ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)، 'ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފި އެވެ.
މިކަމުގެ ސަބަބުން، މި މުބާރާތުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގައި ހިމެނި، އެއީ ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެ އެވެ.
މި އަހަރުގެ ރޭހުގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ރަޖިސްޓަރީކޮށްފަ އެވެ. މިއީ ޑީއެމްއާރްއާރްގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ދުވުންތެރިން ބައިވެރިވާ ފަހަރެވެ. މި ދުވުމުގައި ބައިވެރިވުމަށް ފުރަތަމަ ހުޅުވާލީ 4،000 ޖާގަ ނަމަވެސް، އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ފަހުން ވަނީ ޖާގަ އިތުރުކޮށްފަ އެވެ.
މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވާ ހުކުރު ދުވަހު، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި، ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކުރި ޓީމް ކެޓަގަރީ ހިމެނެ އެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމެވެ.
ފާއިތުވި އަހަރުތަކެކޭ އެއްފަދައިން، މިއަހަރުގެ ޑީއެމްއާރްއާރް ހާއްސަކޮށްފައިވަނީ ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. މި އިވެންޓުގެ ތެރެއިން، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ފަންޑު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް އިން ސެޓިފައިކޮށްފައިވާ ރޭސް ރޫޓަކާއެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ދުވުމެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަފާތު އުމުރުފުރާތަކުގެ ގިނަ ބައެއްގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގެ ދުވުންތެރިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަރަކާތެކެވެ.







