ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަށަށް ދިޔައީ ސަރުކާރުގެ ސަބަބުން ކަމަށް މުންދު ގަބޫލެއް ނުކުރެއްވި

މުހައްމަދު ހުސައިން ޝަރީފް (މުންދު)

މުހައްމަދު ހުސައިން ޝަރީފް (މުންދު)

ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ކޮންމެ އަހަރަކު ވެސް އާންމުކުރާ ޕްރެސް ފްރީޑަމް އިންޑެކްގައި ދިވެހިރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔުމުގެ ޒިންމާ ސަރުކާރުގެ އިތުރުން ނޫސްވެރިން ވެސް ނަގަންޖެހޭނެ ކަމަށެެވެ.

"އިންޑެކްސްއެއްގައި ގައުމެއް ހަތަރު ދަރަޖަ ފަހަތަށް ދިޔުމަކީ އޭގެ ދަށުގައި އޮތް ބައެއް ގައުމުތައް ހަތަރުފަސް ހަ، 10 ވަރަކަށް ދަރަޖަ، މިއީ ސްޓެޓިކްސްޓިކްސް ކުރިއެރުން ކަމަށް ވެސް ވެދާނެއެއްނު އަޅެ، އެނގިވަޑައިގެންފި ދޯ މި ދަންނަވާ އެއްޗެއް؟" މުންދު ވިދާޅުވި އެވެ.

މުންދު އެހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ ޖުމުލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފަ އެވެ.

އޭގެ އިތުރުން، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިގުތިސާދީ، ގާނޫނީ އަދި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިންޑިކޭޓަރުތަކަށް އައިސްފައިވާ ބަދަލުތައް ހިމެނެ އެވެ.

އެގޮތުން، އެންމެ ބޮޑު ވެއްޓުމެއް އައިސްފައި ވަނީ ނޫސްވެރިކަމަށް އޮތް އިގުތިސާދީ ގޮންޖެހުންތަކުގެ މިންގަނޑަށެވެ. ނޫސްވެރިކަމަށް އޮތް އިގުތިސާދީ ގޮންޖެހުންތަކުގެ މިންގަނޑު ވަނީ 39 ދަރަޖަ ދަށަށް ގޮސްފަ އެވެ.

ދެން އެންމެ ބޮޑު ވެއްޓުމެއް އައިސްފައި ވަނީ ނޫސްވެރިކަމާ ގުޅޭ ގާނޫނީ މިންގަނޑާއި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މިންގަނޑުންނެވެ. ނޫސްވެރިކަމާ ގުޅޭ ގާނޫނީ މިންގަނޑު 103 އިން 126 އަށް ދަށަށް ވެއްޓުނުއިރު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މިންގަނޑު ވަނީ 56 އިން 77 ވަނަ ދަރަޖައަށް ވެއްޓިފަ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 108 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ރޭންކު ކުރެވިފައި އޮތީ 104 ވަނައިގަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖެ ރޭންކު ކޮށްފައި އޮތީ 100 ވަނައިގަ އެވެ.

ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސާލާފައިވާއިރު، ފާއިތުވި އަހަރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. ވަކިން ހާއްސްކޮށް މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް ކޮންޓްރޯލް ކޮމިޝަނެއް އުފައްދައި މީޑިއާތައް ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް ވަނި އެކުލަވާލާފަ އެވެ

އޭގެ އިތުރުން، ސީދާ މުއިއްޒު ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި އޭނާއަށާއި އަދަދުގެ ނޫސްވެރިންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.  ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، 2025، ގެ އިރާކޮޅު 19:04 ގަ އެވެ.

އަދަދު ނޫހުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ނޫސްވެރިންނަށް މިދިޔަ އަހަރުގެ ތެރޭގައި މަރުގެ އިންޒާރުތައް ވެސް ލިބިފައިވެ އެވެ. އަދި ސީދާ ސަރުކާރުން އަންގައިގެން ނޫސްވެރިންގެ އަގުވައްޓާލުމަށާއި ބިރުދައްކައި ފަހަތަށް ޖެއްސުމުގެ އަމާޒުގައި ސޯޝަލް މީޑިއާގައި ކެމްޕޭން ހިންގާފައި އެބަހުއްޓެވެ. އެ ކެމްޕޭންތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ މީހުން ބައިވެރިވެފައިވެ އެވެ. 

ފިޔާޒުއަށް ގުޅައި މުއިއްޒު އިންޒާރު ދެއްވިތާ އަހަރެއް ފާއިތުވި ފަހުން މި އަހަރުގެ އެޕްރީލް 27، ގެ ރޭގެ ވަގުތެއްގައި ފުލުހުން ފޮނުވައިގެން އަދަދު ނޫހުގެ އިދާރާ ވަނީ ރެއިޑުކޮށްފަ އެވެ. އެ ރެއިޑުގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

މިއީ ރައީސް އޮފީހުގެ މުވައްޒަފަކު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ދީފައިވާ އިންޓަވިއުއަކަށް ބިނާކޮށް އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން އަދަދު ނޫސް ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކެކެވެ. އަދަދުގެ އޮފީސް ރެއިޑުކުރީ އެ ޑޮކިއުމެންޓްރީ އާންމުކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ.

އަދަދުގެ އޮފީސް ރެއިޑުކުރީ މުއިއްޒުއާ އެ ތުހުމަތުތަކާ ގުޅޭގޮތުން އަަދަދުން ސުވާލުކުރިތާ 12 ގަޑިއިރު ވެސް ނުވަނީހެވެ. މުއިއްޒު އެ ތުހުމަތުތައް ދޮގުކުރެއްވިއިރު އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުކޮށް އެ ދެ މީހުންގެ ޕާސްޕޯޓު ވަނީ އެ މައްސަލައާ ގުޅިގެން ހިފަހައްޓާފަ އެވެ. 

މި ހާދިސާތަކަކީ މި އަހަރު ތެރޭގައި ހިނގާފައިވާ ކަންކަމަށްވުމާއެކު މި ފަހަރުގެ އިންޑެކްސް އެކުަލަވާލިއިރު އެ ކަންކަމަށް ރިއާޔަތްކޮށްފައި ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox