ބ. މާޅޮހުގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުނު ކެނަޑާ ފިރިހެނަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
ސްކޮޓް ވިލިއަމް އާމްސްޓްރޯންގް ހައްޔަރު ކޮށްފައި ވަނީ ޖުލައި، 2019، ގަ އެވެ. އޭނާގެ އަތުން ފެނުނީ 26 ގްރާމުގެ ކެނަބިސް އެވެ.
ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން ކެނަބިސްގެ 14 ގްރާމަށްވުރެ ގިނައިން ފެނިއްޖެ ނަމަ ބަލަންޖެހޭނީ އެއީ ޓްރެފިކް ކުރާ މީހެއްގެ ގޮތުގަ އެވެ. އާމްސްޓްރޯންގް އުމުރަށް ޖަލަށްލާން ހުކުމް ކުރީ އެހެންވެ އެވެ.
އެ މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން އާމްސްޓްރޯންގް ހުރި ގެސްޓްހައުސް ފާސް ކުރަން ފުލުހުން ދިޔުމުން އޭނާ އެ ވަގުތު ކުށަށް އިއުތިރާފުވެ، މަސްތުވާތަކެތި އަމިއްލައަށް ފުލުހުންނަށް ދައްކާފައިވާ ކަމަށެވެ.
ނަމަވެސް ފަހުން ކޯޓުގައި އޭނާ ވަނީ ޓްރެފިކިންގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި އޭނާގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ މަސްތުވާތަކެތި ފެނުނީ އާމްސްޓްރޯންގް ހުރި ކޮޓަރިން ނަމަވެސް އެއީ އިތުރު މީހުންނަށް ވެސް ވަދެ ނިކުމެ އުޅޭ ތަނެއް ކަމަށެވެ.

ނަމަވެސް ކޯޓުން ނިންމީ އާމްސްޓްރޯންގްގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރި އެވެ.
ބުރާސްފަތި ދުވަހު ހުކުމް އިއްވުމުގެ ކުރިން އާމްސްޓްރޯންގް ވަނީ ފަސް މަހާއި ނުވަ ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. އެހެންވެ ކޯޓުން ނިންމީ އޭނާ ފުރިހަމަ ކުރަންޖެހޭނީ 25 އަހަރު ދުވަހުގެ ޖަލު ހުކުމުގެ ތެރެއިން 24 އަހަރާއި ފަސް މަސް ކަމަށެވެ.












