މަސައްކަތެއް ނެތި އަށް މަަސް ވަންދެން ތިބުމަށްފަހު ވަކިވި ދެ ނައިބުންނަށް ސަރުކާރުގެ ޝުކުރު

Sep 11, 2024, 10:24 AM
މަސައްކަތެއް ނެތި އަށް މަަސް ވަންދެން ތިބުމަށްފަހު ވަކިވި ދެ ނައިބުންނަށް ސަރުކާރުގެ ޝުކުރު

ޔޫތު މިނިސްޓްރީގެ ނައިބު ވަޒީރުންގެ ގޮތުގައި ހޭދަކުރެއްވި މުއްދަތުގެ ބޮޑު ބައިގައި ސަސްޕެންޝަނުގައި ތިއްބެވުމަށް ފަހު އިއްޔެ އިސްތިއުފާދެއްވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއަށް ސަރުކާރުން މިއަދު ޝުކުރު އަދާކޮށްފި އެވެ.

ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޝަނުގައި ތިއްބެވި މަލްޝާ އަދި ޝިއުނާ މަގާމުން އިސްތިއުފާ ދެއްވީ ސަސްޕެންޝަނުގައި ތިއްބަވައިގެން މުސާރަ ނަންގަވާތާ އަށް މަސްވެފައިވަނިކޮށެވެ. މި މުއްދަތުގައި އެއިން ކޮންމެ މީހަކު މުސާރައިގެ ގޮތުގައި ޖުމްލަ 252،000ރ. ނެންގެވި އެވެ.

އެހެން ނަމަވެސް އެ ދެބޭފުޅުންނަށް ޝުކުރުއަދާކޮށް ޔޫތު މިނިސްޓްރީގެ ސޯޝަލްމީޑިއާ ހޭންޑުލްތަކުން މިއަދު ޖެހި ޕޯސްޓްގައި ބުނީ މަގާމުގައި ތިއްބަވައިގެން ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން އެ ދެ ބޭފުޅުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި އެ ދެ ބޭފުޅުންގެ އިތުރުން، ހަމަ އެ މިނިސްޓްރީގެ ނައިބު މަހުޒޫމް މާޖިދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ އެވެ. މަހުޒޫމް އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫ އަރައި ހުޅުގަނޑު ފަޅައިގެން ދިޔައީ އެ ތިން މީހުން ވެސް އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ ސަބަބުންނެވެ. މި މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރިންނާއި އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރި އެވެ.

އެ ކަންތައްގަނޑުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ވިޔަފާރި ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ކުށްވެރިކުރި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އެރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ވަރުގެ ހީނަރުކަމެއް އައިސްފައިވެ އެވެ.

ނަމަވެސް ސަރުކާރުން މިހާރު ދަނީ އިންޑިއާއާ އެކު އޮތް ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އަލިމަގެއް ފެނި، މާލީ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން އެހީތެރިވާން ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް އަދި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެއަށް ވަޑައިގެންފަ އެވެ. މި ދަތުރުތަކުގައި ދެ ގައުމުގެ ދެމެދު ގިނަ މަޝްވަރާތަކެއް ވެސް ކުރި އެވެ.

ޝިއުނާ އަދި މަލްޝާއަކީ ރައީސް މުއިއްޒުގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވިއިރު ވެސް އެ ދެ ބޭފުޅުން އެ އިދާރާގައި މަސައްކަތް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox