މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބޭ ގެއްލުންތައް މޮނީޓާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޓާސްކް ފޯހެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ، މިއީ ވިއްސާރާއާ ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް އުފެއްދެވި ޓާސްކްފޯހެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ހީނާ ވަނީ ޓާސްކް ފޯހުގެ ބައްދަލުވުމެއްގެ ވީޑިއޯއެއް ވެސް ހިއްސާ ކުރައްވައިފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ޓާސްކް ފޯސް ޗެއާކުރައްވަނީ ރައީސް މުއިއްޒު އެވެ.
ރައީސްގެ އިތުރުން ޓާސްކް ފޯހުގައި ހިމެނެނީ
- ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
- ހޯމް މިނިސްޓަރު އަލީ އިހުސާން
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
- ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު
- ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު
- ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
- ސިފައިންގެ ޗީފު މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ
- ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
މި ޓާސްކް ފޯހުގައި ރާއްޖެއަށް ދިމާވާ ކާރިސާތައް މެނޭޖުކުރާ ދައުލަތުގެ އިދާރާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީގެ އަދި މޫސުމާ ބެހޭ ގައުމީ އިދާރާގެ އެއްވެސް ބޭފުޅަކު ހިމަނާފައެއް ނުވެ އެވެ.
ޓާސްކް ފޯހުން މިހާތަނަށް ވަކި ނިންމުމެއް ނިންމާފައިވާ ކަމެއް ވެސް ހީނާ ހިއްސާކުރެއްވި މައުލޫމާތަކު ނެތެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ބުނެވެ. ބުރާސްފަތި ދުވަހާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މި ވިއްސާރާގައި މާލޭގެ 252 ގެއެއްގައި ފެން ބޮޑުވެފައިވާ ކަމަށާއި 20 ރަށަކުން އެކިވަރުގެ ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މިރޭ ބުންޏެވެ.
މިއަދު މެންދުރު މާލެއަށް ވެހެން ފެށި ވާރޭ އަދިވެސް މެދުކެނޑިފައި ނުވާއިރު މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވާ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. ބައެއް ގެތަކަށާއި ފިހާރަތަކަށް ފެން ވަނުމުގެ ސަބަބުން ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ.
މާލޭގެ އިތުރުން އުތުރުގެ ގިނަ ރަށްތަކަށްވެސް މިހާރު ކުރަމުންދާ ވިއްސާރާގައި ވަނީ ގެއްލުން ލިބިފަ އެވެ.













