ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން ރައީސް އޮފީހުން މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މެންދުރު 1:00 ޖަހާއިރު އޮންނާނެ ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ކޮން ބައެއް ކަމެއް އަދި ނޫސްވެރިންގެ ބައްދަލުވުމުގެ މައުޟޫއެއް ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ޖޫން 2، ގަ އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދެއްކެވި އެ ބައްދަލުވުމަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން އެ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން އިއުލާނުކުރަން ބޭއްވި ބައްދަލުވެމެކެވެ.
އެ އޮފީހުން ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް އެޕްރީލް 28، ގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
މި ވެރިކަމުގެ އަށް މަސްދުވަހުގެ ތެރޭ ރައީސް އޮފީހުން ނޫސްވެރިންނާ ދެފަހަރު ދުރުވި އެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅުވެސް އެ އޮފީހުން ނޫސްވެރިންނާ ބައްދަލުނުކޮށް ދެ މަސްދުވަސް ދިޔަ އެވެ. އޭރު ރައީސް އޮފީހުގައި ތަރުޖަމާނަކުވެސް ނެތެވެ.

ރިޔާސީ ކެމްޕޭނުގައި މީޑިއާތަކާއި ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެމަނިކުފާނު އެންމެ ފަހުން ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވީ ޑިސެމްބަރު 5، 2023 ގަ އެވެ.














