ދަރިމައިވުމުގެ ސިއްހަތާއި ކާނާއާ ހުރި ގުޅުމަކީ މިއަދު ގިނަ ބައެއްގެ މެދުގައި ބަހުސް ކުރެވެމުންދާ މުހިންމު މައުޟޫއެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ދަރިމައިވުމުގެ ފުރުސަތު އިތުރުކުރުމަށްޓަކައި ވަކި ހާއްސަ ކާނާއެއް ނުވަތަ ސަޕްލިމެންޓެއް ބޭނުންކުރުމަށްވުރެ، ދިރިއުޅުމުގެ އާދަކާދަތަކާއި ކެއުމަށް ގެންނަ ހެޔޮ ބަދަލުތަކުން ލިބޭ ފައިދާ މާ ބޮޑެވެ.
މާބަނޑުވުމުގެ ކުރިންނާއި މާބަނޑު ދުވަސްވަރު ފޯލިކް އެސިޑް ބޭނުންކުރުމަކީ ކުއްޖާގެ ސިކުނޑިއާއި މައިބަދައިގެ އައިބުތަކުން ރައްކާތެރިކޮށްދޭ ކަމެއްކަން ސައިންޓިފިކް ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ލަފާދެނީ ދަރިމައިވުމުގެ އުމުރުގެ ހުރިހާ އަންހެނުންވެސް ކޮންމެ ދުވަހަކު 400 މައިކްރޯގްރާމްގެ ފޯލިކް އެސިޑް ބޭނުންކުރުމަށެވެ. މީގެ އިތުރުން، ފޯލިކް އެސިޑް ބޭނުންކުރުމަކީ ދަރިމައިވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.
ދަރިމައިވުމުގެ މައްސަލަތަކަކީ ހަމައެކަނި އަންހެނުންނަށް ކުރިމަތިވާ ކަމެއް ނޫނެވެ. ފިރިހެނުންގެ ކެއުމުގެ އާދަތަކަކީވެސް ދަރިފަނި އުފެއްދުމަށް ސީދާ އަސަރުކުރާ ކަމެކެވެ. އައިވީއެފް ހަދާ ދެމަފިރިންގެ މެދުގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް ގިނައިން ކާ ފިރިހެނުންނަށް ދަރިންލިބުމުގެ ފުރުސަތު ކުޑަވެއެވެ. ނަމަވެސް ކުކުޅުމަސް ފަދަ ބާވަތްތައް ބޭނުންކުރާ ފިރިހެނުންގެ ދަރިމައިވުމުގެ ފުރުސަތު ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ. އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ކުއީންސްލޭންޑުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބައްޕަގެ ކެއުމުގެ އާދަތަކަކީ އުފަންވާން އުޅޭ ދަރިފުޅުގެ ސިއްހަތަށް ދިގު މުއްދަތަކަށް އަސަރުކުރާނެ ކަމެކެވެ.
ދަރިމައިވުމުގެ ފުރުސަތު އިތުރުކުރުމަށްޓަކައި ކެއުމުގައި ސިއްހަތަށް ފައިދާހުރި ފެޓްސް ހިމެނުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ނަޓްސް، ސަލްމަން މަސް، އެވަކާޑޯ އަދި ޒައިތޫނި ތެޔޮ ހިމެނެއެވެ. ނަމަވެސް ތެލުލި ތަކެއްޗާއި ޕްރޮސެސްކޮށްފައިވާ ކާނާގައި ހުންނަ ޓްރާންސް ފެޓްސްއަކީ ދަރިމައިވުމަށް ހުރަސްއަޅާ އެއްޗެކެވެ. ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ރަތް މަހުގެ ބަދަލުގައި ތަރުކާރީއާއި މުގު ފަދަ ގަސްގަހާގެހިން ލިބޭ ޕްރޮޓީން ބޭނުންކުރުމުން އަންހެނުންގެ ދަރިމައިވުމުގެ މައްސަލަތައް 50 ޕަސެންޓަށް ވުރެ ބޮޑަށް ދަށްކޮށްދެއެވެ.
ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ދަރިން ހޯދަން މަސައްކަތްކުރާ ދެމަފިރިން އެކުގައި ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމަށެވެ. މީގެ ތެރޭގައި ތަރުކާރީއާއި މޭވާ، ފައިބަރު ގިނަ ކާނާ، އަދި އައޮޑިން ހިމެނޭ ކާނާ ބޭނުންކުރުން ހިމެނެއެވެ. އަދި ދަރިމައިވުމަށް މަސައްކަތްކުރާ ދުވަސްވަރު ކޮންމެ މިންވަރަކަށް ނަމަވެސް ބާވަތްތަކުގެ މަސްތުވާތަކެއްޗާއި އަލްކޮހޯލް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް މާހިރުން ބުނެއެވެ.

ކާނާއަކީ ދަރިމައިވުމަށް އެހީތެރިވެދޭ ކަމަކަށް ވީނަމަވެސް، މިއީ ހުރިހާ މައްސަލައެއްގެ ހައްލެއް ނޫނެވެ. ދަރިމައިނުވުމަކީ އޭގައި ގިނަ ސަބަބުތަކެއް އެކުލެވޭ ކަމަކަށްވާއިރު، ވަކި ކާނާއެއް ނުކެވުމުން ނުވަތަ ކެވުމުން އެކަމާ މާބޮޑަށް ހާސްވެ ކަންބޮޑުވުމަކީ ނަފްސާނީ ގޮތުން އިތުރު ދަތިތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ މުޅި ކެއުމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމާއެކު، ސިއްހީ މާހިރުންގެ ލަފާ ހޯދުމެވެ.
މައުލޫމާތު: ބީބީސީ









