ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ގޮވާލައި 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުންގެ ސިޓީއެއް މުއިއްޒަށް

ރައީސް މުއިއްޒު: ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރިއިރު އެސޮރުމެންގެ އާބާދީ ވަރަށް ބޮޑަށް ދަށްވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރިއިރު އެސޮރުމެންގެ އާބާދީ ވަރަށް ބޮޑަށް ދަށްވި -- ފޮޓޯ: ރައީސް އޮފީސް

ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ނުދޭން ގޮވާލައި 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުން ސޮއިކޮށްފައިވާ ސިޓީއެއް ރައީސް މުހައްމަދު މުއިއްޒަށް ރޭ ފޮނުވައިފި އެވެ.

އަންނަ ނޮވެމްބަރު 1، އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އޯގަސްޓު 26، ގައި ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުންނެވެ. އެކަމަށް ބޭނުންވާ ގަވާއިދުތައް ވެސް މިހާރު ވަނީ ޑްރާފްޓުކޮށްފަ އެވެ.

މުއިއްޒަށް ފޮނުވި ސިޓީގައި ޖަމިއްޔާތަކާއި ސައިންޓިސްޓުން ބުނެފައި ވަނީ، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމުން އެކަމުން މަދު ބަޔަކަށް މަންފާއެއް ކުރި ނަމަވެސް އެކަމުގެ ސަބަބުން ގައުމަށް އިއާދަނުކުރެވޭނެ ގެއްލުން ލިބޭނެ ކަމަށެވެ.

"މެނޭޖްމަންޓް ޕްލޭނާއި ގަވާއިދު ފުންކޮށް ދިރާސާކުރުމަށްފަހު، އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މި ހުށަހެޅުމުން މަދު ބަޔަކަށް ކުޑަ މަންފާއެއް ލިބުނު ނަމަވެސް، ރާއްޖޭގައި އުޅޭ ކަށިމިޔަރުގެ އާބާދީތަކާއި ދުޅަހެޔޮ ކަނޑެއްގެ މައްޗަށް ބަރޯސާވާ މަސްވެރިންގެ ދިރިއުޅުމަށް އަދި ދިވެހި އިގްތިސާދުގެ މައިގަނޑު ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭނޭވަރުގެ ގެއްލުންތަކެއް ލިބޭނެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

"މި ސިޓީގައި ސޮއިކޮށްފައިވާ ރާއްޖޭގެ އަދި ބައިނަލްއަގްވާމީ 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުން ދިވެހި ސަރުކާރަށް ގޮވާލަނީ ކަށިމިޔަރުގެ މަސްވެރިކަން އަލުން ފެށުމުގެ މަސައްކަތް ހުއްޓާލުމަށް."

އެ ސިޓީގައި ފާހަގަކޮށްފައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ފަށައިފި ނަމަ އޭގެ އާބާދީ ވަރަށް ފަސޭހައިން ނެތިހިނގައިދާނެ ކަމަށެވެ. ފަށާއިރު ކަށިމިޔަރުގެ މަސްވެރިކަން ރަނގަޅުވި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސްވެރިކަން ވެސް ހީނަރުވާނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"ކަށިމިޔަރުގެ ބާވަތްތަކަކީ އޭގެ ޒާތުގައި އޭގެ މަސްވެރިކަންކުރުމުގެ ސަބަބުން ވަރަށް ފަސޭހައިން މުޅިއާބާދީއަށް ނުރައްކާވާފަދަ ނާޒުކު ދިރުމެއް. އެސޮރުމެންނަކީ ހެދިބޮޑުވެ ދަރިމައިވުމަށް ގިނަ ދުވަސްތަކެއް ހޭދަވާ، ރާއްޖޭގައި އުޅެން އެކަށީގެންވާ ސަރަހައްދު ކުޑަކަމުގައި ބެލެވޭ ބާވަތްތަކެއް ކަމުން، އެސޮރުމެންގެ އާބާދީތަކަށް މަސްވެރިކަން ތަހައްމަލެއް ނުކުރެވޭނެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

މިޔަރުގެ މަސްވެރިކަން މީގެ ކުރިން ރާއްޖޭގައި ކުރިއިރު، ކަށިމިޔަރުގެ އާބާދީގެ 97 ޕަސެންޓު ނެތިގޮސްފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"ރާއްޖޭގެ ތާރީހުން އެނގޭ ގޮތުގައި މި މަސްވެރިކަމަކީ ވަރަށް ކުރު މުއްދަތެއްގެ ފައިދާ ލިބޭ އަދި މަދު އަހަރުތަކެއްގެ ތެރޭގައި މަސްވެރިކަން ހީނަރުވާ 'ބޫމް އެންޑް ބަސްޓް' މަސްވެރިކަމެއް. އަންދާޒާކުރެވޭ ގޮތުގައި ކުރީގައި ކުރި މި މަސްވެރިކަމުގެ ސަބަބުން އެސޮރުމެންގެ އާބާދީ ވަނީ 97 އިންސައްތަ ދަށަށް ގޮސްފަ،" އެ ސިޓީގައި ބުނެފައިވެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުން މަސްވެރިކަމުގެ ގާނޫނާ ހިލާފު ކަމަށް ވެސް ސައިންޓިސްޓުންގެ ސިޓީގައި ބުނެފައި އޮތެވެ.

"މިއީ މަސްވެރިކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި [ޕްރިކޯޝަނަރީ އެޕްރޯޗް] ލިބެންހުރި އެންމެ ރަނގަޅު ސައިންސްޓިފިކް މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަމުގެ ވަސީލަތްތައް ބެލެހެއްޓުމަށް ލާޒިމުކުރާ މާއްދާތަކާއި ހިލާފު ކަމެއް،" އެ ސިޓީގައި ބުނެފައިވެ އެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް) ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި ނަމަ، ކަށިމިޔަރު އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭނީ ނޮން-ޑެޓްރިމެންޓަލް ސްޓަޑީއެއް ހެދުމަށްފަހު އެވެ. އެކަމަކު އެފަދަ ދިރާސާއެއް ހެދުމަށް ބޭނުންވާ މައުލޫމާތު ރާއްޖެއިން ރައްކާކޮށްފައިނުވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އެހެންކަމުން، ކަށިމިޔަރުގެ މަސްވެރިކަން ފެށި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސްވެރިކަން ހުއްޓާލަންޖެހުން ވަރަށް ގާތެވެ.

ކަށިމިޔަރު ދަރިމާވާން ފަށަނީ އެ ސޮރުމެންނަށް ގާތްގަނޑަށް 20 އަހަރު ފުރޭ ފަހުންނެވެ. އެއީ ކަށިމިޔަރު ފުރާފުރިހަމަވާން އެ މުއްދަތު ނަގާތީ އެވެ. އަދި ދަރިމައިވުމުގެ އުމުރަށް ދިޔުމުން، ވިހަނީ ދެ އަހަރު ބަލިވެ އިނުމަށްފަހު އެވެ.

ބާނަން ފަށައިފި ނަމަ، ކަށިމިޔަރުގެ އާބާދީ އެހާ އަވަހަށް ހުސްވެ، ނިމިދަނީ އެހެންވެ އެވެ. ކަށިމިޔަރުގެ 15 ބާވަތުގެ 11 ބާވަތަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ. މިޔަރުގެ ހުރިހާ ބާވަތެއްގެ ތެރެއިން، ނެތިދިޔުމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ބާވަތްތަކުގެ ތެރޭގައި ވެސް ކަށިމިޔަރު ހިމެނެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ފެށީ 1980 ގެ އަހަރުތަކުގަ އެވެ. އެ ބާވަތުގެ މަސްވެރިކަން ކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި ބާނާ ކަށިމިޔަރުގެ އަދަދު 50 ޕަސެންޓު މަދުވިކަން ދިރާސާތަކުން ދައްކަ އެވެ. އޭގެ ފަހުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރީ 2010 ވަނަ އަހަރެވެ. އެއިރު އެބާވަތުގެ މަސްވެރިކަން ކުރާ 38 އުޅަނދު ރާއްޖޭގައި ހަރަކާތްތެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox