ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނަވަނިކޮށް މިދިޔަ މަހު ކުއްލިއަކަށް މަގާމުން ވަކިކުރި، އިބްރާހިމް ނާއިފް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފި އެވެ.
ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނާއިފް އައްޔަނު ކުރިކަން އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ އިއުލާނުކޮށްފަ އެވެ. އެ މަގާމަށް ނާއިފް އައްޔަނު ކުރުމުން ވެމްކޯގެ މެނޭޖުމަންޓުން ވަނީ އޭނާއަށް މަރުހަބަ ދަންނަވައިފަ އެވެ.
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ނާއިފް ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް "އަދަދު" އަށް އެނގިފައިވާ ގޮތުގައި ނާއިފް އެ މަގާމުން ވަކިކުރުމުގެ ކުރިން ފެނަކައިގައި މިހާރު އޮތް ޕްރޮކިޔުމަންޓް އުސޫލު ހަރުދަނާ ކުރުމުގެ މަސައްކަތުގައި އުޅޭތީ މި ދޭތެރެއިން ހިތްހަމަނުޖެހުންތަކެއް އުޅުނެވެ.
ނާއިފްއަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ވަރަށް ގާތް ބޭފުޅެއް ވެސް މެ އެވެ.













