Advertisement

ކޮވިޑް ވެކްސިން ފުރިހަމަ ކުރުމުން ޕީސީއާރު ނަތީޖާ ނެތި ޓޫރިސްޓުންނަށް ރާއްޖެއަށް އެތެރެވެވޭނެ

17 އޭޕްރީލް 2021 - 22:06 0

އަމަން ހަލީމް

އަމަން ހަލީމް

ކ. ތުލުސްދޫގައި ފަތުރުވެރިންތަކެއް: ކޮވިޑް ވެކްސިން ޖަހާފައިވާ ނަމަ ކަރަންޓީނު މުއްދަތު ފުރިހަަމަ ކުރާކަށް ނުޖެހޭ -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކޮވިޑް ވެކްސިން ފުރިހަމަ ކުރުމުން ޕީސީއާރު ނަތީޖާ ނެތި ޓޫރިސްޓުންނަށް ރާއްޖެއަށް އެތެރެވެވޭނެ

17 އޭޕްރީލް 2021 - 22:06 0

އަންނަ އަންގާރަދުވަހުން ފެށިގެން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް، ޕީސީއާރު ނެގެޓިވް ނަތީޖާއެއް ނެތި ރާއްޖެއަށް އެތެރެވެވޭ ގޮތަށް އިމިގްރޭޝަންގެ އުސޫލު ބަދަލުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނާއި، އެހެނިހެން ބޭނުންތަކުގައި ރާއްޖެ އެތެެރެވާ ބިދޭސީން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅައިފި ނަމަ، ޕީސީއާރު ނަތީޖާ ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ.

އަދި އެފަދަ މީހުން ކަރަންޓީނު ވާން ވެސް ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ކުރި އިއުލާނުގައި ބުނީ، ވެކްސިނޭޝަން ފުރިހަމަކޮށްފައިވާ ކަމަށް ބެލެވޭނީ ދެވަނަ ޑޯޒް ޖެހިފަހުން ދެ ހަފުތާގެ މުއްދަތު ވޭތުވުމަށް ފަހު ކަމަށެވެ. އަދި މި ވެކްސިނަކީ ބޭނުންކުރަން ހުއްދަ ދެވިފައިވާ ވެކްސިނަކަށް ވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އެޕްރޫވްޑް ވެކްސިން ކަމަށް އިމިގްރޭޝަނުން މާނަކުރަނީ ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފައިވާ ވެކްސިންތަކަށްތޯ ނުވަތަ އިމަޖެންސީ ހާލަތުގައި ބޭނުންކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ހުއްދަ ދީފައިވާ ވެކްސިން ކަމެއް ކަށަވަަރެއް ނުވެ އެވެ.

ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފައިވާ ވެކްސިންތަކަކީ ކޮވިޝީލްޑް (ސީރަމް އިންސްޓިޓިއުޓް)، ސިނޯފާމް (ޗައިނާ) އަދި ފައިޒާ (ބަޔޯއެންޓެކް) އެެވެ.

ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި، ޑޭކެއާ ސެންޓަރުތަކާއި އަދި ސްކޫލްތަކުގެ އިތުރުން އުމުރުުން ދުވަސްވީ މީހުންނާއި ބަލި މީހުން ބައިތިއްބައިގެން ފަރުވާދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ މީހުންނަށް މި ލުޔެއް ނުލިބެ އެވެ. އެފަދަ މީހުން ޕީސީއާރު ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެ އެވެ.

ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް ރާއްޖެ އެތެރެވުމުގައި ލުއި ދޭން ނިންމުމާ އެކު، ރާއްޖެ ހިމެނިގެން ދާނީ މި ހުއްދަ ދޭން ނިންމި ފުރަތަމަ ގައުމުތަކުގެ ތެރޭގަ އެވެ.

މިހާތަނަށް ގްރީސް އަދި އިޒްރޭލު ފަދަ މަދު ގައުމުތަކުން ނޫނީ، މި ލުއި ދީފައެއް ނުވެ އެވެ.