މި އަހަރު ނިމުމުގެ ކުރިން ސްޓޭޓު ޓްރޭޑިން އޯގަނައިޒޭޝަންގެ ދަށަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑު ބަދަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް މުއިއްޒު ނިންމަވާފައި ވަނީ ފެނަކައިގެ ސައްތައިން ސައްތަ ހިއްސާ އެސްޓީއޯއިން ގަތުމަށެވެ. މިގޮތަށް ނިންމީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަން މި އަހަރު ނިމުމުގެ ކުރިން ނިންމަން ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނައުމަށްޓަކައި އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި އެސްޓީއޯ ގުރޫޕުގައި އަމަލު ކުރަމުން އަންނަ ގޮތަށް ހިންގުން ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބު ކުރުމުގެ ފުރިހަމަ ބާރު އެސްޓީއޯއަށް ދީފައިވާ ކަމަށެވެ.
އެ ބަދަލުގެ ތެރެއިން ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު ވެސް އެސްޓީއޯއަށް ދިނުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ. ނަމަވެސް އެކަން ކުރާއިރު، ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް ވީވަރަކުން މުވައްޒަފުން ވަކިނުކޮށް އެހެން ތަންތަނަށް މުވައްޒަފުން ބަދަލު ކުރެވޭނެ ގޮތްތަކެއް ބެލުމަށް ރައީސް އިލްތިމާސް ކުރައްވާފައިވެ އެވެ.
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ފިނޭންސް މިނިސްޓަރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އިތުރުން އެސްޓީއޯގެ އިސް ބޭފުޅުން ހިމެނޭ ކޮމެޓީއެއް ހެދުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.

މި ނިންމުން ނިންމީ ޔުޓިލިޓީ ދާއިރާ ހަރުދަނާކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި، މި ބަދަލުގެ ސަބަބުން ފެނަކައިގެ ހިންގުން ހަރުދަނާވެ މާލީގޮތުން ބާރުވެރިވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.













