ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އުވައިލުމުގެ މަސައްކަތުގެ ތެރެއިން އެ ޕާޓީގެ މެންބަރުން ޕީއެންސީ އަށް ބަދަލުކުރުމަށް ހިންގާ ހަރަކާތުގައި ނިމިގެން ދިޔަ ހަފުތާ ބަންދުގައި ވެސް ގިނަ ބަޔަކު ޕީއެންސީ އަށް ވައްދައިފި އެވެ.
ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްވެ ތިއްބަވައިގެން ނިމިގެން ދިޔަ ބަންދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕީއެންސީ އަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔަ އެވެ.
ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުވެގެން ކަމަށް، އެކަމާ ގުޅޭ ގޮތުން "އަދަދު" ނޫހާ ވާހަކަ ދެއްކި ޕީޕީއެމް/ޕީއެންސީގެ މެންބަރުން ކުރިން ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ވެސް އެތެއް ފަހަރެއްގައި ޕީއެންސީގެ ޓީމުތައް ރަށްރަށަށް ދަތުރުކޮށް، ޕީޕީއެމްގެ މެންބަރުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. ޕީޕީއެމް އުވައިލުމަށް ރަސްމީކޮށް ހުށަހަޅާނީ ޕީޕީއެމްގައި މިހާރު ތިބި ގިނަ އަދަދެއްގެ މެންބަރުން ޕީއެންސީ އަށް ބަދަލުކޮށް ނިމުމުން ކަމަށް، މައުލޫމާތު ދިން ބޭފުޅުން ވިދާޅުވި އެވެ.
ޕީޕީއެމް އުވައިލުމަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ތާއިދު ނުކުރެއްވިޔަސް، އެކަމާ ދެކޮޅަށް ބަހެއް ވިދާޅުވާން އެ ބޭފުޅުންނަށް ކެރިވަޑައެއް ނުގަންނަވަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމު ކުރި މައުލޫމާތުގައި ވާގޮތުން މިއަހަރުގެ ޖުލައި 28، ގެ ނިޔަލަށް ޕީޕީއެމްގައި 34،827 މެންބަރުން އެބް ތިއްބެވެ. ވެރިކަން ކުރާ ޕީއެންސީގައި ތިބީ 28،704 މެންބަރުންނެވެ.
ޕީއެންސީގެ ޓިކެޓުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް އެ ކޯލިޝަނުގެ މައި ޕާޓީއަކީ ޕީޕީއެމް އެވެ. ރިޔާސީ ކެމްޕޭނުގައި ބޭނުންކުރީ އެ ޕާޓީގެ ކުލަ އެވެ. ކެމްޕޭނުގައި ބޮޑަށް ހަރަކާތްތެރިވީ ވެސް ޕީޕީއެމްގެ މެންބަރުންނެވެ.
ނަމަވެސް މިހާރު މައި ޕާޓީއެއްގެ ގޮތުގައި ފެންނަނީ ޕީއެންސީ އެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ފަރާތުން ވާދަކުރި ހުރިހާ ކެންޑިޑޭޓުން ނުކުތީ ޕީއެންސީ ޓިކެޓުގަ އެވެ. ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބައެއް މެންބަރުން ބޭނުންވި ނަމަވެސް އެ ފުރުސަތެއް ނުދެއްވި އެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ 75 މެންބަރުން އެބަ ތިއްބެވެ.












