ހުޅުމާލޭ ފޭސް 2ގެ ބޮޑު ބައެއް ފުރިފައި ވާއިރު، ހުސްކޮށް އޮތް ބިންތަކެއް ނުއަގުގައި ވިއްކަން އުޅޭ ކަމަށް، އެކަމުގައި އެޗްޑީސީގެ ފަރާތުން މުއާމަލާތް ކުރި ބައެއް ވިޔަފާރިވެރިންނާއި ފައިސާވެރިން ބުނެފި އެވެ.
ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިޔަކު "އަދަދު" ނޫހަށް ވިދާޅުވީ އިއުލާނު ކުރުމެއް ނެތި، ހުޅުމާލޭން ވިޔަފާރި ބޭނުމަށް ބިމާއި ދިރިއުޅުމަށް ގޯތި ވިއްކަން މަސައްކަތް ކުރާ ކަމަށެވެ. ވިޔަފާރި ބޭނުމަށް ބިން ދޫކުރަނީ ރަސްމާލެ ހިއްކުމުގެ ބަދަލެއްގެ ގޮތުގައި، އެ މަސައްކަތް ކުރިޔަށް ގެންދިޔަ ސީއެމްސީ ކުންފުންޏަށް ދިން ބިން ކަމަށް ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
"އެތަނުން، 4000 އަކަފޫޓު ވެސް، 5000 އަކަފޫޓު ވެސް ވިއްކަން އެބަ އުޅޭ. އަކަފޫޓެއް ވިއްކަނީ 4000ރ. އަށް،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭން ބައެއް ބިންތައް މިހާރު ވެސް ގަނެފައިވާ ފައިސާވެރިޔަކު ވިދާޅުވީ ހުޅުމާލޭން ގޯތި ވިއްކުމަށް އެޗްޑީސީގެ ފަރާތުން މީހަކު އޭނާއަށް ހުށަހެޅި ކަމަށެވެ.
"އެ މީހުން ހުށަހެޅީ 2،000 އަކަފޫޓުގެ ބިމެއް އަކަފޫޓެއް 4000ރ. އަށް،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭން ބިން ވިއްކުމުގެ ސިއްރު މުއާމަލާތްތަކެއް ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެޗްޑީސީގެ ފަރާތުން ބުނީ "ބިން ވިއްކުން ކުރިޔަށް ދަނީ އާންމުކޮށް އިއުލާނުކޮށްގެން، ބިޑު އުސޫލުން" ކަމަށެވެ.
ބީލަމުގެ އުސޫލުން 13 ގޯއްޗެއް ވިއްކަން މި އަހަރުގެ މެއި މަހު އެޗްޑީސީން އިއުލާނުކުރި އެވެ. އެއީ ބީޗު ސައިޑުން 1،800 އަކަފޫޓާއި 2،400 އަކަފޫޓުގެ ބޮޑުމިނުގެ ގޯއްޗެވެ.
އޭގެ ތެރެއިން ވިކުނީ ކިތައް ބިން ކަމެއް އަދި އެ ބިންތައް ވިކުނު އަގެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ. މީގެ ކުރިން ބީލަމުގެ އުސޫލުން ދޫކޮށްފައިވާ ގޯތި ގަތް ފަރާތްތަކާއި އަގު އެޗްޑީސީން ހާމަކޮށްފައިވެ އެވެ.
ކުރީގެ މެނެޖުމަންޓުން އެންމެ ފަހުން ގޯތި ވިއްކީ 2022 ވަނަ އަހަރު ފަހުކޮޅު އެވެ. އެ ގޯތިތަކަށް އެންމެ ބޮޑު އަގެއް ހުށަހެޅީ އަކަފޫޓަކަށް 6,060ރ. އެވެ. އަދި އެ އަހަރު ކުރީކޮޅު ވިއްކި ގޯތިތަކަށް ހުށަހެޅި އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 9,700ރ. އެވެ.
ނަމަވެސް މިހާރު އަކަފޫޓެއް 4،000ރ އަށް ވިއްކަން އުޅޭ ކަމަށް ކަމަށް އެ މުއާމަލާތުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ކަށަވަރުކޮށް ދިނެވެ.
މިފަދަ މުއާމަލާތަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ.
titledesc
އެޗްޑީސީން ނުއަގުގައި ބިންތައް ވިއްކުމަށް މަަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ގޮސް، ދައުލަތުގެ ރިޒާވް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ.












