކީ ޕްރިމިއާ ލީގުން ރެލިގޭޓްވުމުން ވެސް ކްލަބްގައި މަޑުކުރަން މުހިއްމު ކުުޅުންތެރިން ނިންމުމުން ކަމަށެވެ. އެ ގޮތުން ފޯވާޑް ޓީމޫ ޕޫކީ އާއި ބުއެންޑީއާ އަދި މެކްސް އާރޮންސް ފަދަ ކުޅުންތެރިންނަށް ބޮޑު ހުށަހެޅުންތައް ލިބުނުއިރު ނޯވިޗްގައި މަޑުުކުރަން ނިންމި ނިންމުމަށް ފާކާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
Comment