ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު ތަރައްގީ ކުރަން ނިންމައި ބަންދުކުރި ގަލޮޅު ސިޓީ ޕާކު، އަލުން އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެތަން އާންމުންނަށް ހުޅުވާލަން ނިންމީ އެއީ ގަލޮޅުގައި އޮންނަ ހަމައެކަނި ހުސްބިމަށްވެފައި އެތަން ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާތީ ކަމަށެވެ.
ސިޓީ ޕާކު ސާފުކުރުމުގެ މަސައްކަތް މިހާރުގެ މޭޔަރު އާދަމް އާޒިމް ބައްލަވައިލައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ކައުންސިލުން ޕޯސްޓުކޮށްފައިވެ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ގިނަ ދުވަހު ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެތަން އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ.
ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމިކަން ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ އޮކްޓޯބަރު 14، 2022 ގަ އެވެ. އެމަނިކުފާނު އެއިރު ބޭނުންކުރެއްވި ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ޕާކު ތަރައްގީކުރާނެ ގޮތުގެ ކުރެހުންތަކެއް ވެސް ހިމަނުއްވާފައިވެ އެވެ.
އޮކްޓޯބަރު 25، 2022 ގައި ސިޓީ ކައުންސިލުން ވަނީ ސިޓީ ޕާކު ތަރައްގީކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ރައްޔިތުންނާއެކު ބައްދަލު ވެސް ކޮށްފަ އެވެ. އެ ރޭ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ޕާކު ތަރައްގީކުރަން ބަޖެޓު ނެތް ނަމަވެސް ސިޓީ ކައުންސިލްގެ ވިސްނުމަކީ އަމިއްލަ ހަރަދުގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުން ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ސިޓީ ޕާކުގެ ތަރައްގީ ކުރާނީ އެތަނުގައި ހުރި ބޮޑު އެއްވެސް ގަހެއް ނުނަގާ ކަމަށާއި އެ ޕާކު ހަދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހައިން އެކްސެސްވެވޭ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ ރޭ ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވި އެވެ.
ޕާކުގެ މަސައްކަތް ކުރާނެ ގޮތުގެ ކުރެހުންތަކަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމަށް އެ ރޭ ފުރުސަތު ވެސް ހުޅުވާލި އެވެ. ބައްދަލުވުމަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ވެސް އެކަން ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ނަމަވެސް އޭގެ ފަހުން އެ މަސައްކަތް ބަޔަކާ ހަވާލު ކުރި ކަމެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ. އެތަނުގައި ތަރައްގީގެ އެއްވެސް މަސައްކަތެއް މިދިޔަ ދެ އަހަރުގެ ތެރޭ ހިނގާފައެއް ނުވެ އެވެ.













