ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފި އެވެ.
ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، ކޮންމެ މަހަކުވެސް ގުރުއަތުން ހޮވާ ދެ ނަސީބުވެރި ފަރާތަކަށް އެއް މަހުގެ ކުލި މުޅިން ހިލޭ ލިބިގެންދާނެ އެވެ.
އެފްޑީސީގެ ފްލެޓްތަކުގެ ކުލި، "ފަހި ޕޯޓަލް" މެދުވެރިކޮށް މިހާރު ދިރާގުޕޭ ބޭނުންކޮށްގެން ފަސޭހަކަމާއެކު ދައްކާލެވޭނެ އެވެ. އެގޮތުން، ފަހި ޕޯޓަލްއިން ކުލި ދެއްކުމަށް ފިތާލުމަށްފަހު ދިރާގުޕޭ ހިޔާރުކޮށް، މޮބައިލް ނަންބަރު ޖެހުމަށްފަހު ޕޭމަންޓް ރިކުއެސްޓް ފުރިހަމަކޮށްލުމުން، ރައްކާތެރިކަމާއެކު އަވަހަށް ކުލި ދެއްކިގެންދާނެ އެވެ.
މީގެ އިތުރުން، އަލަށް ދިރާގުޕޭ ބޭނުންކުރަން ފަށާ ފަރާތްތަކަށް ވެސް އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ފްލެޓުގެ ކުލި ދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
ދިރާގު ފިންޓެކްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ހާއްސަ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އަދި ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ ފަދަ ޒަމާނީ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.



