ރިޕޯޓުމުއިއްޒުގެ އިއުތިރާފު އަދި ދެ ވަނަ ފުރުސަތެއް ދިނުމާމެދު ކުރެވޭ ބަހުސް

މުއިއްޒުގެ އިއުތިރާފު އަދި ދެ ވަނަ ފުރުސަތެއް ދިނުމާމެދު ކުރެވޭ ބަހުސް

ގާނޫނުއަސާސީގައި އެކަށައަޅާފައި އުސޫލުތަކަށް ބޯލަނބައި މަޝްރާތަކެއް ބާއްވައިގެން މެނުވީ، "ރައްޔިތުންގެ ވިންދު" ހުރި ގޮތް މުއިއްޒަށް އެނގިވަޑައިގަންނަވާނެކަން ގަބޫލެއް ނުކުރެ އެވެ. މިވަގުތު އެމަނިކުފާނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމުގެ ސާފު ހެއްކަކީ އިންތިހާބުގެ ނަތީޖާ އެވެ.

ރައީސް މުހައްމަދު މުއިއްޒު
ރައީސް މުހައްމަދު މުއިއްޒު

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން 10 ވަޒީރަކު އިއްޔެ ވަކި ކުރީ އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ "ރައްޔިތުންގެ ވިންދާ އެއްގޮތަށް" ސަރުކާރު ހިންގެވުމަށެވެ. 

އެހެންކަމުން، މީގެ ކުރިން ސަރުކާރު ހިންގަމުން އައީ ރައްޔިތުން ބޭނުންވި ގޮތަށް ނޫންކަމުގެ އިހުސާސް ރައީސުލްޖުމްހޫރިއްޔާއަށް ކުރެވިއްޖެ ކަމަށް ފެނެ އެވެ.

"ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވައިފި،" ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ރައީސް މުއިއްޒު އެދިވަޑައިގަންނަވަނީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެއްވުމަށް އިތުރު ފުރުސަތެއް ދެއްވުމަށެވެ. ވައުދުތައް ފުއްދަވައި، ގާނޫނުއަސާސީއަށް ބޯލަނބައި، ހެޔޮ ވެރިކަމެއް ކުރަން އަދި އިތުރު ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށް މުއިއްޒަށް ވިދާޅުވެއްޖެ އެވެ. 

އެކަމަކު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ބުނަނީ، ހެޔޮ ވެރިކަމެއް މުއިއްޒަށް ކުރެއްވޭނެކަން ގަބޫލުނުކުރައްވާ ކަމަށެވެ. އެމްޑީޕީގެ ޑިމާންޑަކީ މުއިއްޒު އިސްތިއުފާ ދެއްވައި، އަވަހަށް ރިޔާސީ އިންތިހާބެއް ބޭއްވުމެވެ. 

މިކަމުގައި ރައްޔިތުން ނަގަންވީ ކޮން ކޮޅެއްތޯ އެވެ؟ މުއިއްޒަށް އިތުރު ފުރުސަތެއް ދޭންޖެހޭތޯ އެވެ؟ ދެ ވަނަ ފުރުސަތެއް ދީފި ނަމަ "ރައްޔިތުންގެ ވިންދާ އެއްގޮތަށް" މުއިއްޒު ވެރިކަން ކުރައްވާނެތޯ އެވެ؟ 

ގަބޫލުކުރަން މަޖުބޫރުވެވަޑައިގެންނެވި ހިތި ހަގީގަތް އަދި އެމްޑީޕީގެ ސްޓޭންޑް

ވެރިކަން ކުރައްވަމުން އަންނަ ގޮތް ބަދަލު ކުރަންޖެހިވަޑައިގަންނަވާ ކަމަށް މުއިއްޒަށް ވިސްނިވަޑައިގަތީ އޭޕްރީލް 4، ގައި ބޭއްވި ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނުމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އަދި ރައީސްކަން ލިބުނީ ވެސް އިދިކޮޅު އެމްޑީޕީއަށެވެ. 

އޭގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި 68 ޕަސެންޓު ރައްޔިތުން ބުނީ، ސަރުކާރުން ބޭނުންވި ގޮތަށް ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.  

އޭޕްރީލް 4، ގައި ބޭއްވި ދެ އިންތިހާބާއި ވޯޓުން ކާމިޔާބު ހޯދި އިދިކޮޅު އެމްޑީޕީ އިން ދެކެނީ ރައީސް މުއިއްޒަށް ދެ ވަނަ ފުރުސަތެއް ހައްގު ނޫން ކަމަށެވެ. 

އެންމެ ފުރަތަމަ އެކަމަށް ގޮވާލެއްވި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިސްލާހުތައް ގެނެވޭނީ ރައީސް މުއިއްޒު ވެރިކަމާ ދުރުވެވަޑައިގެންނެވުމުން ކަމަށެވެ. 

"ބޭނުން ޖެހިފައިވާ އަސާސީ، އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާވައި ހިންގަން ރައީސް މުއިއްޒު ވެރިކަމުން ދުރަށް ޖެހިވަޑައިގެން، ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލެވުމަށް ގޮވާލަން ފެނޭ،" އިންތިހާބު ކާމިޔާބު ކުރުމަށްފަހު އޭޕްރީލް 4، ގައި ނަޝީދު ޕާޓީގެ ލީޑާޝިޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ. 

ނަޝީދުގެ އިތުރުން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވެސް ވަނީ މުއިއްޒު އިސްތިއުފާ ދެއްވާ އަވަސް އިންތިހާބެއް ބާއްވަން ގޮވާލައްވައިފަ އެވެ. 

"މިއަދު ރައީސް މުއިއްޒު މިނިސްޓަރުންނެއް ނޫން ވަޒީފާއިން ވަކިކުރަންޖެހެނީކީ. ރައީސް މުއިއްޒު މިއަދު އިސްތިއުފާ ދޭން ޖެހެނީ. އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން މި ގޮވާލަނީ ރައީސް މުއިއްޒު އިސްތިއުފާ ދީފައި އަވަސް އިންތިހާބެއް މި ގައުމުގައި ބޭއްވުމަށް،" ޣަފޫރު ވިދާޅުވި އެވެ. 

ކުރިން ނައިބުރައީސްގެ މަގާމުގައި ހުންނެވި ފައިސަލް ނަސީމް ވެސް ވިދާޅުވެފައި ވަނީ ގައުމަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ މުއިއްޒު އިސްތިއުފާ ދެއްވައި އަވަސް އިންތިހާބެއް ބޭއްވުން ކަމަށެވެ. 

"ސަރުކާރުގެ ނާގާބިލު ކަމުގެ ސަބަބުން ދިމާވާ ދަތިތަކާ އުނދަގޫ ތަކަށް ރައްޔިތުންނަށް ކެތްކުރެވޭނީ ވަކި ވަރަކަށް. ގައުމީ އެއްބައިވަންތަކަން ހިފަހައްޓާ އަވަސް އިންތިހާބަކަށްދާން މިސަރުކާރަށް ގޮވާލަން،" ފައިސަލް ވިދާޅުވެފައިވެ އެވެ. 

ހަގީގީ އިސްލާހަށް މުއިއްޒު ފުރުސަތު ދެއްވާނެ ކަމާމެދު އުފެދޭ ސުވާލު

އިންތިހާބުން ބަލިވިކަން ޔަގީންވެވަޑައިގަތުމުން މުއިއްޒު ވިދާޅުވީ "ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅު ކުރަންޖެހޭ މަސައްކަތްތައް" ކުރިއަށްގެންދަވާނެ ކަމަށެވެ. 

"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތް ﷲ ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒުގެ ކެބިނެޓުން 10 ވަޒީރަކު އިއްޔެ ވަކި ކުރީ، ބަލި ގަބޫލު ކުރައްވައި ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިތާ 10 ދުވަސް ފަހުންނެވެ. 

މުއްސަނދި ސިޔާސީ ތާރީހެއް އޮތް ދިވެހިރާއްޖޭގެ ރަށްތަކުގެ ވެރިއަކަށް ހުންނަވާތާ 869 ދުވަސް ފަހުން ނަމަވެސް ވެރިކަން މި ކުރެއްވެނީ ގޯސްކޮށް ކަމަށް ވެރި މީހާއަށް ގަބޫލު ކުރެވުމަކީ އޭގައި ރަނގަޅު ނިޔަތެއް އޮތް ނަމަ ބަލައިގަންނަންޖެހޭ ކަމެކެވެ. 

އެކަމަކު، މުއިއްޒުގެ އިއުތިރާފުން ރައްޔިތުންނަށް އުއްމީދެއް ނުލިބުނެވެ. އޭގެ ސަބަބަކީ އެމަނިކުފާނުގެ ނިޔަތް ހެޔޮ ކަމަށް ގަބޫލު ކުރަން ދަތިވުމެވެ. ކެބިނެޓުން 10 ވަޒީރަކު ވަކި ކުރުމަކީ އަދި ކެބިނެޓް ރިޝަފަލް ކުރުމަކީ އޭގެ ޒާތުގައި އިސްލާހެއް ނޫނެވެ. 

ވަޒީރުން ވަކި ކުރި ސަބަބާއި ކެބިނެޓާއި ވުޒާރާތަކަށް ގެނައި އިތުރު ބަދަލުތައް ގެނައީ ކީއްވެގެންކަން ރައްޔިތުންނަށް މުއިއްޒު ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވަ އެވެ. ގޯސްކޮށް ކުރެއްވުނުކަން ގަބޫލު ކުރެވުނު ކަންކަމާއި ކުރަން މި އުޅޭ މަސައްކަތަކާއި ގެންނަން މި އުޅޭ ބަދަލުތަކުގެ ހުރިހާ ތަފުސީލެއް ރައްޔިތުންނަށް އެނގެން ޖެހެ އެވެ. 

"ރައްޔިތުންގެ ވިންދާ އެއްގޮތަށް" ވެރިކަން ކުރައްވަން ގަސްތު ކުރައްވާ ކަމަށް ވިދާޅުވުމަކުން ނުފުދެ އެވެ. އެހެން ވިދާޅުވުމާއެކު މާނަ ހުރި މަސައްކަތްތަކެއް ކުރަންޖެހެ އެވެ. 

ގާނޫނުއަސާސީގައި އެކަށައަޅާފައި އުސޫލުތަކަށް ބޯލަނބައި މަޝްރާތަކެއް ބާއްވައިގެން މެނުވީ، "ރައްޔިތުންގެ ވިންދު" ހުރި ގޮތް މުއިއްޒަށް އެނގިވަޑައިގަންނަވާނެކަން ގަބޫލެއް ނުކުރެ އެވެ. މިވަގުތު އެމަނިކުފާނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމުގެ ސާފު ހެއްކަކީ އިންތިހާބުގެ ނަތީޖާ އެވެ.  

ގައުމަށްޓަކައި ކުރުން މުހިންމު އެތައް ބައިވަރު ކަމެއް އެބަހުއްޓެވެ. މިނިވަން މުއައްސަސާތައް މިނިވަން ކުރުމާއި ފަނޑިޔާރުގެ އާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވުން ހުއްޓާލަންޖެހެ އެވެ. 

ގައުމުގެ އިގްތިސާދު ހައްސާސް ހާލަތެއްގައި އޮއްވައި، އެތައް ހާސް ސިޔާސީ މުވައްޒަފުން ނަގައިގެން ކުރަމުންދާ އިސްރާފުތައް ވަގުތުން ހުއްޓާލަންޖެހެ އެވެ. ކޮރަޕްޝަންތަކާއި ވައްކަންތައް ބަލައި ފިޔަވަޅު އަޅަންޖެހެ އެވެ. 

ގައުމަށް ދާއިމީ ގޮތެއްގައި ގެއްލުންވާނެ ފަދައަކުން ކުއްލިއަކަށް ތައާރަފުކޮށްފައިވާ ސިޔާސަތުތައް ބަދަލު ކުރަންޖެހެ އެވެ. އޭގެ ތެރޭގައި ކޮރަޕްޓު ޖުޑިޝަރީއަކުން އިއްވާ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމުމާއި އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ވަދެގަތުމާއި ވޭޕް މަނާ ކުރުން ހިމެނެ އެވެ.

ހަނގުރާމައިގެ ހާލަތުގައި ވި އިހުމާލު

އިންތިގާލީ ސަރުކާރެއް ގާއިމް ކުރަން ގޮވާލައްވައި ނަޝީދު ފޮނުއްވި މެސެޖުގައި އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް ނުކުތާއަކީ މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރަން ފެށި ވާހަކަ އެވެ. 

"ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ. އަދި މި ދަނޑިވަޅު ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށް ބޮޑުކޮށް ކުރަން ފަށައިފި،" އެމަނިކުފާނު ވިދާޅުވި އެވެ. 

ހަނގުރާމައިގެ ވާހަކައަށް ސީރިއަސް ވިސްނުމެއް ދޭންޖެހޭ ކަމަށް ފެނެ އެވެ. އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބްރުއަރީ 12، ގަ އެވެ. ޔޫރަޕް އަދި ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދިޔައިރު މުއިއްޒު ހުންނެވީ އަތްއުރާލައްވައިގެންނެވެ. 

ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ ދިވެހިން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅެއް ވެސް ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގައުމާމެދު ވިސްނާ އެންމެން ބުނަމުންދިޔައީ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަންޖެހިފައި އޮތް ނަމަވެސް އެކަންނުކޮށް މުއިއްޒު މަޑުކުރައްވަނީ ކުރިމަތީގައި އިންތިހާބު އޮތުމުން ކަމަށެވެ. އެކަމާ ގުޅޭ ސުވާލެއް ނޫސްވެރިޔަކު ވެސް މުއިއްޒާ ކުރި އެވެ.

"ނޫން. [އިންތިހާބަށްފަހު ފިޔަވަޅު އެޅުމުގެ] އެކަހަލަ އެއްވެސް މަޝްވަރާއެއް ވެސް ނުކުރަން. އަދި އެގޮތަކަށް ނިންމާފައި އޮތް ކަމެއް ވެސް ނޫން. ތިޔަ ލިބިވަޑައިގެންނެވި މައުލޫމާތަކީ، ހަގީގީ މައުލޫމާތެއް ނޫން. އެހެންވީމާ، އިންތިހާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނުހުންނާނެ،" މާޗް 30، ގައި މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ގައުމު އިނދަޖެހުނުސް ހެޔޮ ކަމަށް ބަލައި ހަނގުރާމައިގެ ހާލަތުގައި ފިޔަވަޅެއް ނާޅައި ވެރިއަކު ހުރެދާނެ ކަމަކަށް އެކަކު ވެސް ހީނުކުރާނެ އެވެ. ރައްޔިތުން ބަނޑަށް ޖައްސާފައި ތިމާ އާއި ތިމާގެ އާއިލާ އާއި އައުވާނުން ބަނޑުފުރައިގެން ތިބެނީ އެންމެ ނުބައިނުލަފާ ވެރިން ލައްވާފައި ތިބޭ ގައުމުތަކުގަ އެވެ.

އެވަރުގެ ކަމެއް މީހަކު ކޮށްފާނެ ކަމަށް ހީނުކުރެވުނު ނަމަވެސް އިންތިހާބު ހަމަ ނިމުމާއެކު ސަރުކާރުން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ. އިންތިހާބު ނިމުމުން ތެޔޮ އަގުބޮޑުވެއްޖެކަން ސަރުކާރަށް އެނގިއްޖެ އެވެ. 

~~

"ރައްޔިތުންގެ ވިންދާ އެއްގޮތަށް" ސަރުކާރު ހިންގަން ބޭނުންވާ ނަމަ ހަގީގީ އިސްލާހުތަކެއް ތައާރަފު ކުރަންޖެހެ އެވެ. ރައްޔިތުންނާ މަޝްވަރާކޮށް އިސްލާހީ އެޖެންޑާއެއް އިއުލާން ކުރަންޖެހެ އެވެ.

މުއިއްޒުގެ އަމުރަށް މަސައްކަތް ކުރެއްވި ވަޒީރުން ވަކި ކުރުމަކީ ކޮސްމެޓިކް ސާޖަރީއެކެވެ. އެ ބަދަލުން ނުކުންނާނެ ވަކި ހެޔޮ ނަތީޖާއެއް އޮންނާނެ ކަމާމެދު ގަބޫލެއް ނުކުރެ އެވެ. 

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox