ރާއްޖޭގައި ބާއްވާ ބީޗްހޭންޑްބޯޅައިގެ ފުރަަތަމަ ގައުމީ މުބާރާތް ބޭއްވުމަށް ހޯސްޓްކުރުމުގެ ފުރުސަތު ހޭންްޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
މީގެ ކުރިން، ހޭންޑްބޯލް މޯލްޑިވްސް އިން އެ އެސޯސިއޭޝަންގެ ގިނަ ބީޗްހޭންޑްބޯޅައިގެ ހަރަކާތްތަކެއް ބާއްވާފައިވަނީ، ކުޅުދުއްފުށި ސިޓީގައި ގާއިމްކުރި ބީޗްހޭންޑްބޯޅަ އެެރީނާގަ އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކާއި އެކި ރަށްރަށުގައި ވެސް މިދިޔަ އަހަރުތަކުގައި، ބީޗް ހޭންޑްބޯޅައިގެ ގިނަ މުބާރާތްތަކެއް ބާއްވާފައިވެ އެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރަޖިސްޓްރީ ކޮށްފައިވާ، ކުޅިވަރު ކްލަބްތަކާއި މަދަނީ ޖަމިއްޔާތަކާއި ލޯކަލް ކައުންސިލްތަކާއި ޒުވާނުން ހިންގާ ޖަމިއްޔާތަކާއި އަމިއްލަ ކުންފުނިތަކަށް ގައުމީ ފުރަތަމަ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ގޮތުން، އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަކަށް މުބާރާތް ބާއްވަން ހޭންޑްބޯލް މޯލްޑިވްސް އިން ނިންމާފައިވާއިރު، މުބާރާތުގެ ހޯސްޓިން ޕާޓްނަރަކަށް ވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި، ޕްރޮޕޯސަލް ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 12:00 ގަ އެވެ. މުއްދަތު ހަމަވުމުގެ ކުރިން، ޕްރޮޕޯސަލާއި އިތުރު ލިޔުންތައް ހުށަހަޅަން ހޭންޑްބޯލް މޯލްޑިވްސް އިން ދީފައިވާ އީމެއިލް އެޑްރެސް އަކީ، events@handballmaldives.com.mv އެވެ. އަދި، މިކަމާ ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރުމަށް ހޭންޑްބޯލް. މޯލްޑިވްސްގެ ވަޓްސަޕް ހޮޓްލައިން ނަމްބަރު، 9607673500 އަށް ރަސްމީ ވަގުތު (9:00 - 14:00) އަށް މެސެޖުކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތު ދެ އެވެ.
މުއްދަތު ހަަމަވާފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ، ގައުމީ ބީޗް ހޭންޑްބޯޅައިގެ ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް ވެސް ހުޅުވާލައިފަ އެވެ. އެ ގޮތުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން، ބައިވެރިވުމުގެ ފޯމު ފުރުމަށް ފަހު، ހޭންޑްބޯލް މޯލްޑިވްސް އަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވަން އެސޯސިއޭޝަނުން އެދެ އެވެ.
ގޫގަލް ފޯމެއް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ، ދީފައިވާ މުއްދަތަށް ފަހު ފޯމު ހުށަހަޅާ ޓީމުތަކަށް ފުރުސަތު ނޯންނާނެ ކަމަށެެވެ.






