Advertisement

ޗެލްސީ ބަލިކޮށް އިޕްސްވިޗަށް 22 އަހަރުތެރޭ ފުރަތަމަ މޮޅު

31 ޑިސެންބަރު 2024 - 09:13 0


ޗެލްސީ ބަލިކޮށް އިޕްސްވިޗަށް 22 އަހަރުތެރޭ ފުރަތަމަ މޮޅު

31 ޑިސެންބަރު 2024 - 09:13 0

ލަންޑަން (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ 2-0 އިން ބަލިކޮށް އިޕްސްވިޗު ޓައުން އިން 22 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި މެޗަކުން މޮޅުވެއްޖެ އެވެ.

އިޕްސްވިޗު ރޭގެ ކުރިން، އެންމެ ފަހުން ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި މެޗަކުން މޮޅުވީ، 2002 ވަނަ އަހަރު މިޑްލްސްބަރާ އަތުންނެވެ. އެ އަހަރު އެ ޓީމު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. އަލުން މި ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވިއިރު، މި ފަހަރު ލީގުގައި ރޭގެ މެޗާ ހަމައަށް އަމިއްލަ ދަނޑުގައި މޮޅެއް ނުލިބެ އެެވެ.

ރޭގެ މެޗުގައި އިޕްސްވިޗުން ލީޑުނެގީ 12 ވަނަ މިނިޓްގައި ލިއަމް ޑެލަޕް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ކުރިން މެންޗެސްޓާ ސިޓީގައި ހުއްޓައި، ޗެލްސީން ގަންނަން މަސައްކަތްކުރި ޑެލަޕް އަށް ޗެލްސީގެ ގޯލު ބެލެހެއްޓީ ކީޕަރު ފިލިޕް ޖޯގެންސަން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން، ޑެލަޕް ޖެހި ބޯޅައެއް ޖޯގެންސަން ވަނީ މަތަކޮށްފަ އެވެ.

ކޯލް ޕާމާ ނަގައިިދިން ހުރަަހަކުން ޖޮއާއޯ ފެލިކްސް ވަނީ ޗެލްސީ އަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ގިނަ ވަގުތުތަކެއް ވަންދެން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެެވެ.

ދެ ވަނަ ހާފުގައި ޗެލްސީގެ އެކްސަލް ޑިސާސީ ފަހަތަށް ދިން ބޯޅައެއް ހޯދައި، ޑެލަޕް ތަނަވަސްކޮށްދިން ފުރުސަތަކުން އޮމާރީ ހަޗިންސަން ވަނީ އިޕްސްވިޗުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ކުރިން ޗެލްސީ އަށް ކުޅުނު ހަޗިންސަން ފޮނުވާލި ބޯޅަ އަމާޒުވީ ތިރީ ކަަނަށެވެ.

އިޕްސްވިޗުގެ ކޯޗު ކިއެރަން މެކްކެނާ ބުނީ، މިއީ އޭނާ ހަވާލުވި ފަހުން އެ ޓީމުން ހޯދި އެންމެ ފުރިހަމަ މޮޅު ކަމަށެވެ. އެ ޓީމު އޮތީ، 19 މެޗުން 15 ޕޮއިންޓާ އެކު، ލީގުގެ 18 ވަނައިގަ އެެވެ.

ޗެލްސީ ލީގުގައި ޖެހިޖެހިގެން ދެ ވަނަ މެޗުން މި ވަނީ ބަލިވެފަ އެވެ. އަދި މި ނަތީޖާއާ އެކު، އެ ޓީމު މި ވަގުތު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެއީ، 19 މެޗުން 35 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 18 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ.