ބަގާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތު އަމާޒުވެފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވަން ފައިނޭންސް މިނިސްޓްރީގެ އެދުމަށް ހާއްސަ އާންމު ޖަލްސާއެއް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން އެ ބޭންކުން މިއަދު ނިންމައިފި އެވެ.
ބީއެމްއެލްގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް މިދިޔަ ހޮނިހިރު ދުވަހު ފިނޭންސް މިނިސްޓްރީން އެދިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެހެންކަމުން އަންނަ ސެޕްޓެމްބަރު 21، ގައި އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެ ޖަލްސާގައި ހަމައެކަނި އޮންނާނީ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި އެޖެންޑާގައި ހިމެނިފައިނުވާ އިތުރު ކަމެއް ފާސް ކުރަން ހުށަހެޅިފައިނުވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލްގެ ބޯޑުގައި ތިބެނީ ސަރުކާރުގެ ފަރާތުން އައްޔަން ކުރާ ހަތް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނު ކުރާ ތިން ޑިރެކްޓަރުންގެ އިތުރުން ސަރުކާރުން ނަން ހުށަހަޅައިގެން އައްޔަނު ކުރާ މިނިވަން މުސްތަގިއްލު އެއް ޑިރެކްޓަރެވެ. ނަމަވެސް މިވަގުތު ބޯޑުގައި ތިބީ ޖުމުލަ އަށް މެންބަރުންނެވެ.

ސަރުކާރުން ތުހުމަތު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި އޮއްވައި ވެސް ރުފިޔާ އެކައުންޓުތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ބީއެމްއެލް އިން އާދީއްތަ ދުވަހު ކަނޑާލުމަކީ އެ ދުވަހު ކުރަން ރާވާފައި އޮތް ބަގާވާތުގެ ބައެއް ކަމަށެވެ. ބަގާވާތުގެ އަނެއް ބަޔަކީ މާލީ ހާލަތު ކިޔައިދޭން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ސޯޝަލް މީޑިއާގައި ސަރުކާރު ވައްޓާލަން ގޮވާލުން ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި އެއްވެސް މީހަކާ ސުވާލެއް ވެސް ނުކުރެ އެވެ.
އާދީއްތަ ދުވަހު ކުރަން އުޅުނީ ބަގާވާތެއް ކަމަށް ހޯދަ ދުވަހުގެ ރޭ ރައީސް މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ރޭ ވާހަކަ ދަައްކަވަމުން ބީއެމްއެލްއަށް ވެސް ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"އިއްޔެގައި [އާދީއްތަ ދުވަހު] އެ ނެރުނު ނިންމުން ނެރެން އުޅޭކަން އެނގުނު ހިސާބުން އަޅުގަނޑު ދިޔައީ, ޕާސަނަލީ އަޅުގަނޑު ދިޔައީ ވަރަށް ގިނަ މަސައްކަތް ކުރަމުން އަދި ކަމާގުޅޭ ވަޒީރުން ވެސް، އެހެން ނަމަވެސް ހަމަ އަޅުގަނޑު ދަންނަވަމުންދިޔަ އެއްވެސް ވާހަކައެއް އަޑުނާހައި އިއްޔެ [އާދީއްތަ ދުވަހު] އެ ނިންމުން ނެރެފައި އެއޮތީ،" ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.












