Advertisement

ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ހޯލްސޭލްކުރަން އެސްޓީއޯ އެގްރިސެންޓަރު ހުޅުވައިފި

13 އޭޕްރީލް 2021 - 09:43 1

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ އެގްރިސެންޓަރު: މިއީ ދަނޑުވެރިންގެ އަތުން މޭވާ އާއި ތަރުކާރި ގަތުމަށް ފަހު ހޯލްސޭލްކޮށް ވިއްކާ ތަނެއް. -- ފޮޓޯ: އެސްޓީއޯ


ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ހޯލްސޭލްކުރަން އެސްޓީއޯ އެގްރިސެންޓަރު ހުޅުވައިފި

13 އޭޕްރީލް 2021 - 09:43 1

ދަނޑުވެރިންގެ އުފެއްދުންތައް މެދުވެރިއެއް ނެތި ސީދާ އެސްޓީއޯއަށް ވިއްކުމަށް ފަހު، ވަގުތުން ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯ އެގްރިސެންޓަރު ހުޅުވައިފި އެވެ.

އެސްޓީއޯގެ އެގްރިސެންޓަރަކީ ދަނޑުވެރިން އަތުން މޭވާ އާއި ތަރުކާރީ ގަތުމަށް ފަހު، އެ ތަކެތި ބާޒާރުގައި ހޯލްސޭލްކޮށް ވިއްކާ ފިހާރައެކެވެ. އަދި މި ތަނުގައި މުޅިންވެސް ހުންނާނީ ދިވެހި ދަނޑުވެރިން އަތުން ގަންނަ ބާވަތްތަކެވެ.

އެސްޓީއޯއިން ބުނީ ބާޒާރު މަތީގައި ހުންނަ އެގްރިސެންޓަރަށް ގޮސް ދަނޑުވެރިޔާއަށް ތަކެތި ކިރާލުމަށް ފަހު ވަގުތުން ފައިސާ ލިބޭނެ ކަމަށެވެ. އަދި މި ތަކެތި ތާޒާކަންމަތީ ޕެކް ކުރުމަށް ފަހު ބާޒާރަށް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

މި އެގްރިސެންޓަރުން ގަންނާނީ އާންމު ގޮތެއްގައި ރާއްޖޭގައި ހައްދާ 15 ބާވަތެއްގެ ތަރުކާރީ އާއި މޭވާ އެވެ. އޭގެ ތެރޭގައި ޓޮމާޓޯ، ލެޓިއުސް، ދޮންކެޔޮ އަދި ބަޓާނާ ފަދަ ބާވަތްތައް ހިމެނެ އެވެ.

އެސްޓީއޯއިން ދަނޑުވެރިންގެ އަތުން ގަންނަ ބާވަތްތަކުގެ އެންމެ ކުޑަ އަގު އެ ކުންފުނިން ވަނީ ކަނޑައަޅާފަ އެވެ.

މިއީ ދަނޑުވެރިންނާ މަޝްވަރާކުރުމަށް ފަހު ކަނޑައެޅުނު އަގުތަކެއް ކަމަށް އެސްޓީއޯއިން މައުލޫމާތު ދިނެވެ. އަދި މި އަގުތަކަކީ މާލެއަށް ދަނޑުވެރިޔާގެ އުފެއްދުންތައް ގެނައުމާ ހަމައަށް ކުރަންޖެހޭ ހަރަދުތައް ކެނޑުމަށްފަހު ފައިދާ ލިބޭނެ އަގުތަކެއް ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯ އެގްރިސެެންޓަރު: ދަނޑުވެރިންގެ އަތުން ގަންނަ މޭވާ އާއި ތަރުކާރީ ބަހައްޓަނީ ދެވަނަ ފަންގިފިލާގައި ހުންނަ މި ސްޓޯރޭޖުގައި -- ފޮޓޯ: އެސްޓީއޯ


"މަގުސަދަކީ ދަނޑުވެރިންނަށާއި އާންމުންނަށް ހަމަ އަގު ހޯދައިދިނުން"

އެސްޓީއޯގެ އެގްރިސެންޓަރު ހުޅުވުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، މިއީ ދިވެހި ދަނޑުވެރިންނަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެއް ކަމަށެވެ.

ސަބަބަކީ، މިއަދުން ފެށިގެން ދަނޑުވެރިންނަށް މޭވާ އާއި ތަރުކާރީ މެދުވެރިންނާ ހަވާލުކޮށްގެން ފައިސާ ނުލިބި ދުވަސްވާ މައްސަލަތަކާއި ރަނގަޅު އަގު ނުލިބޭ މައްސަލައަށް ހައްލެއް ލިބުން ކަމަށް ވިދާޅުވި އެވެ.

"ހުރިހާ މެދުވެރިވާ ފަރާތެއް ދުއްވާލެއްވިއްޖެ ކަމުގައި ވަނީ ވިއްޔާ ރަނގަޅު އަގެއް އަޅުގަނޑުމެންނަށް އެބަ ހުށައެޅޭ. ސީދާ އެ މީހުންނަށް ފައިސާ ލިބޭތީވޭ އެ މީހުންނަށް އެކަން ކުރުމަށް މަގުފަހިވޭ. އަނެއް ކަމަކީ ވަގުތުން އެ ފައިސާ އެބަ ލިބޭ" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު: އަމާޒަކީ ދަނޑުވެރިންގެ އުފެއްދުންތައް ހޯލްސޭލްކޮށް ރިސޯޓްތަކަށް ވިއްކުން ކަމަށް ވިދާޅުވި -- ފޮޓޯ: އެސްޓީއޯ


އަމްރު ވިދާޅުވި ގޮތުގައި ވަކި ލިމިޓެއް ނެތި ދަނޑުވެރިން ގެންނަ ތަކެތި އެގްރިސެންޓަރުން ނަގާނެ އެވެ.

މުސްތަގުބަލުގެ ޕްލޭންތައް ހުރި ގޮތް ކިޔައި ދެއްވަމުން އަމްރު ވިދާޅުވީ، އެސްޓީއޯގެ އަމާޒަކީ ދަނޑުވެރިން އަތުން ގަންނަ ތަކެތި ރިސޯޓްތަކަށް ވިއްކުން ކަމަށެވެ. އޭރުން މިހާރަށް ވުރެ ރަނގަޅު އަގެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު އުއްމީދު ކުރައްވާ ގޮތުގައި މި އެގްރިސެންޓަރުގެ ސަބަބުން ދަނޑުވެރިންގެ އިތުރުން އާންމުންނަށް ވެސް ރަނގަޅު އަގެއް ލިބޭނެ އެވެ. އެއީ، ބާޒާރުގައި އެސްޓީއޯއިން ހޯލްސޭލްކުރަން ފެށުމުން އަގުތައް ހިފެހެއްޓިގެން ދާނެތީ ކަމަށް ވިދާޅުވި އެވެ.