ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ނާޖާއިޒުކޮށް، މީހުންނަށް ރިޝްވަތު ދީ، ފައިސާ ބަހައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ޕީޕީއެމް ދޫކޮށްލެވި ސަބަބާއި ޕީއެންސީގެ މެންބަރުންނަށް މިހާރު ފައިސާ ބަހާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން އޭރު މޭޔަރަކަށް ހުންނެވި، މިހާރުގެ ރައީސް މުއިއްޒު ޕީޕީއެމްގެ ސެނެޓުގެ މެޖޯރިޓީ ހޯދާފައި އޮތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ޕީޕީއެމްގައި އޮތް ސެނެޓް މުއިއްޒު އޮތީ ބައްލަވައި ގެންފައި. ޕީޕީއެމްގެ ސެނެޓުގެ ގިނަ މެންބަރުންކީ ސިޓީ ކައުންސިލުން ވަޒީފާ ދީފައިވާ ބޭފުޅުން،" ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ވެރިން ބޭނުންވީ އެމަނިކުފާނު ހަރަކާތްތެރިވިޔަ ނުދިނުމަށްޓަކައި ޕީޕީއެމްގެ އެތެރޭގައި ބަހައްޓަން ކަމަށާއި، ނަމަވެސް ޕާޓީގެ އެތެރެ ތަރުތީބުކޮށްފައި އޮތީ އެއްވެސް ކަމެއް ކުރާނެ ގާނޫނީ ޖާގައެއް ލިބޭ ގޮތަށް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރު ހިންގަމުން ދަނީ ރައްޔިތުންގެ ތާއިދު ހޯދައިގެން، ރައްޔިތުން ގަބޫލުކުރާ ސިޔާސަތެއް ވިއްކައިގެން ނޫން ކަމަށާއި، ކުރަމުން ދަނީ ފައިސާގެ ބާރުގައި ކުރާ ކަންތައްތައް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ އެއީ ޕީޕީއެމްއިން އަޅުގަނޑު ނުކުތް ސަބަބު، ވަރަށް ތިލަކޮށް މި ދެންނެވީ،" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ދިނީ ދުރާލައި އެގޮތަށް ރާވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރިން ވިދާޅުވެފައިވެ އެވެ. އަބްދުއްރަހީމްގެ މަސްލަހަތު އޮންނަ ފަރާތްތަކަށް ސިޓީ ކައުންސިލްގެ ތެރެއިން ބައެއް ކަންކަން ކޮށްދީފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ބަހާ ވާހަކައާ ގުޅޭ ގޮތުން "ބައިލައްކަ" ނަމުގައި "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ޕީއެންސީގެ ވެރިން ކަންބޮޑުވެ، އެހާ ވަރަށް "ތުރުތުރު" އެ އަޅަނީ އެކަމުގައި ހަގީގަތެއް އޮތުމުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ބައިލައްކަ" ޑޮކިއުމެންޓްރީގައި ފެންނަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ގެއަށް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަންނަ ތަނާއި، އެއަށް ފަހު ބަރު، ކަޅު ދަބަހެއް ނެރެގެންދާ ތަނާއި، އެ ދަބަސް މުހައްމަދު އަލީ ޕީއެންސީ އޮފީހަށް ވައްދާ މަންޒަރެވެ. އަދި އެ ވަގުތާ އިއްތިފާގުވެ، ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ވަކިވަކިން ޕީއެންސީގެ އޮފީހަށް ކުޑަ ހިނދުކޮޅަކަށް ވަދެނުކުންނަ މަންޒަރެވެ.
ޕީއެންސީގެ މެންބަރުންނަށް ފައިސާ ބަހާ ވާހަކަ ސަރުކާރުން ދޮގުކުރެ އެވެ. ނަމަވެސް ކޮންމެ މަހު ފައިސާ ލިބޭ ބައެއް މެންބަރުން އެކަން ކަށަވަރުކޮށްދީފައިވެ އެވެ.













