ރައީސް ޑރ. މުހައްމަދު މުއިއްޒު، އަވައްޓެރި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުން ކުރިއަށްދިޔައީ މިއަދު ހެދުނު އެ އޮފީހުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ލަންކާގެ މަޖިލީހުގެ ރައީސަށް މަރުހަބާ ދަންނަވާ، ރާއްޖެއާއެކު އެ ގައުމުން ބާއްވާ ގާތް ގުޅުން ފާހަގަ ކުރައްވައިފަ އެވެ. އަދި، އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ލަންކާގެ ރިޔާސީ އިންތިހާބު ސުލްހަވެރިކޮށް ކުރިއަށް ގެންދިއުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވި ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.
ރަސްމީ ދަތުރެއްގައި އަބޭވަރްދަނާ ރާއްޖެ ވަޑައިގެންނެވީ އާދިއްތަ ދުވަހު އެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް އިއްޔެ ވަނީ އަބޭވަރްދަނާ އާ ރަސްމީކޮށް ބައްދަލުކުރައްވާފަ އެވެ.
މި ދަތުރުގެ ތެރެއިން އަބޭވަރްދަނާ އަދި އޭނާގެ ޓީމުން ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ ގޮތް ބައްލަވާލައްވާފަ އެވެ.














