ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރި ސަބަބެއް އަދި ނޭނގެ އެވެ.
ޔޫސުފް އަބްދުލްގަފޫރު ވަނީ ޖޫން، 2014، ގައި ވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކޮށްފަ އެވެ.
ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މީހުންގެ އަދަދު މަދު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގައި މިހާރު ތިބި މީހުންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 700 އަށްވުރެ މާބޮޑަށް ވެސް އިތުރުވެފަ އެވެ.

ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ނުކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން އާންމު ރައްޔިތުންނާ ގުޅޭ ކަންކަމުގައި ހަރުކަށި ފިޔަވަޅުތައް އަޅަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.












