5 އޭޕްރީލް 2021 - 10:41 0
އަމަން ހަލީމް
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު: ލޯނު ފައިސާއިން ކާޑު ގެންނަން ހަރަދު ކުރަނީ އިގްތިސާދަށް އެންމެ ފައިދާ ހުރި ގޮތަށް ވެސް ބަލާފައި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު
5 އޭޕްރީލް 2021 - 10:41 0
އެސްޓީއޯ އިން ކާޑު ގަތުމަށް ފައިސާ ހަމަޖެއްސީ އެ ކުންފުނިން މިހާރު ވެސް ބޭނުން ކުރަމުން އަންނަ ލޯނު ފެސިލިޓީއެއްގެ ތެރެއިން ކަމަށާއި އޭގެ ބޭނުމަކީ އަގު ހެޔޮކުރުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ކާޑުގެ ބާވަތްތަކާއި ބޭސް ގަތުމަށް އެސްޓީއޯ އަށް ސަރުކާރުން ވަނީ 25 މިލިއަން ޑޮލަރުގެ ލޯނަކަށް ސޮވަރިން ގެރެންޓީ ދީފަ އެވެ. މިއީ, 2019 އަހަރުގެ ލޯނެއް ކަމަށް އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު "އަދަދު"އަށް ވިދާޅުވީ ރާއްޖެއަށް ޒަމާނުއްސުރެން ކާޑުގެ ބާވަތްތައް ގެންނަނީ ސަޕްލަޔަރުންގެ އަތުން ކްރެޑިޓަށް ކަމަށެވެ. މިގޮތަށް ކާޑުގެ ބާވަތްތައް ގެނައުމުން އެސްޓީއޯގެ ހަރަދުތައް ބޮޑުވެ, ކާޑުގެ އަގު ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި މިގޮތަށް އެކްސްޓެންޑަޑް ކްރެޑިޓް ދޫކުރަނީ މަދު ސަޕްލަޔަރުންތަކެކެވެ. އޭގެ ސަަބަބުން އެސްޓީއޯ އަށް ސަޕްލަޔަރުން ހޯދުމުގައި ދަތިތަކާ ދިމާވާތީ އާއި ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިތުރަށް އެގޮތަށް ކުރިއަށް ނުދާން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން ކާޑު ގެންނަން ދައުލަތުން ސޮވަރިން ގެރެންޓީ ދީގެން ހަމަޖެއްސި ލޯނު ފައިސާއަކީ 2019 ވަނަ އަހަރު އެސްޓީއޯ އިން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީއެއްގެ ތެރެއިން ހަމަޖެއްސި ފައިސާ ކަމަށް އަމްރު ވިދާޅުވި އެވެ.
އަޅުގަނޑުމެން އިތުރު ލޯނެއް ހޯދީކީ ނޫން. އަޅުގަނޑުމެން 2019 ވަނަ އަހަރު 150 މިލިއަން ޑޮލަރުގެ ލޯނެއް ހޯދައި ދިނިން. އެއީ ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެންނަށް ދޭން ޖެހޭ ފައިސާ ދޭން ވަގުތުން ވަގުތަށް ދަތިތަކެއް ދިމާވާނެތީވެ، އަޅުގަނޑުމެން ކޮށްދިން ކަމެއް. -- އަމްރު
އެ ލޯނަކީ ރާއްޖެ އަށް ވަކި ބާވަތްތަކެއްގެ ސާމާނު އެތެރެކުރަން ހަމަޖައްސާފައިވާ ލޯނެކެވެ. އޭގެތެރެއިން ކާޑު ގަނެވޭ ގޮތަށް ހަމަޖެއްސީ ކަމަށް އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގެ ނަގުދު ފައިސާއިން ކާޑު ގަތުމަށް ހަރަދުނުކޮށް، ލޯނު ނަގައިގެން އެ ހަރަދުކުރަނީ ކުންފުނީގެ ކޭޝް ފްލޯ މެނޭޖް ކުރާށެވެ. ތަފާތު އެކި ފައިނޭންޝަލް އިންސްޓްރޫމަންޓްތަކުގެ ބޭނުން ކުރަން ޖެހެނީ ލިބެން ޖެހޭ ތަންތަނުން ފައިސާ ނުލިބޭތީ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
އެސްޓީއޯ އަކީ ރާއްޖޭގެ ބާޒާރަށް އެންމެ ގިނަ އަދަދަކަށް ކްރެޑިޓުގައި މުދާ ދޫކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ އެންމެ ފަހުގެ ކުއާޓަލީ އާމްދަނީ ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރާ ހަމައަށް އެސްޓީއޯ އަށް ލިބެން ޖެހޭ ފައިސާގެ އަދަދު 3.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ނިންމުން ގުޅިފައި ވަނީ އެސްޓީއޯގެ ފައިދާއަށް ވުރެން ބޮޑަށް އިގްތިސާދީ މަންފާއާ އެވެ. ހާއްސަކޮށް މި ދަނޑިވަޅުގައި ފިނޭންސް މިނިސްޓްރީއަށް ވެސް ވަގުތުން ވަގުތަށް ފައިސާ ދޭން ދަތިވާނެތީ އާއި އިގްތިސާދުން ގިނަ ފައިސާތަކެއް ބޭރުވާނެތީ ލޯނުން ކާޑަށް ފައިނޭންސް ކުރަން ނިންމީ ކަމަށް އަމްރު ވިދާޅުވި އެވެ.
Comment