ގާސިމް ޕީއެންސީ މެންބަރުންނަށް: "ވެރިން ކައިރީގައި ގިނަވާނީ ސަރުކާރު ހަލާކު ކުރަން ވާހަކަ ދައްކާ މީހުން"

ސަލަމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބަހުސް ހޫނުވީ ގާސިމް ދައްކަވަމުން ގެންދެވި ވާހަކައަށް އަޒާން ހުރަސް އެޅުމުން -- ފޮޓޯ: މަޖިލިސް

ސަލަމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބަހުސް ހޫނުވީ ގާސިމް ދައްކަވަމުން ގެންދެވި ވާހަކައަށް އަޒާން ހުރަސް އެޅުމުން -- ފޮޓޯ: މަޖިލިސް

ކަންކަމުގައި ވެރިންނަށް ލަފާ ދޭނީ އިހުލާސްތެރިން ކަމަށާއި، ނަމަވެސް ވެރިންގެ ކައިރީގައި ގިނަ ވާނީ ސަރުކާރު ހަލާކު ކޮށްލަން ކައިރީގައި ތިބެ ވާހަކަ ދައްކާ މީހުން ކަމަށް މާމިނގިލި ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ސަލަމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން ކޮންމެ ތިން އަހަރަކުން އެއްފަހަރު އެ ފީއަށް ބަދަލު ގެނެވޭ ގޮތަށް އޮތް އޮތުމާ ގުޅޭގޮތުންނެވެ.

އެ ބަހުސްގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން ވިދާޅުވީ ސަރުކާރުން މިފަދަ ބިލެއް ފޮނުވާނީ ވަރަށް ބޮޑަށް ދިރާސާކޮށްފައި ކަމަށާއި ސަރުކާރަށް ލިބޭ އާމްދަނީއާ ވެސް އެ އަދަދު ގުޅޭ ކަމަށެވެ.

ގާސިމްގެ ހިޔާލު ތަފާތުވީ ވަޒީފާ އާ ބެހޭ ގާނޫނުގެ 65-1 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރަން ހުށަހަޅައިފައިވާ މާއްދާތަކުގެ ތެރެއިން ކޯޓާ ދޫކުރުމުގެ ބައިތައް ހިމަނާފައި އޮތް މާއްދާގެ ނ. ރ. އަދި ބ. ގައި ހުރި ވާހަކަތަކާ ގުޅިގެންނެވެ.

އޭގައި އޮތީ ކޯޓާ ފީގެ ގޮތުގައި ކޮންމެ ކޯޓާއަކަށް 2000ރ. ދައްކަންޖެހޭނެ ކަމަށާއި ވަޒީފާ އާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ ތިން އަހަރަކުން އެއްފަހަރު އެ ފީއަށް 30 ޕަސެންޓަށް ވުރެ އިތުރު ނުވާ ވަރުގެ ބަދަލެއް ގެނެވޭނެ ކަމަށެވެ.

ގާސިމް ވިދާޅުވަމުން ގެންދެވީ އެ އިސްލާހުތައް އެ ހުރި ގޮތަށް ފާސްކޮށްފި ނަމަ ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކޮށްފާނެ ކަމަށެވެ. އަދި ސަރުކާރަކުން ފޮނުވާހައި އެއްޗެއް އެ އޮތް ގޮތަށް ފާސްކުރަން ނުޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ސަރުކާރެއް ހަލާކު ކޮށްލަން ވެރިއެއްގެ ކައިރީގައި ތިބެގެން ވާހަކަދައްކާ މީހުން ގިނަވާނީ، އެހެންވީމާ އެ ވާހަކަ ދައްކާނެ ކަމެއް ނެތް، މިއީ ކަނޑައެޅިގެން ގޯސް އެއްޗެއް، ކަނޑައެޅިގެން ގޯސް އެއްޗެއް،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ބޭނުމެއް ނޫން ލޯބީގެ ކަތުރަކުން ކަފާލާ ގޮތަށް ބަޔަކު ގާނޫނެއް ހަދާފައި ފޮނުވީމާ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ލޯބީގެ ކަތުރަކުން ކަފާލައި ނިންމާލާކަށެއް، އެހެންވީމާ އަޅުގަނޑު ތާއީދު ނުކުރަނީ."

އެހެން ވިދާޅުވުމަށްފަހު ކޮމިޓީ ދޫކުރައްވައި ގާސިމް ނުކުމެވަޑައިގެންނެވި އެވެ. އެއާއެކު ކޯރަމް ގެއްލި ކޮމިޓީ ވެސް މިއަދަށް ނިންމައިލީ އެވެ. ބަހުސް ހޫނުވެ ގާސިމް ނުކުމެވަޑައިގެންނެވުމުގެ ކުރިން އިސްލާހުގައި ހުރި ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ގާސިމް ވިދާޅުވަމުން ގެންދެވީ އެ އިސްލާހުގެ ސަބަބުން އިންފްލޭޝަން މައްޗަށް ދިޔުމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންގެ ވިޔަފާރިން ދެކޮޅު ނުޖެހުމުގެ މައްސަލަތައް ކުރިމަތިވެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"އެއްގޮތަކަށް ވެސް މި ނެގައިގެން ނުވާނެ، އެއީ ސަރުކާރެއް ލޯބީގެ ކަތުރަކުން ކަފާލާކަށެއް އަދި ބަޔަކު ތިއްބެއްކަމަކު މި ހަދާ މީހުން ހަދާފައި ފޮނުވިޔަސް އެތަނެއްގައި ކަންކަން ކުރަންވާނީ އެތަނަކަށް ސަކޭގާވާ މިންވަރަށް، ސަކޭގާ ނުވާ މިންވަރަށް ކަންތައްތައް އިތުރު ކޮށްގެން ރައްޔިތުންގެ ފެލާލައިގެން ލާރި ނަގަން އުޅުނަކަސް، މުޅި ޕްރޮޖެކްޓު ކޯސްޓާއި އެމީހުންގެ ލިވިން އެކްސްޕެންޑިޗާ ހުރިހާ އެއްޗެއް އަތް ނުފޯރާ ހިސާބަށް ބޮޑުވެގެންދާއިރު ސަލާމަތެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އަޒާންއަށް ލިބުނު ފުރުސަތުގައި ވިދާޅުވީ އިސްލާހެއް މަޖިލީހަށް ސަރުކާރުން ފޮނުވާނީ ވަރަށް ބޮޑަށް ދިރާސާ ކޮށްފައި ކަމަށެވެ. އަދި އެ އިސްލާހަށް ބަދަލުތަކެއް ގެނެސްފި ނަމަ ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއަށް އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.

"އެ ވަރަށް ދިރާސާ ކޮށްފައި ސަރުކާރުން ފޮނުވާނެ ކަމަށް އަޅުގަނޑު ލަފާ ކުރަނީ، އެހެންވީމާ އަޅުގަނޑުމެން މިއަށް ބަދަލުތަކެއް ގެންނަންވެއްޖެއްޔާ ސަރުކާރުން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީއަށް ވެސް އަސަރުތަކެއް ކޮށްފާނެ މިއަށް ބަދަލުތަކެއް ގެންނަންވެއްޖެއްޔާ،" އަޒާން ވިދާޅުވި އެވެ.

"ދެން އިގުތިސާދަށް އަންނަ ބަދަލުތަކާއި އިންފުލޭޝަނަށް އަންނަ ބަދަލުތަކުގެ ތެރެއިން ވިސާ ފީ، ކޯޓާ ފީއަށް އެ ނަގާ މިންވަރު ބަދަލު ކުރުމުގެ ބާރު ސަރުކާރަށް އޮންނަން ވާނެ، އެއީ މިއަދު މި ނަގާ 2000ރ. އެއް ނޫން، މީގެ ހަ އަހަރު ފަހުން އެ 2000ރ. ގެ ވެލިއު ތަފާތު ވެސް ވެދާނެ، އެހެންވީމާ އެ ފުރުސަތު އޮންނަންވާނެ ކަމަށް އަޅުގަނޑު ދެކެނީ،" އަޒާން ވިދާޅުވި އެވެ.

އަޒާންގެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ މަޖިލިސް މެންބަރުންނަކީ ސަރުކާރުން ބަޔަކު ހަދާފައި ދޭހައި ބިލެއް އެ އޮތް ގޮތަށް ފާސްކުރަން ތިބޭ ބައެއް ނޫން ކަމަށެވެ. މަޖިލިސް މެންބަރުންނަކީ ﷲ ގަނދީ ހުވައެއް ކޮށްގެން ތިބި ބައެއްކަން ގާސިމް އަޒާންއަށް ހަނދާން ކޮށްދެއްވި އެވެ.

"ސަރުކާރުން ބަޔަކު ބަލާފައި ހަދާފައި ފޮނުވާހައި އެއްޗެއް އަޅުގަނޑުމެން ބަލާކަން ނޫން މިތިބީ، ސަރުކާރު ޒިންމާދާރު ވާގޮތަށް މަސްއޫލިއްޔަތު އަދާ ކުރަންޖެހޭ ގޮތަށް ވެސް ކަންތައްތައް ކުރަންޖެހޭނެ ދެއްތޯ؟ ކޮންމެހެން ސަރުކާރު، ޕީއެންސީ ޕާޓީގެ މީހުންނަށް ވީމާ ތި ބޭފުޅުން އެކަނި އެގޮތަށް ވާހަކަދައްކައިގެން މިކަން ހަމައެއް ނުޖެއްސޭނެ، މާތް ﷲ ގަންދީ ކޮށްގެން ތިބި ހުވާގައި މިތިބީ، ގައުމަށް އިހުލާސްތެރިކަން އަދާ ކުރުމަށްޓަކައި، މިއީ އަޅުގަނޑު ވަކި ބޭފުޅަކާ ދިމާލަށް ބުނާ އެއްޗެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

އެ އިސްލާހު އޮތް ގޮތަށް ފާސްކޮށްފި ނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ސަރުކާރު ވައްޓާލަފާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ މި ސަރުކާރު ހިފެހެއްޓުމަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެ ވާހަކައަށް އަނެއްކާ ވެސް އަޒާން ހުރަސް އަޅަން މަސައްކަތް ކުރުމުން އަޑު ހަރުކޮށް ގާސިމް ވާހަކަދައްކަވަން ފެށްޓެވި އެވެ. އެގޮތުން ސަރުކާރެއް ދެކެ ބިރު ނުގަންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ސަރުކާރުން ފޮނުވާފައި އޮތީމާ، ސަރުކާރުން ބުނީމާ އެ ނިމުނީމާތަ؟ ލައިވްކޮށޭ އަހަރުމެން ވެސް ވާހަކަ މިދައްކަނީ، އަހަރުމެންނަށް މައްސަލައެއް ނެތޭ، ލައިވްކޮށް މިތަނުގައި މަނާ ވާހަކައެއް ނުދައްކައޭ، ސަރުކާރޭ ބުނީމާ އަހަރުމެން ތުރުތުރު އަޅާނެތަ؟ ސަރުކާރުގައޮ ތިބީ ކޮންބައެއްތަ؟ ކޯއްޗެއް އެނގޭ ބައެއްތަ ތިބީ؟ ސަރުކާރުގައި ތިބީ ވަކި ކޯއްޗެއް ދަންނަ ބައެއްތަ؟ އަހަރުމެންނަށް ނޭނގޭ ވަކި ކޯއްޗެއްތަ އެނގެނީ؟،" އޭނާ ވިދާޅުވި އެވެ.

ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ބިލު ހުށަހެޅީ ސަރުކާރުންނެވެ. އެ ބިލާ މެދު މިއަދު ކޮމިޓީގައި ގޮތެއް ނުނިންމުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox