މާލޭ ބޮޑުތަކުރުފާނު މަގުގައި ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފިރިހެނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ދަރުބާރުގެ ކައިރީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
މަރުވި ފިރިހެން މީހާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވި އެވެ. އޭގެއިތުރުން މިދިޔަ މެއި މަހު ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޕިކަޕެއް ދަށުވެ މީހަކު މަރުވި އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހު މިހާތަނަށް 78 އެކްސިޑެންޓު ހިނގާފައިވާއިރު، މި އަހަރު މިހާތަނަށް 1،600 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވެ އެވެ.













