ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުބޭބޭފުޅު، އަބްދުލްމަޖީދު މާހިރު އަވަހާރަވެއްޖެ އެވެ.
އަބްދުލްމަޖީދު މާހިރު އަކީ ކުރީގެ ޑިފެންސް މިނިސްޓަރު، އަމީން ފައިސަލް އާއި އިނގިރޭސިވިލާތަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ފަރަހަނާޒް ފައިސަލްގެ ބައްޕާފުޅެވެ.
އަބްދުލްމަޖީދު މާހިރު އަކީ ދިވެހި ބޭސްވެރިކަމުގެ ފަންނުގައި އަރައި ހުންނެވި ހަކީމެކެވެ. އެ ރޮނގުން ބައެއް ފޮތްތައް ވެސް އެނާ ލިޔުއްވާފައިވެ އެވެ.
އޭގެ އިތުރުން އަބްދުލްމަޖީދު މާހިރު އަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި މަހްކަމަތުލް އަމަން އާންމުގެ ވެރިޔާގެ ނައިބުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން މާލެ މުނިސިޕަލްޓީގެ ރައީސްގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
އަދި، އަބްދުލްމަޖީދު މާހިރު އަކީ ތާރީހު ދިރާސާ ކުރައްވާ މުއައްރިހެއް ވެސްމެ އެވެ. އޭނާ އަކީ ޒުވާނުންނަށް ތާރީހު އުނގަންނައިދެއްވުމުގައި ވަރަށް ބުރަކޮށް އުޅުއްވި މުދައްރިބެކެވެ.

އަބްދުލްމަޖީދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. ސޯޝަލްމީޑިއާ، އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބްދުލްމަޖީދު މާހިރު އަކީ ރާއްޖެގެ އިސް ރަށްވެހީންގެ ތެރެއިން ފާހަގަ ކޮށްލެވެ ގަދަރުވެރި، ހިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަހުސިއްޔަތެއް ކަމަށެވެ.
"ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އަޅުގަނޑު އަޑު އެހީ ފުން ހިތާމައާއެކުގައެވެ. މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެކެވެ. ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެކެވެ. ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެކެވެ." ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
އަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ، އަހުމަދު އަލާ ދީދީ ވިދާޅުވީ ގެއްލިގެން އެދިޔައީ ރާއްޖޭގެ ތާރީހުގެ މުހިންމު ބާބެއް ކަމަށެވެ.
"އަބްދުލްމަޖީދު ފާހަގަ ކުރެވެނީ ރާއްޖޭގެ ނެޝަނަލް ޓްރެޝާއެއްގެ ގޮތުގައި، ނެތިގެން އެދިޔައީ ރާއްޖޭގެ ތާރީހުގެ ވަރަށް ބޮޑު ބާބެއް، އަބްދުލްމަޖީދު މާހިރުއަކީ ފަލްސަފާވެރިއެއް، ޅެންވެރިއެއް، ހިޔާލު ތަނަވަސް ފިކުރުވެރިއެއް، މުއައްރިހެއް،" އަލާ ވިދާޅުވި އެވެ.












