Advertisement

ގައުމީ ކޯޗުގެ ގޮތުގައި އެންމެ ބޮޑު ޗެލެންޖް ކޫޕްމަން އަށް

13 އޭޕްރީލް 2021 - 13:10 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމާ ހަވާލުވި އެކި ކޯޗުން (ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު) -- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)


ގައުމީ ކޯޗުގެ ގޮތުގައި އެންމެ ބޮޑު ޗެލެންޖް ކޫޕްމަން އަށް

13 އޭޕްރީލް 2021 - 13:10 0

މިދިޔަ ހަޔެއްކަ އަހަރަށް ބަލާއިރު އެކި ޓާގެޓްތައް ހަވާލުކޮށްގެން ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ތަފާތު ކޯޗުންނާ ހަވާލުކޮށްފި އެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕްގައި ޓީމުތައް ގޮވައިގެން ވާދަކުރި ކޯޗުން ހިމެނެ އެވެ. އޭޝިއާގައި ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗުންގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކުގައި މަސައްކަތްކޮށްފައިވާ ކޯޗުން ވެސް ގެނެސްފައިވެ އެވެ. އެކަމަކު މީގެ ކުރިން ތިބި ފުލްޓައިމް ހަތަރު ކޯޗުންނަށް ބަލާއިރު މިހާރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ކުރިމަތިވެފައިވާ ހާލަތު ތަފާތެވެ. ޗެލެންޖް ވެސް ބޮޑެވެ.

އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމާއި ސާފް ސުޒުކީ ކަޕް (ސާޗް ޗެމްޕިއަންޝިޕް)ގެ ތަށި ދިފާއު ކުރުމަށް ޓާގެޓްތަކެއް ކަނޑައަޅައި ކޫޕްމަން އަށް ގައުމީ ޓީމުގެ ކޯޗުކަން ދިނީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. އެކަމަކު ކޮވިޑުގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވީ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެެއިން ކޫޕްމަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


އޭރު އޮތް ގޮތުން ނަމަ މިދިޔަ އަހަރު މާޗް މަހު ވޯލްޑް ކަޕް ކޮލިފައިންގައި ކޫޕްމަން ރާއްޖެ ގޮވައިގެން ވާދަކުރާނެ އެވެ. އެކަމަކު ކޮވިޑް-19ގެ ނުރައްކާ މުޅި ދުނިޔެ އަށް ބޮޑުވެގެން ގޮސް ފުޓްބޯޅަ ހަރަކާތްތައް ހުއްޓުނީ އެވެ. ތިން ފަަހަރު މަތިން ފަސްކޮށްގެން ވެސް ގައުމީ ޓީމު ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ބޭއްވޭގޮތެއްނުވެ، އެންމެ ފަހުން ކޮލިފައިންގައި ބާކީ ހުރި ހުރިހާ މެޗެއް ސެންޓްރަލައިޒްކޮށް މިހާރު ކުޅެން ނިންމާފައި އޮތީ އަންނަ ޖޫން މަހު ޗައިނާގަ އެވެ. އެ ޝެޑިއުލާ އެއްގޮތަށް މެޗުތައް ގެންދަން ހުރިހާ ގޮތަކުން އޭއެފްސީން އޮތީ އަމާޒުހިފައިފަ އެވެ.

އެހެން ކޯޗުންނަށް ވީ ކިހިނެއް؟

ކޫޕްމަން އަކީ އޭޝިއަން ކަޕުގެ ޗެލެންޖް ހަވާލުކުރި ހަތަރު ވަނަ ކޯޗެވެ. އެންމެ ފަހުން ގައުމީ ޓީމާ ހަވާލުވެތިބި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އާއި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް އަށް ވެސް އެ ޓާގެޓް ދިނެވެ. އޭގެ ކުރިން ގައުމީ ޓީމާ ހަވާލުވެ ހުރި ނިއު ޒީލެންޑަށް 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި ކޯޗުކޮށްދިން ރިކީ ހާބަޓަށް ވެސް ވަނީ ރާއްޖެ އަށް އޭޝިއަން ކަޕްގައި ކުޅެލަން ފުރުސަތެއް ހޯދުމުގެ ޓާގެޓް ހަވާލުކޮށްފަ އެވެ. ހާބަޓާއި ސްޓެވާޓް އަދި ސެގާޓަށް ވެސް އެކި ގޮންޖެހުންތައް ކުރިމަތިވެ އެންމެ ފަހުން ވަޒީފާ ގެއްލުނީ އެވެ.

ހާބަޓަށް ވަޒީފާ ގެއްލުނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ސާފް ސުޒުކީ ކަޕާއި 2016 ވަނަ އަހަރުގެ ޖެނުއަރީގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕްގެ އިތުރުން 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް ތިން މުބާރާތުގެ ވެސް ސެމީ ފައިނަލުން ބަލިވުމުންނެވެ. އޭޝިއަން ކަޕްގެ ޓާގެޓްގައި މަސައްކަތްކުރަމުންދިޔަ ސްޓެވާޓަށް ގައުމީ ކޯޗުކަން ގެއްލުނީ ކޮލިފައިންގައި ތަފާތު ބޮޑުކޮށް އޮމާނާއި ފަލަސްތީން އަތުން ބަލިވުމުންނެވެ. އެ ގޮތުން 2017 ވަނަ އަހަރު ރަށުން ބޭރުގައި އޮމާން އަތުން 6-0 އިން ބަލިވިއިރު، ފަލަސްތީން އަތުން ވަނީ 8-1 އިން ބަލިވެފަ އެވެ. އޭގެ ފަހުން ސްޓެވާޓަށް ގައުމީ މެޗެއް ނުލިބި ކޮންޓްރެކްޓް އުވާލަން ދެ ފަރާތުން ނިންމީ އެވެ.

ކުރިން އަފްގާނިސްތާނަށް ކޯޗުކޮށްދިން ސެގާޓް ގައުމީ ކޯޗަކަށް ގެނައީ 2018 ވަަނަ އަހަރުގެ މާޗް މަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސެގާޓަށް ހަވާލުކުރި ޒިންމާ އަކީ މުސްތަގުބަލަށް ބަލައި "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން ގައުމީ ޓީމުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ ޓީމު ވަރުގަދަ ކުރުމަށެވެ. އެ ގޮތުން ނިސްބަތުން ޒުވާން ސްކޮޑަކާ އެކު ގޮސް ސެގާޓް ވަނީ 2018 ވަަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފަ އެވެ.

ދިހަ އަހަރަށް ފަހު ސަރަހައްދުގެ ރަން ތަށި ރާއްޖެ ގެނެސްދިނުމަށް ފަހު ދެން ސެގާޓާ އެފްއޭއެމުން ހަވާލުކުރި ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމާއި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުމަށެވެ. އެ މުބާރާތުން ސެގާޓް ފެއިލްވުމާ އެކު އޭނާގެ ވަޒީފާ ގެއްލުނީ އެވެ.

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ބަންގްލަދޭޝް އާއި ސްރީލަންކާއާ އެއްވަރުވިއިރު، ބޫޓާނާއި ނޭޕާލް އަތުން ވީ ބައްޔެވެ. މީގެ ތެރެއިން ބޫޓާން އަތުންވީ ބައްޔަކީ ގިނަ ބަޔެއްގެ ނުރުހުން ސެގާޓަށް އަމާޒުވި އެއް ސަބަބެވެ. އެއީ މީގެ ކުރިން ސީނިއާ ލެވެލްގައި ގުނާ މި ފަދަ މުބާރާތެއްގައި ބޫޓާން އަތުން ރާއްޖެ ބަލިވެފައިނުވުމުންނެވެ.

އެންމެ ފަހުން ތިބި ކޯޗުންނަށް ޓީމާ ހަވާލުވުމަށް ފަހު ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށްލުމާއި އޭނާ ބޭނުންވާ ސިސްޓަމަށް ކުޅުންތެރިން ހާނުވަން އެކަށީގެންވާ ވަގުތެއްގެ ތެރޭގައި މެޗެއް ކުޅެލަން ލިބުނެވެ. މިހާރު އޮތްގޮތުން ކޫޕަމަން އަށް ގައުމީ ޓީމާ ހަވާލުވުމަށް ފަހު ރަސްމީ މެޗެއްގައި ޓީމު ގޮވައިގެން ވާދަކޮށްލުމުގެ ނަސީބު ލިބޭނީ މަގާމާ ހަވާލުވިތާ އެއް އަހަރާއި ފަސް މަސް ފަހުންނެވެ. މިއީ ގައުމީ ޓީމާ މިހާތަނަށް ހަވާލުވި އެއްވެސް ކޯޗަަކަށް ކުރިމަތިވެފައިވާ ޗެލެންޖެއް ނޫނެވެ. އެހެންކަމުން މީގައި ކޫޕްމަން އަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަ އެވެ.

ކޫޕްމަން އަށް އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނީ ކީއްވެ؟

ފުޓްބޯޅައިގެ އާންމު އުސޫލުން ބަލާކަމަށްވާނަމަ އާ ކޮންޓްރެކްޓެއް ދެނީ ކުޅުމަށް ނޫނީ ނަތީޖާ އަށް ބެލުމަށް ފަހު އެވެ. އެކަމަކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ގޮވައިގެން މެޗަކަށް އަދި ކޫޕްމަން ނުކުމެފައިނުވީ ނަމަވެސް އެފްއޭއެމުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކޫޕްމަންގެ އެެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯޗު ޓެސްޓް ކޮށްލާކަށް އޮފިޝަލް މެޗެއް ނުލިބުނު ކަމުގައި ވިޔަސް ކުޅުންތެރިންގެ ފަރާތުން ލިބޭ ފީޑްބެކަށް ބަލާއިރު، މިހާރު އެ އޮތް ގައުމީ ޓީމުގެ ވަރަށް ގިނަ ކުޅުންތެރިންނަށް ކޫޕްމަން ވަރަށް ކަމުދާ ކަމަށެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޫޕްމަން އާއި ޓީމުގެ އޮފިޝަލުން އަދި ކުޅުންތެރިން.-- ފޮޓޯ: އިބްރާހިމް ފާއިދު / އެފްއޭއެމް


"ކޯޗުގެ ޓްރެއިނިންތަކާއި މި ހުރިހާ ކަމެއް ރަނގަޅު. އަޅުގަނޑުމެންނަށް ބައެއް ކަހަލަ ޕްރެކްޓިސް މެޗުތައް ދެ ޓީމަށް ބަހާލައިގެން ކުޅޭއިރުގައި ވެސް ވަރަށް ރީތި ފުޓްބޯޅަ އެއް ކުޅޭތަން ފެނިގެންދޭ. އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އެއީ އަޅުގަނޑުމެންގެ ނެޝަނަލް ޓީމު ވަރަށް ރީތި ފުޓްބޯޅައެއް ކުޅުން،" ބައްސާމް ވިދާޅުވި އެވެ.

"ހަމައެކަނި މޮޅުވުމެއް ނޫން. ރިޒަލްޓެއް ހޯދުމެއް ވެސް ނޫން. އެއާ އެކީގައި ވަރަށް ރީތި ޕާސިން ގޭމެއް ކުޅޭތަން ބަލާލުމަކީ ވެސް އަޅުގަނޑާ އަޅުގަނޑުގެ ޓީމު އަދި މެނޭޖްމަންޓް ދެކޭ ހުވަފެނެއް."

ބައްސާމް ވިދާޅުވީ އެ ކަންތައްތައް ހާސިލްވާތަން ފެންނަމުންދާތީވެ ކޯޗުގެ އެއްބަސްވުން އާ ކުރީ ކަމަށާއި އެހެން ނަމަވެސް މެޗުތަކަށް ބެލުމަށް ފަހު ކޯޗާ މަޝްވަރާކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"މި އެކްސްޓެންޝަނަކީ (ކޮންޓްރެކްޓް އާ ކުރުމަކީ) ރަނގަޅު ކަމެއް. މިއާ އެކީގައި ޖެހޭނީ ޖޫން މަހު މި ލިބޭ ކޮލިފައިން މެޗުތަކާއި އަދި ސެޕްޓެމްބަރަށް މި ވަގުތު އޮތް ސާފް ޗެމްޕިއަންޝިޕްގެ ރިޒަލްޓަށް ބެލުން ކަންނޭނގެ ދެން އޮތީ،" ބައްސާމް ވިދާޅުވި އެވެ.

އުމުރުން 63 އަހަރުގެ ކޫޕްމަން އެންމެ ފަހުން ކޯޗު ކޮށްދިނީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ އަރޫބާ އަށެވެ. ކޫޕްމަން ވަނީ ދެ އަހަރު ދުވަހު އަރޫބާ އަށް ކޯޗުކޮށްދީފަ އެވެ.

ރަނގަޅު ސްކޮޑެއް އެކުލަވާލުމުގެ ބޮލުގެރިހުން ކޫޕްމަން އަށް އޮންނާނެ

ގައުމީ ފުޓްބޯޅަ ޓީމާ ކޫޕްމަން ހަވާލުވި ފަހުން ދެ ފަހަރެއްގެ މަތިން ގިނަ ޕްރެކްޓިސް ސެޝަންތަކެއް ވަނީ ބާއްވައިފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅާއި ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުން ކުރުމަށް ފަހު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރަން ހުއްދަ ދިނުމުން މިދިޔަ ޖުލައި މަސް ތެރޭގައި މަހެއްހާ ދުވަހު ޕްރެކްޓިސްތައް ބޭއްވި އެވެ.

މިދިޔަ ޖެނުއަރީ މަހު ކޫޕްމަން ވަނީ ގައުމީ ޓީމުގެ ސްކޮޑެއް ނަގައި ކުޅުންތެރިންނާ ބައްދަލު ވެސް ކޮށްފަ އެވެ. އެއީ މިދިޔަ މަހު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ސީރިއާ މެޗު ކުޅެން ޖެހޭނެ ކަމަށް ބަލާފައި ނެގި ސްކޮޑެކެވެ. ލީގުގައި މިހާރު ކުރިއަށްދާ މެޗުތަކުގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބެލުމަށް ފަހު އެ ސްކޮޑަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތް ކަމަށް އޭރު ވެސް ކޫޕްމަން ވަނީ ބުނެފަ އެވެ.

ގައުމީ ކޯޗު ކޫޕްމަން: ލީގުގެ މެޗެއް ބަލަން ދަނޑުގައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ގައުމީ ޓީމުގައި ހުންނަ ކޯޗެއް ނަގާ ސްކޮޑަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ. ގިނަ މެޗުތަކެއްގައި ނުކުލެ ގައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން އެރުމަކީ ކުޅުންތެރިންގެ މެދުގައި ވެސް އޮންނަ ޝަކުވާ އެކެވެ. ކޫޕްމަންގެ ކޯޗިން ޓީމުގައި ދިވެހި ކޯޗަކަށް ހުރީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ. ސުޒޭން ވަނީ މި ސީޒަނުގެ ކުރީކޮޅުގައި ގައުމީ ޓީމުން ކުޅުންތެރިން ނެގުމުގައި ވަރަށް ބޮޑަށް ލީގުގައި ދައްކާ ކުޅުމަށް ބަލާނެ ކަމަށް ބުނެފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަށް ބަލަން ގައުމީ ޓީމުގެ ކޯޗު ކޫޕްކަން އާއި ޒުވާން ގައުމީ ޓީމުގެ ޒިންމާ ދާދި ފަހުން ހަވާލުކުރި ރެނޭ ހިޑިންކް އަދި ސުޒޭން ދަނޑަށް ދެ އެވެ. އެހެންކަމުން ދެން އެކުވަލާލާ ގައުމީ ސްކޮޑު ސްކޮޑުވެގެންދާނީ ފަހަކަށް އައިސް ގައުމީ ޓީމުގެ ކޯޗިން ޓީމަކުން އެންމެ ގިނަ މެޗުތަކެއް ބެލުމަށް ފަހު އެކުލަވާލާ ޓީމެކެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު އަށް މަހެއްހާ ދުވަހު ފުޓްބޯޅަ ހުއްޓާލާފައި އޮތެވެ. އަލުން މިދިޔަ އޮކްޓޫބަރު މަހު ފުޓްބޯޅަ ސީޒަނަށް ޕްރީ ސީޒަން ކްލަބްތަކުން ފަށައި ޑިސެމްބަރު މަހު ލީގު ފެށި އެވެ. އެކަަމަކު ލީގު ފެށިތާ ދެ މަސް ނުވަނީސް މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ ލީގު މެދުކަނޑާލަން ޖެހުނެވެ. އަނެއްކާ ލީގު ފެށުނީ ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިދިޔަ މަހު 26 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭގައި ވާދަވެރިކޮށް ކުޅެވޭނީ ނިސްބަތުން ބަލާއިރު މަދު މެޗެކެވެ. އެހެންވެ، އަންނަ މަހު 30 އިން ޖޫން 15 ނިޔަލަށް ޗައިނާގައި ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގެ ބާކީ މެޗުތަކަށް ދާއިރު، ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ކުޅެވިފައިވާ މެޗުތަކުގެ ނިސްބަތަށް ބަލާއިރު ވަރަށް މަދުވާނެ އެވެ. ކުޅުންތެރިންގެ މެޗު ފިޓްނަސް ލެވަލަށް ބަލާއިރު މިކަމުން ވެސް ކޫޕްމަން އަށް ކުރިމަތިވެފައިވާ ޗެލެންޖް ބޮޑުކަން އެނގެ އެވެ. މި ހުރިހާ ނަޒަރަކުން ބަލާއިރު، ގައުމީ ޓީމުގެ ތާރީހުގައި ވެސް ކޯޗެއްގެ ގޮތުގައި އެކި ސަބަބުތަކާ ހުރެ، އެންމެ ޗެލެންޖިން ވަޒީފާ އަކާ ކުރިމަތިލާން ޖެހިފައި މި އޮތީ ކޫޕްމަން އަށެވެ.