Advertisement

ހާލަތު ބަލަން މެމްބަރުން ރީހެބުތަކަށް ގޮސް މިމަހު ގޮތެއް ނިންމަނީ

5 އޭޕްރީލް 2021 - 12:01 1

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރިހިބިލިޓްރޭޝަން ސެންޓަރެއްގައި ފަރުވާ ހޯދާ ބައެއް: ރިހެބްތަކުގެ ހާލަތު ބެލުމަށް މެމްބަރުން އެ ތަންތަނަށް ދާން ވަނީ ނިންމައިފައި-- ފޮޓޯ: އެންޑީއޭ


ހާލަތު ބަލަން މެމްބަރުން ރީހެބުތަކަށް ގޮސް މިމަހު ގޮތެއް ނިންމަނީ

5 އޭޕްރީލް 2021 - 12:01 1

މަސްތުވާތަކެތީގެ ފަރުވާ ފޭލްވެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާ މެދު ކަންބޮޑުވުންފާޅުކޮށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން, ރީހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތްކުރަން މިއަދު ނިންމަވައިފި އެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިގޮތަށް ނިންމީ, މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ "ހޭންޑްސް ޓުގެދާ" ޖަމިއްޔާއިން 1،000 އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަނާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. އެ ޕެޓިޝަންގައި ރާއްޖޭގައި މިހާރު ފަރުވާދެމުން އަންނަ ގޮތާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެ އެވެ.

ޕެޓިޝަން ކޮމިޓީން ނިންމީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ރިހިބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު މެމްބަރު ބައްލަވައި ރިޕޯޓެއް ހެދުމަށެވެ.

ކޮމެޓީ ބައްދަލުވުމުގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ އެންޑީއޭއަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައްސަލައަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އެހެންކަމުން ބާރު ސްޕީޑުގައި މަސައްކަތްކޮށް، ރީހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތު މެމްބަރުން ބައްލަވަން ޖެހޭ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ ރީހެބިލިޓޭޝަން ސެންޓަރަށް މެމްބަރުން މިއަދު ވަޑައިގަތުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ. އޭގަ ފަހުން ދެކުނުގެ ރިހެބިލިޓޭޝަންތައް ހިންގާ ތިން ރަށަށް ދިއުމަށާއި މިމަހު 22 ވަނަ ދުވަހު ހދ. ހަނިމާދޫގައި ހުންނަ ސެންޓަރަށް ދިއުމަށް ވެސް ޝިފާއު ހުށަހެޅުއްވި އެވެ. އޭގެ ފަހުން ކ. ހިންމަފުއްޓާއި މާލޭގައި ހިންގާ ސެންޓަރުތަކަށް ދިއުމަށް އޭނާ ހުށަހެޅުއްވި އެވެ. އޭނާ ހުށަހެޅުއްވީ މިމަހުގެ ނިޔަލަށް އެ ސެންޓަރުތަކުގެ ހާލަތު ބަލައި ރިޕޯޓް އެކުލަވާލުމަށެވެ.

ޝިފާއުގެ އެ ހުށަހެޅުއްވުމަށް ކޮމެޓީގެ އެހެން މެމްބަރަކު އިއުތިރާޒު ނުކުރެއްވުމުން އެގޮތަށް އަމަލު ކުރުމަށް ވަނީ ނިންމައިފަ އެވެ.

"ހޭންޑްސް ޓުގެދާ" ގެ ޕެޓިޝަންގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެންޑީއޭގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާތައް އެ އެޖެންސީއަށް އަދާ ނުކުރެވޭ ކަމަށެވެ. އެންޑީއޭން އަދި ވެސް އަމަލު ކުރަމުން އަންނަނީ ކުރިންސުރެއް ގެންގުޅޭ ބޯދާ އުސޫލުތަކަށް ކަމަށް ވެސް ޕެޓިޝަންގައި ބުނެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެންޑީއޭގެ އުސޫލުތަކަށް ބަދަލުތަކެއް އަންނަން ޖެހެ އެވެ.

އެންޑީއޭއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު އެ އެޖެންސީ ބުނަނީ މަސްތުވާތަކެތީގެ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޖުމުލަ ހަތަރު ޑިޓޮކްސް ސެންޓަރު ހުރެ އެވެ. އަދި ފަރުވާދޭ 172 މީހުންގެ ޖާގައިގެ ރިހެބެއް ވެސް ހުރެ އެވެ. އެ ތަންތަނުގެ ޖާގައިގެ ދަތިކަމަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށް ބޭނުންވާ މީހުންނަށް އޮތް ގޮންޖެހުމެކެވެ.