Advertisement

ޗެލްސީގެ ރެކޯޑާ މެދު ކޮންސެސާއޯ ނުވިސްނާނެ

7 އޭޕްރީލް 2021 - 11:12 0


ޗެލްސީގެ ރެކޯޑާ މެދު ކޮންސެސާއޯ ނުވިސްނާނެ

7 އޭޕްރީލް 2021 - 11:12 0

ސެވިލް (އޭޕްރީލް 7) - މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ޗެލްސީ އެއްވެސް މެޗަކުން ބަލިވެފައިނުވީ ނަމަވެސް މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭއިރު ވަކި ރެކޯޑަކަށް ބަލައިގެން މެޗަށް ތައްޔާރުނުވާނެ ކަމަށް ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެސާއޯ ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ޕޯޗުގީސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ޕޯޓޯ އަށް އިންގްލެންޑަށް ގޮސްގެން މެޗު ކުޅެވޭނެ ރަނގަޅު އުސޫލެއް ނެތުމުން ޗެލްސީ އާއި ޕޯޓޯ ކުޅޭ ދެ ލެގުގެ މެޗު ވެސް އޮންނާނީ ސްޕެއިނުގަ އެވެ.

މިރޭ ޕޯޓޯގެ ހޯމް މެޗުގައި ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސެސާއޯ ބުނީ ޗެލްސީ އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމް އަތުން 5-2 އިން ބަލިވެފައި އޮތުމާއި މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީ ބަލިނުވެ އޮތުން ފަދަ ކަންތައްތަކަށް ޕޯޓޯ އިން ނުވިސްނާނެ ކަމަށެވެ.

"ކޮންޓްރޯލް އިން ބޭރުގައި ހުންނަ ކަންތައްތަކާ ވިސްނުމަކީ އެންމެ ރަނގަޅު ކަމެއް ނޫން. އަހަރެެމެން ޖެހޭނީ ކުރިމަތީގައި އޮންނަ ޗެލެންޖަށް ތައްޔާރުވާން. އަހަރެމެން ވިސްނަން ޖެހޭނީ އަމިއްލަ އަށް ރަނގަޅު ކުރެވޭނެ ކަންތައްތަކަށް. އެހެންވީމަ ކުރީގެ ރެކޯޑްތަކާ މެދު ނުވިސްނަމާ," ކޮންސެސާއޯ ބުންޏެވެ.

ޕޯޓޯ އިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކަޓުވާލައިފަ އެވެ. ޔުވެންޓަސްގެ މައްޗަށް ކުރިހޯދަން ޕޯޓޯ އަށް ފަސޭހަވި އެއް ސަބަަބަކީ ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި ކުޅެވުމެވެ. އެ ފުރުސަތު މި ފަހަރު ނެތި ނިއުޓްރަލް ދަނޑެއްގައި ކުޅެން ޖެހުމަކީ ކޮންމެވެސް ވަރެއްގެ ޑިސެޑްވާންޓޭޖެއް ކަމަށް ކޮންސެސާއޯ ދެކެ އެވެ.

"މިހާރު މީގެ ވިސްނަން ޖެހޭނީ ޓީމު މޯޓިވޭޓްކުރެވޭނެ ގޮތަށް ވާހަކަ ދެއްކުމަށް. އެހެންވެ އަހަރެން ހުރިހާ ހާލަތެއްގައި ވެސް ގެންގުޅެނީ ޕޮޒިޓިވް ވިސްނުން," ކޮންސެސާއޯ ބުންޏެވެ.

ޗެލްސީން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރީ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގަ އެވެ. ލަމްޕާޑް ވަކިކޮށް ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑް ދެ ލެގުގައި ވެސް ބަލިކޮށްފަ އެވެ.

އެކަމަކު ޓުޗެލް އަށް އޮތް ކަންބޮޑުވުމަކީ މިރޭގެ މެޗަށް ނުކުންނައިރު, އޭނާ ޗެލްސީއާ ހަވާލުވެ ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް 14 މެޗަށް ފަހު ނިމުން އައުމާއި ދާދި ފަހުން ބޭއްވި ފަރިތަކުރުންތަކެއްގެ ތެރެއިން ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އާއި އެންޓޯނިއޯ ރޫޑިގާ ހަމަނުޖެހުމެއް ހިންގާފައިވުމެވެ.

ޓުޗެލް ބުނީ އެ މައްސަލަތައް މިހާރު ހައްލުވެފައިވާ ކަމަށާއި ކުޅުންތެރިން މެޗަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޕޯޓޯއާ ދެކޮޅަށް މިރޭ ޗެލްސީ ކުޅޭ މެޗުގައި އެ ޓީމުގެ އެންގޯލޯ ކާންޓޭ އާއި ކްރިސްޓިއަން ޕުލިސިޗަށް ކުޅެވޭނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ. އެކަމަކު އެ ދެ ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމެނުމާ މެދު ވަކި އެއްޗެއް ޓުޗެލް ނުބުނެ އެވެ.

ޗެލްސީ އާއި ޕޯޓޯގެ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.