Advertisement

އިންސާނީ އަސްލުގެ އެއްބައިވަންތަކަމާއި އިސްލާމްދީން

13 އޭޕްރީލް 2021 - 10:07 0

ޑރ. މޫސާ އަންވަރު ހަސަން

ޑރ. މޫސާ އަންވަރު ހަސަން

އިސްލާމީ މަރުކަޒުގައި ތަރާވީހު ނަމާދުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އިންސާނީ އަސްލުގެ އެއްބައިވަންތަކަމާއި އިސްލާމްދީން

13 އޭޕްރީލް 2021 - 10:07 0

މިއަދު އިސްލާމުން ނުވަތަ މުސްލިމުން ދިރިއުޅެމުން މިދަނީ ބަނަވެފައިވާ ޑިމޮކްރެޓިކް ދުނިޔެއެއްގަ އެވެ. އެމީހުން އުފުލަމުން ދަނީ އާލަމްތަކަށް ރަޙްމަތެއް ކަމުގެ ރިސާލަތެވެ. އެހެންކަމުން މި ރިސާލަތުގައި އުންމީދާއި އީޖާބީ ކަން އެކުލެވެން ޖެހެ އެވެ. އެހެން ނަމަވެސް މިއަދު ފެންނަމުން ދަނީ މުސްލިމުން ކުރިން ބަޔާން ކުރި ރިސާލަތުގެ ފުރިހަމަ ތަރުޖަމާ އެއް ކުރަން ނުކުޅެދިފައިވާ މަންޒަރެވެ.

އިންސާނާ ޚަލްޤު ކުރެއްވުން ވަނީ ގަނޑައެޅި ބަޔާން ވެގެންނެވެ. އަދި ބައެއް ބާޙިޘުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަމަކީ ސިކުޑީގެ ގޮތުންނާއި ދީނީ ގޮތުން ކޮންމެހެން އެގެން ޖެހޭ ޟަރޫރީ ކަމެކެވެ. އެއީ ކީރިތި ޤުރްއާނުގެ ނައްޞުތަކުން ޞަރީޙަކޮށް މި ޙަޤީޤަތް ޙާމަކޮށް ދެއްވާފައިވާތީ އެވެ.

"ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ."

ކީރިތި ރަސޫލާ ވަނީ ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި މިކަން އިތުރަށް ޔަޤީން ކޮށްދެއްވާފައިވެ އެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"އޭ މީސްތަކުންނޭވެ. ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެ އަކީ އެއްކައުވަންތަ ރަސްކަލާނގެ އެވެ. ތިޔަބައި މިހުންގެ ބައްޕައަކީ އެކެކެވެ. ތިޔަބައި މީހުން ނިސްބަތްވަނީ އާދަމުގެފާނަށެވެ. އާދަމުގެފާނު ހައްދަވާފައިވަނީ މަށިންނެވެ. ދޮން މީހަކަށް ކަޅުމީހެއްގެ މައްޗަށް އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަށް ތަޤްވާވެރިކަމުގެ ސަބަބުން ނޫނީ މާތްކަމެއް ނެތެވެ. ތިމަން ކަލޭގެފާނު މި ބަސް އިއްވައިފިން ހެއްޔެވެ؟ ޙާޟިރުވެ ތިބި މީހުން ނެތް މީހުންނަށް މިބަސް އިއްވާށެވެ."

ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ކަނޑައަޅުއްވާފައިވާ މި އެއްބައިވަންތަކަމުގެ ދަލީލުގެ އަލީގައި ހާމަވަނީ، ހަމައެކަނި އިސްލާމީ ތަޢްލީމުގެ ތެދުކަން އެކަންޏެއް ނޫނެވެ. މިއިން އިންސާނާގެ ޙަޤީޤަތާއި، އިންސާނާ ޚަލްޤު ކުރެއްވުމުގެ ބޭނުމާއި އިންސާނާގެ މަތިވެރިކަމާއި މާތްކަން ވެސް ހާމަވެއެވެ. އަދި ޙަވާލު ކުރެވިފައިވާ ޒިންމާގެ ބޮޑުކަން ހާމަވެއެވެ. އިސްލާމީ ނަޒަރުގައި އިންސާނާ އަކީ ކުޅިވަރު ކުޅުމާއި މަޖާކުރުމުގައި ވަގުތު ހޭދަކުރުމަށް ޚަލްޤު ކުރައްވާފައިވާ މަޚުލޫޤެއް ނޫނެވެ. ނުވަތަ ތާރީޚީ ގޮތުން އަންނަ ހުސްކަން ފުރަން ހައްދާވާފައިވާ މަޚްލޫޤެއް ވެސް ނޫނެވެ.

އިންސާނާގެ ޒިންމާއަކީ ޙަވާލު ކުރެވިފައިވާ ރިސާލަތު، އިންސާނީ ޙަޟާރަތާއި އެއްގޮތަށް ފުރިހަމަ ކުރުމެވެ. އެކަމަށް މަގުފަހި ކުރެއްވުމުގެ ގޮތުން އެންމެ ފުރިހަމަ ޞޫރާގައި އިންސާނާ ހެއްދެވި އެވެ. އިވުމާއި، ފެނުމާއި ވިސްނުމުގެ ޙިއްސު ދެއްވައި، އިންސާނީ ޚިލާފަތު ބިމުގައި ޤާއިމުކޮށް ބިންޢިމާރަތް ކުރުމަށް އަމުރު ކުރެއްވި އެވެ. ދިރިއުޅުމުގެ ޙަޔާތުގެ ކަންކަން ތަދުބީރު ކުރުމަށް އަމުރު ކުރެއްވި އެވެ. އެއީ ދުނިޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށެވެ. އެކަމުގެ މައިގަނޑު ބޭނުމަކީ، ދިރި އުޅުމުގެ ޙަޔާތް އެފުށް މިފުށަށް ޖެހިގެން ދިޔަ ނުދިނުމެވެ.

އެހެން ކަމުން އިސްލާމްދީން ކަނޑައަޅާފައިވަނީ ތަޤްވާވެރި ކަމުގެ ރޭހުގައި އެކަކު އަނެކަކާއި ވާދަކޮށް އިންސާނީ ކާރާމަތާއި، އިންޞާފުގެ ތެރެއިން ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ރުހުން ހޯދުމަށެވެ. މިކަން ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ސިފަ ކުރައްވާފައިވަނީ ޢިލްމާއި ރަޙްމަތާއި، ޢިއްޒަތާއި ތައުބާވުމާއި، ހެޔޮކަމަށް ގޮވާލުމުގެ ތެރޭގަ އެވެ. އަދި އިންސާނާގެ އިންސާނީ ވަންތަކަމާއި ކައިރިކޮށްދޭ އެންމެހައި ކަންކަން ކުރުމަށެވެ. އަދި މީގެ އިދިކޮޅު ސިފަތަކުން ދުރުހެލިވުމަށެވެ. އެއީ އެކަންކަން ގުޅިފައިވަނީ އިންސާނީ އަބާއްޖަވެރިކަމާއި، ކަމުގައިވާތީއެވެ. އިންސާނާ ސުވަރުގެއިން ބޭރުވާން ޖެހުނީ ވެސް ޝައިޠާނީ ވަސްވާހަށް ހެއްލި ޢިއްޒަތުއް ނަފުސް ދޫކޮށްލުމުންނެވެ.

އިންސާނާ އެއްބައިވަންތަކަން އިޢުތިމާދު ކުރާނީ އޭނާ އާއި ޙަވާލު ކުރެވިފައިވާ ރިސާލަތު ފުރިހަމަ ގޮތުގައި އަދާކުރުމުގެ މައްޗަށެވެ. އިޖާބީ ގޮތެއްގައި ކަންކަމާއި މެދު ދުށުމުގަ އެވެ. އިންސާނާ އަކީ ކުޅޭ ކުޅޭ ކުޅިވަރެއްގެ ގޮތުގައި ހައްދަވާފައިވާ މަޚުލޫޤަކަށް ނުވާތީ އެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرة އަށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟"

އިންސާނާ ޚަލްޤު ކުރައްވާފައިވަނީ ދިރިއުޅުމުގެ ޙަޔާތުގެ ހުރިހާ ކަމެއްގެގައި ހީވާގި ކަމާއެކު ޙަރަކާތްތެރިވެ ތިމާގެ އަޞްލު ރިސާލަތު ފުރިހަމަ ކުރުމަށްޓަކައި އެފަދަ އެހެން އިންސާނުންނަށް އެހީތެރިވާ މީހެއްގެ ގޮތުގަ އެވެ.

ކުރިން އިޝާރަތް ކުރިގޮތަށް އެހެން ކަމުން މިކަމުގެ ސަބަބުން އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވާ ބިން ތަޢްމީރުކޮށް ދުނިޔެ އާރާސްތު ކުރާ މީހެއްގެ ގޮތުގަ އެވެ. އެހެން މީހުންގެ އުންމީދުތައް ފުރިހަމަ ކޮށްދޭ މީހެއްގެ ގޮތުގަ އެވެ. މިކަމުގެ ނަތީޖާ އަކަށް ވެގެންދަނީ އިންސާނުންނާއަށް ޝައިޠާނުންގެ މަކަރުވެރިކަމުން ސަލާމަތް ވުމުގެ ޤާބިލުކަން ލިބިގެންދިއުމެވެ. އެއީ ޙަޤީޤީ އީމާނުގެ ސަބަބުން އިންސާނީ އެއްބައިވަންތަކަމުގެ ތެރެއަށް އިންސާނާ ގެން ގޮސްދެ އެވެ.

ތާރީޚީ ގޮތުން އީޖާބީ ގޮތެއްގައި އޭނާ ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމުގެ ވިސްނުން ތެރިކަން ލިބި، އެންމެ ފުރިހަމަ ސިފަފުޅުތައް ލިބިވޮޑިގެންވާ ޚާލިޤާއި ގުޅުވައިދިނުމުގެ ތެރެއިންނެވެ.

"ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

އިންސާނާ އުފެއްދެވުމުގައި ހަމަހަމަ ކަމުގެ މަބްދައު ޢިލްމީ ގޮތުންނާއި ވަޤިޢީ ގޮތުން ހާމަ ވެގެން ދެ އެވެ. މިކަމުގެ ނަތީޖާ އެއްގެ ގޮތުން ތިމާ ނުން އަނެއްމީހާގެ އިންސާނީ ވަންތަކަމަށް އިޢުތިރާފުވުމަށް އިންސާނައަށް އިސްލާމްދީން ގޮވާލި އެވެ. އެހެންކަމުން ހުރިހާ ގޮތަކުން އިންސާނުން ހަމަހަމަ ގޮތުގައި މަދަނީ ސިޔާސީ ޙައްޤުތަކާއި ވަޖީބުތައް އަދާކުރަން ޖެހެ އެވެ. އަދި މިއީ ބިންމަތީގައި ޤާއިމު ކުރަން ޖެހޭ، އިސްލާމީ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެއްކަމުގައި ލެއްވި އެވެ. ޤަދީމީ ޒަމާނުގެ މަވަންތަކަން އިސްލާމްދީން ނައްތައިލި އެވެ. އިންސާނުން ނިސްބަތް ވަނީ އެއް އަސްލަކަށް ހަނދާން ކޮށްދިނެވެ. މިކަމަށް އިޝާރަތް ކުރައްވައި ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ إعادة ކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެ ވަނަ ފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީ ވެސް އެ ބިމުންނެވެ."

އަދިވެސް ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.

"ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."