ސަރުކާރު ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން ބައެއް ކުންފުނިތައް އެއްކޮށްލަން މިއަދު ކެބިނެޓުގައި މަޝްވަރާ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން "އެކްސް" ގައި އާންމުކުރި ވީޑިއޯގައި ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ގެނައުމާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ގެނައުމަށް މަޝްވަރާ ކުރާނެ ކަމަށެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން ވެސް ކެބިނެޓުގައި މިއަދު މަޝްވަރާ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލު ކުރުން ނޫނީ އެމްއޭސީއެލްއާ މާޖް ކުރުން، މިފަދަ އެކި އޮޕްޝަންސްތައް އެމްއޭސީއެލްއާއި ރީޖަނަލް އެއާޕޯޓްސް އެކީގައި ހިންގޭނެ ގޮތްތަކެއް މަޝްވަރާ ކުރުން އެބަ އޮތް. އޭގެ ސަބަބުން ވާނެ ފައިދާތައް ވަރަށް ގިނަ ގުނަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ހަމަ އެއާއެކީގައި އެޗްޑީސީއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ދެ ކުންފުނި މާޖް ކުރުން ނޫނިއްޔާ އެޗްޑީސީގެ ދަށުން ހިންގާ ސަބްސިޑަރީއަކަށް އެފްޑީސީ ހެދުން. މިކަމާ ވެސް މަޝްވަރާ ކުރުން އެބަ އޮތް. މީގެއިން ރައްޔިތުންނަށް ވާނެ ވަރަށް ގިނަ ގުނަ ފައިދާތައް އެބަހުރި."

ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި އިގްތިސާދު ޑައިވާސިފައި ކުރުމަށް ކުރިއަށް ގެންދާ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ރާއްޖޭގައި ތައާރަފް ކުރުމާ ގުޅޭ ގޮތުން ވެސް ކެބިނެޓުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އެސްޓީއޯގެ ދަށަށް ފެނަކަ ކޯޕަރޭޝަން އަންނަ އަހަރުން ފެށިގެން ބަދަލު ކުރަން ނިންމާ، އެކަމުގެ މަސައްކަތްތައް ފަށާފަ އެވެ. އެގޮތުން އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ދަށަށް ފެނަކަ ގެނައުމަށް ކުރަން ޖެހޭ މަސައްކަތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.
އެއް މަސައްކަތެއް ކުރާ ކުންފުނިތައް އެއްކޮށްލުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ވެސް ލަފާދީފައިވާ ކަމެކެވެ.














