ގައުމީ ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން, ހުސެއިން އަރީފް (އިބޫ) އާއި އާލިޔާ ލަތީފް ހޯދިއިރު، ގައުމީ ސާފިން ލީގުގެ ޓައިޓަލް ޔަސިން އަހުމަދު ނާޝިދު ހޯދައިފި އެވެ.
ރާޅުގަނޑުގައި މި މަހު ތިން ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ނިމުނު ރަންނަމާރި ޗެލެންޖުގެ ޝޯޓް ބޯޑް އޯޕަން ފިރިހެން ކެޓަގަރީގައި 20 އެތުލީޓުން ވާދަކުރި އެވެ. ފައިނަލުގައި ޔަސިން އަތުން އިބޫ މޮޅުވީ، 0.23 ޕޮއިންޓުގެ ފަރަގަކުންނެވެ. އިބޫ އަށް 12.50 ޕޮއިންޓް ލިބުނުއިރު، ޔަސިން އަށް ލިބުނީ 12.27 ޕޮއިންޓެވެ.
މިދިޔަ ހުރިހާ ފަހަރަކު ކަހަލަ ގޮތަކަށް ޝޯޓް ބޯޑް އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދަމުން އަންނަ އާޔާ ނަސީމް ވަނީ މި ފަހަރުގެ ފައިނަލުގައި ޒުވާން ސާފަރު، އާލިޔާ އަތުން ބަލިވެފަ އެވެ. ލަންކާގައި އޮތް މުބާރާތެއްގައި ވެސް ރަން ވަނައެއް ހޯދި އާލިޔާ ވަނީ ރަންނަމާރި ޗެލެންޖުގެ ފައިނަލް ހީޓުގައި 11.83 ޕޮއިންޓް ސްކޯކޮށްފަ އެވެ. އާޔާ އަށް ފައިނަލް ހީޓުގައި ސްކޯކުރެވުނީ 5.23 ޕޮއިންޓެވެ. ހަ އެތުލީޓުން ވާދަކުރި މި އިވެންޓުގެ ތިން ވަނަ ހޮވަން ކުރިއަށްގެންދިޔަ ހީޓުގައި ކުރިހޯދީ ޝާޒިޔާ ސައީދު އެވެ. އެއީ، 6.33 ޕޮއިންޓް ސްކޯކޮށް، ދެން ވާދަކުރި އައިޝަތު އަލީޝާ ހަސަން އަށް ވުރެ ކުރި ހޯދައިގެންނެވެ. މި ހީޓުގައި އަލީޝާގެ ސްކޯ އަކީ 5.86 ޕޮއިންޓެވެ.

ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ޔަސިން ހޯދީ ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހަންނާންގެ މައްޗަށް ކުރިހޯދައިގެންނެެވެ. ޔަސިން އަށް ވަނީ ފައިނަލު ހީޓުގައި 10.40 ޕޮއިންޓް ލިބިފަ އެވެ. އިނާން އަށް ހޯދުނީ 10.33 ޕޮއިންޓެވެ. މި އިވެންޓުގައި، 12 އެތުލީޓުން ވާދަކުރި އެވެ.
ޝޯޓް ބޯޑް މާސްޓާސް، 35 އަހަރުން މަތީގެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ހުސެއިން ނިޒާމް (ނިޒޯ) އެވެ. ފައިނަލު ހީޓުގައި ނިޒޯ ވަނީ 11.67 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެން، ފައިނަލުގައި ވާދަކުރި އިބްރާހިމް ލަތީފްގެ ސްކޯ އަކީ 9.43 ޕޮއިންޓެވެ. މަރުހަބާ ކަޕްގެ ޗެމްޕިއަންކަން، ބަޑީސް ބަލިކޮށް ހޯދީ ފަޔާ އެވެ. ފައިނަލު ހީޓުގައި ފަޔާ އިން 23.17 ޕޮއިންޓް ހޯދިިއިރު، ބަޑީސްގެ ޕޮއިންޓް ޖުމްލަ އަކީ 21.20 ޕޮއިންޓެވެ.
މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަމުގެ އިތުރުން، މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަންކަން ހޯދި ޔަސިން މި ފަހަރުގެ ގައުމީ ލީގު ކާމިޔާބުކުރީ 3000 ޕޮއިންޓާ އެކު އެވެ. ސާފް ލީގުގެ ދެ ވަނަ ހޯދި އިނާން އަށް 2450 ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި އޮތް އަހުމަދު އާގިލް (އައްމަޑޭ) ވަނީ 2080 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރު ވަނައިގައި އޮތް ސައްޔިދު ސަލާހުއްދީން އަށް 1960 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނަ ހޯދި އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ކަޔާން އަބްދުﷲ އަރީފް އަށް ވަނީ 1950 ޕޮއިންޓް ލިބުނެވެ.

