ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަ ކުރަން ފިނޭންސް މިނިސްޓްރީން އަންގާފައި ވަނިކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮފީހުގައި މީޓިން ރޫމެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ވެމްކޯއިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ އާ އޮފީސް އިމާރާތުގައި މީޓިން ރޫމެއްގެ ކޮންސެޕްޓް ހަދައި، އިންޓީރިއާ ޑިޒައިންކޮށް، އައިޓީ ސެޓަޕް ހަދައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި އިތުރަށް ބުނީ މަސައްކަތް ކޮށްދޭ މީހުން އެތަނަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށް، އެތަކެތި ރާވައިދިނުމުގެ މަސައްކަތް ވެސް ކޮށްދޭން ޖެހޭ ކަމަށެވެ.
ވެމްކޯއިން ބުނީ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 8، ގެ ހެނދުނު 09:00 ގެ ކުރިން ރަޖިސްޓާ ކުރަން ޖެހޭނެ ކަމަށާއި ޕްރޮޕޯޒަލްތައް އޮކްޓޯބަރު 14، ގެ ހެނދުނު 11:00 ގެ ކުރިން tender@wamco.com.mv އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
މި އިއުލާނުގައި އެ މަސައްކަތަށް ހިނގާނެ ހަރަދަކާ ގުޅޭ މައުލޫމާތެއް ނެތެވެ. އިއުލާނުގައި އިތުރަށް ވަނީ އެ މަސައްކަތާ ބެހޭ އިތުރު މައުލޫމާތު ސެޝަން އޮކްޓޯބަރު 8، ގެ މެންދުރު 2:00 ޖަހާއިރު އޮންނާނެ ކަމަށް އެކަންޏެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ހަރަދު ކުޑަ ކުރުމަށް ފިނޭންސުން ސަރުކާރު ކުންފުނިތަކަށް އަންގައި ބައެއް ތަންތަނުގެ ބަޖެޓް ވެސް ވަނީ ކުޑަ ކޮށްފަ އެވެ. އަދި ޒަރޫޒީ ބޭނުންތަކަށް ފިޔަވައި އިތުރު ހަރަދުތައް ނުކުރަން ވަނީ އަންގާފަ އެވެ.
މިހެން ނަމަވެސް މި އެންގުމަށް އެއްވެސް އިޖާބަ ދިނުމަކާ ނުލާ، ކުންފުނިތަކުން ގެންނަނީ ހަރަދުތައް ކުރަމުންނެވެ. މިކަމާ ގުޅިގެން ފިނޭންސުން ނޫނީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.











