ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެބްރުއަރީ 19، ގައި އިފްތިތާހުކޮށްދެއްވި ނަމަވެސް، މަގު ހެދުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަކަށް ނުދާކަން ހާމަވެއްޖެ އެވެ.
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ނުފެށި ދިގުލައިގެންދާ ކަމަށާއި މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށް އެންމެ ފަހުން ދިން ތާރިހަކީ މި ހިނގާ ސެޕްޓެމްބަރު މަސް ކަމަށެވެ.
"ފޭސް އެކެއްގައި ކުރިން ކުރިއަށްދިޔަ ޕްރޮޖެކްޓްގެ އިތުރުން މާ ބޮޑު ކަމެއް ނުވޭ. ފޭސް ދޭއް އަދި ނުވެސް ފެށޭ. ސެޕްޓެމްބަރުގައި ފެށޭނެ ކަމަށް ކުރިން ބުނީ. އަދިވެސް ފެށޭޭ،" ރަފީގު ވިދާޅުވި އެވެ.
ރަފީގު ވިދާޅުވީ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ސައިޓުގައި ކޮންމެވެސް ވަރެއްގެ ކާސްޓިން މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި ނަމަވެސް އެ މަސައްކަތް ވެސް މިހާރު ހުއްޓިފައިވާ ކަމަށެވެ.
މަގު ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން އެމްޓީސީސީއާ ބައްދަލުކުރާނެކަން ފާހަގަކުރައްވާ ރަފީގު ވިދާޅުވީ އެ ބައްދަލުވުމުގައި މަސައްކަތް ފެށުން ލަސްވެގެން އުޅޭ ސަބަބު ހޯދާނެ ކަމަށެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 50 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ހިމެނެ އެވެ. އެއީ ގާތްގަނޑަކަށް 12.7 ކިލޯ މީޓަރެވެ.
ރައީސް މުއިއްޒު ފެބްރުއަރީ 19، ގައި ފުވައްމުލައް ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައި އެ ކައުންސިލުން އެދުނު ގޮތަށް އަދި އެމަނިކުފާނު ވައުދުވި ގޮތަށް އެ ސިޓީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫގެ މަސައްކަތް ނިންމާލީ ދައުރު ނިމުމުގެ ކުރިންނެވެ. އަދި އެ މަޝްރޫއު ނިންމުމާއެކު ދެވަނަ ފިޔަވަހީގެ މަޝްރޫއު ފެށުމަށް ވެސް އޭރު ނިންމި އެވެ.












